"ތި ލޯތްބަކީ މި ދުނިޔެ މަތީ ކަމެއް ނޫން، ތި ވަފާތެރިކަމުގައި ހައްދެއް ނެތް،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިހެނެވެ.
ރައީސް މައުމޫން އެ ޓްވީޓް އަމާޒު ކުރެއްވީ އަނބިކަނބަލުން ނަސްރީނާ އިބްރާހިމަށެވެ. އެކަމަނާގެ ފޮޓޯއަކާއެކު ކުރެއްވި ޓްވީޓްގައި ރައީސް މައުމޫން ވަނީ ނަސްރީނާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފަ އެވެ.
ނަސްރީނާގެ ހިތްވަރާއި ކެރުމަށް ރައީސް މައުމޫން މިނެއް ނެތް ތައުރީފް ކުރައްވާފައިވާއިރު އެކަމަނާގެ ލޯތްބާއި އޯގާތެރިކަން އަދި ވަފާތެރިކަން ރައީސް މައުމޫން ވަނީ އެންމެ މަތީ ދަރަޖައިން ސިފަ ކުރައްވާފަ އެވެ.
"އަހަރެންގެ އަންހެނުން، އަހަރެންގެ އެންމެ ގާތް އެކުވެރިޔާ، މި ނިއުމަތަށް މާތްﷲއަށް ހަމްދުކުރަން،" ރައީސް މައުމޫން ވިދާޅުވެފައިވެ އެވެ.
ރައީސް މައުމޫން ނަސްރީނާއަށް ތައުރީފް ކުރައްވައި ޓްވީޓެއް ކުރައްވާފައިމިވަނީ އެމަނިކުފާނު ޖަލުގައި އަށް މަސް ދުވަހު ހޭދަ ކުރެއްވުމަށް އެނބުރި ގެކޮޅަށް ވަޑައިގެންނެވެ. ކަފާލާތުގެ ދަށުން ރައީސް މައުމޫން ދޫކޮށްލާފައިވާއިރު އެމަނިކުފާނު މިނިވަން ކުރުމަށް ގިނަ މަސައްކަތްތަކެއް ނަސްރީނާ ކުރައްވާފައިވެ އެވެ.
އެއްގޮތަކަށް ވެސް މީޑިއާއާ ވާހަކަ ނުދައްކަވާ ނަސްރީނާ ވަނީ ރައީސް މައުމޫން ހައްޔަރުކުރުމާއެކު މީޑިއާގެ މައިކްތައް ކުރިމައްޗަށް ވެސް ނުކުންނަވާފަ އެވެ. އެމަނިކުފާނުގެ ހައްގުގައި ބަޔާންތައް ވެސް ނެރުއްވި އެވެ. މުއައްސަސާތަކަށް ވެސް ހިންގެވި އެވެ.
ރައީސް މައުމޫން ޖަލުގައި އޮންނެވިއިރު އާލާސްކަންފުޅު ބޮޑުވެގެން ކޮންމެ ދުވަހަކު ލޯންޗުކޮޅުގައި ދަތުރު ކުރައްވައި ޖަލަށް ވެސް ނަސްރީނާ ވަޑައިގެންނެވި އެވެ. ނަސްރީނާ ވަނީ ރައީސް މައުމޫން މިނިވަން ކުރެވެން އޮތީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިންމައިގެން ކަމަށް ގަބޫލު ކުރައްވާތީ އައްޑޫ ސިޓީއަށް ވަޑައިގެން އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ކެމްޕެއިން ވެސް ކުރައްވާފަ އެވެ.