މިނިވަން މުއައްސަސާތަކަކީ އަބަދުވެސް މިނިވަންކަންމަތީ، މީހެއް ނޫނީ ބައެއްގެ ނުފޫޒެއް ނެތި އެންމެންގެ އަޑު އަހައިގެން ނަޒާހަތްތެރިކަމާއެކު ހަރަކާތްތެރިވާން ޖެހޭ ތަންތަނެވެ. ރައްޔިތުންގެ ހައްގުތައް އެންމެ ބޮޑަށް ގުޅިފައިވަނީ މުއައްސަސާތަކާ އެވެ. ބާރުތައް ވަކިވެފައިވާ ޑިމޮކްރަސީއެއްގައި ހައްގުތައް ކަށަވަރުކޮށްދޭން އޮތް ތަންތަނަކީ އެއީ އެވެ. ބާރުތަކުގެ މެދަށް ފާރަވެރިންގެ ގޮތުގައި މުއައްސަސާތައް ފައްތާފައިވަނީ ނަމެއްގައެއް ނޫނެވެ. އެކަމަކު ގިނަ ފަހަރަށް ފެންނަނީ އެ މަންޒަރެއް ނޫނެވެ.
ރައްޔިތުންގެ ހައްގުތަކާ ގުޅޭ މިހާ ބޮޑު މަސްއޫލިއްޔަތެއް މިނިވަން މުއައްސަސާތަކަށް ދީފައިވާއިރު އެ މުއައްސަސާތަކުގެ އަމަލުތައް ފެންނަނީ އެއްގޮތަކަށް ވެސް ފެންނަން ޖެހޭ ގޮތަކަށް ނޫނެވެ. މިނިވަންކަމާއެކު، އެންމެންގެ އަޑު އަހައިގެން ކުރިއަށްދާ ހަމަ އެންމެ މިނިވަން މުއައްސަސާއެއް ވެސް އޮތެކޭ ބުނަން ދައްޗެވެ. މުއައްސަސާތަކުން އެއިރަކު "ގަދަވާ" ފަޅިއެއް އިހްތިޔާރުކޮށް، މަގާމު ދިފާއު ކުރެއްވުމުގައި އިސް ވެރިން އުޅޭ މަންޒަރު ފެންނަނީ މަދަކުން ނޫނެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި ތަނަކަށް މިނިވަން މުއައްސަސާތައް ވާނެ އެވެ. އެ މުއައްސަސާތަކަށް ހިނގާ ހިނގާ ރައްޔިތުންގެ ފައިވާން ފޫދާއިރު ވެސް ޖަވާބެއް ނޫނީ އަޅާލުމެއް ނުލިބޭ ކަމުގެ ޝަކުވާތައް ބޮޑެވެ. ހާއްސަކޮށް ސިޔާސީ ކަންކަމާ ގުޅިގެން މި ޝަކުވާ ބޮޑުވެ އެވެ. ވަކި ބަޔަކަށް ތުހުމަތުވާނަމަ އެ މައްސަލައެއް "އޮއްބާލައި" އަނެއް ބަޔަކަށް ތުހުމަތުވާނަމަ ދެފަޔަށް ހިނި އަރައިގެން އުޅޭ އުސޫލުން މައްސަލަ ތަހުގީގު ކުރެ އެވެ.
މީގައި އެންޓި ކޮރަޕްޝަން ކޮމިޝަނެއް، އިލެކްޝަން ކޮމިޝަނެއް، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހެއް، ހިއުމަން ރައިޓްސް ކޮމިޝަނެއް، ބްރޯޑްކާސްޓިން ކޮމިޝަނެއް އިސްތިސްނާއެއް ނުވެ އެވެ.
