މާވެލް ސިނެމަޓިކް ޔުނިވާސްގެ ފިލްމުތަކުގައި ކެޕްޓަން އެމެރިކާގެ ރޯލު ކުޅެގެން ކްރިސް އީވަންސް ވަނީ ގިނަ ބައެއްގެ ހިތްތައް ލޯބިން އަތުލައިގެންފަ އެވެ. ނަމަވެސް އެ ރޯލަށް އޭނާ ރަސްމީކޮށް އަލްވަދާއު ކިޔުމާއެކު ފޭނުންނަށް ވަނީ ރޮވިފައި އެވެ.
ކެޕްޓަން އެމެރިކާގެ ރޯލަށް އަލްވަދާއު ކީކަން ކްރިސް ހާމަކުރީ އޭނާ ކުރި ޓުވީޓެއްގައި އެވެ. އޭނާ އެ ރޯލު ކުޅެމުން އަންނަތާ މިހާރު އަށް އަހަރުވެއްޖެ އެވެ. މާވެލްގެ 10 ފިލްމެއްގައި އެ ރޯލުން އޭނާ ފެނިގެންދިޔަ އެވެ. އެންމެ ފުރަތަމަ ކުޅުނީ "ކެޕްޓަން އެމެރިކާ: ދި ފަސްޓް އެވެންޖާ" އެވެ. އެއީ މާވެލްގެ ފަސް ވަނަ ފިލްމެވެ.
ކްރިސް މިހާރު ވަނީ އޭނާ ފެނިގެންދާނެ މާވެލްގެ އެންމެފަހު ފިލްމު، "އެވެންޖާސް 4" ގެ ޝޫޓިން ނިންމާލާފަ އެވެ. ޓުވީޓްކުރީ ވެސް އެ ފިލްމުގެ ޝޫޓިން ނިންމާލުމަށްފަހު އެވެ.
"މިއަދަކީ ހިތައް ވަރަށް ފުންއަސަރުތަކެއް ކުރި ދުވަހެއް. މިދިޔަ އަށް އަހަރު އެ ރޯލު [ކެޕްޓަން އެމެރިކާ] ކުޅުމަކީ އަހަންނަށް ލިބުނު ބޮޑު ފަހުރެއް. ކެމެރާގެ ކުރިމަތީގައި އާއި ކެމެރާގެ ފަހަތުގައި އަދި އަހަންނަށް ސަޕޯޓުކުރި އެންމެނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ކްރިސްގެ ޓުވީޓްގައި ބުނެފައިވެ އެވެ.
ކްރިސް، މާވެލް ދޫކޮށްލަނީ އެ ސްޓޫޑިއޯއާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންނެވެ. "އެވެންޖާސް 4" އަށްފަހު މާވެލްގެ ފިލްމުތަކުގައި ސުޕަހީރޯގެ ރޯލުތަކުން ފެނިގެންދާ ގިނަ ތަރިންތަކެއްގެ އެ ސްޓޫޑިއޯއާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެ، އެ ރޯލުތަކަށް އަލްވަދާއު ކިޔާނެ އެވެ.