ރައީސް ޔާމީން އިންތިހާބުން ނާކާމިޔާބެވަޑައިގެން، ބާރުތައް ވާދެވެރިންގެ އަތް މައްޗަށް ދާން ފެށުމާއެކު އެނބުރޭ ވަހުތާނެއް ފަދައިން މިނިވަން މުއައްސަސާތައް އެނބުރިގެންދާ މަންޒަރު މިހާރު ދަނީ ފެންނަމުންނެވެ. ރައީސް ޔާމީނަށް ތުހުމަތުވާ މައްސަލަތައް ވެސް ބަލަން ފަށައިފި އެވެ. ޝަކުވާތައް ވެސް އަޑުއަހަން ފަށައިފި އެވެ. އެކަމަކު އެ ކަންތައްތަކަކީ މީގެ ކުރިން ފެންނަ ކަމަކަށް ނުވެ އެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަބުރުފުޅަށް އަރައިގަނެ ޕްރޮގްރާމެއް ސަރުކާރު ޕްރޮމޯޓްކުރާ ޗެނަލަކުން ދެއްކުމުން އެއްވެސް ކަމަކަށް ނުވެ، ރާއްޖެޓީވީއަށް އެކި ފަހަރު މަތިން ބޮޑެތި ޖޫރިމަނާތައް ކުރި ބްރޯޑްކާސްޓިން ކޮމިޝަނަށް މިހާރު ވަނީ ހަމަހަމަކަމާއެކު މިވީ އަހަރުތަކުގައި މަސައްކަތް ނުކުރެވޭކަން އެނގިފަ އެވެ. އެ ވާހަކަ އެ ކޮމިޝަނުން ވަނީ ދައްކާފަ އެވެ. ޕީއެސްއެމްއިން ހަމަހަމަކަން މަތީ ޕްރޮގްރާމްތައް ގެނެސްފައިނުވާ ކަމަށް ވަނީ ބުނެފަ އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ބަލާނަމަ، މީގެކުރިން އެ އޮފީހުގެ އިއުތިރާޒުތަކާ ގުޅިގެން އެތައް ދުވަހަކު، ބަލި ހާލަތުގައި ވެސް ސިޔާސީ ބޭފުޅުންތަކެއް ބަންދުގައި ތިއްބެވެ. ނަމަވެސް ރައީސް ޔާމީނަށް ވެރިކަން ގެއްލުނުތާ 24 ގަޑިއިރު ނުވަނީސް އެމީހުން ބަންދުގައި ބައިތިއްބަންޖެހޭ ސަބަބު ނެތްކަން އެ އޮފީހަށް ފެނުނެވެ. ފުލުފުލުގައި ބޭފުޅުން މިނިވަން ކުރުމުގައި އިއުތިރާޒެއް ނެތް ކަމަށް ދަނީ ބުނަމުންނެވެ. ދޫކުރާ އަމުރުތައް އިސްތިއުނާފު ކުރުމުގެ ވިސްނުމެއް ވެސް ނެތެވެ. އެމީހުން ބަންދުގައި ބެހެއްޓި ސަބަބަކީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވުންކަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ އެ އަމަލުތަކުން މިހާރު އެބަ ސާފުވެ އެވެ.
ހަމައެހެން، އިލެކްޝަން ކޮމިޝަންގެ ތެރެއިން ވެސް ފެންނަމުން ދަނީ މިފަދަ މަންޒަރުތަކެވެ. ރައްޔިތުންގެ އެންމެ ބޮޑު ހައްގެއް އަތް މަތީ ގެންގުޅެނީ އިލެކްޝަން ކޮމިޝަނުގެ ފަރާތުންނެވެ. ރައްޔިތުންގެ ނިންމުން ހެޔޮ ގޮތުގައި އެއްވެސް އޮޅުވާލުމެއް ނެތި އާންމު ކުރުމަކީ އެ ކޮމިޝަންގެ މައްޗަށް ލާޒިމް ކަމެކެވެ. ޕާޓީތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ހުރިހާ ޕާޓީއަކަށް އެއް ހަމައެއްގައި އެއް ގޮތަކަށް އަމަލުކުރުމަކީ ވެސް އެ ކޮމިޝަންގެ މައްޗަށް ވާޖިބު ކަމެކެވެ.
އެކަމަކު، މިވީ ފަސް އަހަރުގެ ތެރޭގައި ސަރުކާރު ހިންގާ، ޕީޕީއެމް އާއި އިދިކޮޅު ޕާޓީތަކާ ދެމެދު ބޮޑެތި ތަފާތުކުރުންތައް އިލެކްޝަން ކޮމިޝަނުން ގެންގުޅުނުކަން އެއީ ފެންނަން އޮތް ހަގީގަތެކެވެ. މަގުމަތީ ސިޔާސީ ހަރަކާތެއް ހިންގުމަށް އިދިކޮޅަށް ފުރުސަތު ވެސް ލިބިފައިނުވާއިރު، ޖަލްސާއެއް ބޭއްވުމަށް ތަނެއް ހަމަޖައްސައި ނުދޭއިރު ވެސް ކޮމިޝަން އޮތީ ހިމޭނުންނެވެ. އޭރު ވެސް ޕީޕީއެމްއިން ބޭނުންވީމަ ސައިކަލް ބުރުތަކާއި ޖަލްސާތައް ދިޔައީ ބާއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ މައްސަލައަކީ ސަރުކާރަށް "ފަހިވާ" ގޮތަށް އިލެކްޝަން ކޮމިޝަނުން ކޮށްފައިވާ ކަމެއް ކަމަށް އެ ކޮމިޝަނުން އެންމެ ފަހުން ނިންމި ނިންމުމުން ވަރަށް ބޮޑަށް ހާމަވެ އެވެ. އެ 12 މެންބަރުންގެ ގޮނޑި ގެއްލުވާލީ އިލެކްޝަން ކޮމިޝަނުންނެވެ. އެއް އަހަރަށްވުރެ ގިނަ ދުވަސްވަންދެން މަޖިލީހަށް ވަންނަން ހުރަސް އެޅީ އެ ކޮމިޝަނުންނެވެ. އެންމެ ބޭނުމެއްގަ އެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގިޔަ ނުދޭށެވެ. މިހާރު އިލެކްޝަން ކޮމިޝަނުން ބުނަނީ ގޮނޑި ގެއްލޭފަދަ ކަމެއް އެ މެންބަރުންގެ މައްސަލާގައި ނެތް ކަމަށެވެ. އެކަން ކޮމިޝަނަށް އެނގުނީ އަލުން ރިވިއުކުރުންނެވެ. އެވެސް އެއް އަހަރަށްވުރެ ގިނަ ދުވަސްވީ ފަހުންނެެވެ. ބޮޑެތި ތުހުމަތުތަކާއި އިންޒާރުތައް ކޮމިޝަންގެ މެންބަރުންނަށް ސަރުކާރުގެ ފަރާތުން ލިބެން ފެށުމުންނެވެ. އެ ކޮމިޝަން މިނިވަންވީ އެ ބޭފުޅުންގެ ގައިގައި އައިސް ކަމެއް ލައްވާލީމަ އެވެ.
އިލެކްޝަން ކޮމިޝަނަށް އެއް އަހަރު ދުވަސް ފަހުން އެނގުނު ކަމަކީ ތަކުރާރުކޮށް އެ މެންބަރުން ވިދާޅުވަމުން ގެންދެވި ވާހަކައެކެވެ. ގޮނޑި ގެއްލޭ ހުކުމުގެ ކުރިން އެ މެންބަރުން ޕާޓީއިން ވަކިވާން ސިޓީ ހުށަހެޅުއްވިކަން އެއީ ލިޔެކިޔުމުން ފެންނަން ހުރި ހަގީގަތެވެ. ޝަރީއަތުގެ މަޖިލީހުގައި ސާބިތު ވެސް ކޮށްދީފައިވާ ކަންކަމެވެ. ނަމަވެސް އޭރު އިލެކްޝަން ކޮމިޝަނުން އެއެއް އަޑެއް ނާހަ އެވެ. ފެންނަ ކަމަށް ވެސް ނުހެދި އެވެ. އެންމެ ކުޑަމިނުން ޝަރީއަތުގެ މަޖިލީހުގައި ވެސް ކޮމިޝަންގެ ސްޓޭންޑް ބަދަލުކޮށްފައެއް ނުވެ އެވެ.
މިހާރު އިލެކްޝަން ކޮމިޝަނުން ވަނީ ޕީޕީއެމްގެ ކޮންގްރެސް ވެސް ބާތިލްކޮށްފަ އެވެ. ނުފޫޒެއް ނެތި، "މިނިވަން"ކަމާއެކު އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށް ދަނީ ބުނަމުންނެވެ. ކޮމިޝަންގެ ނިންމުންތައް ކުއްލި ގޮތަކަށް ބަދަލުވުމަކީ މައްސަލައެކެވެ. ކޮމިޝަން އެގޮތުގައި މަސައްކަތް ކުރަން ޖެހޭނީ ފެށުނީންސުރެ އެވެ. ސަރުކާރުގެ ފަރާތުން "ހިމާޔަތް" ގެއްލުނީމައެއް ނޫނެވެ.
ގޮނޑީގެ މައްސަލާގައި ގިނަ ގެއްލުންތަކެއް ލިބުނު މުހައްމަދު އަމީތު ވިދާޅުވި ގޮތުގައި މިހާރު މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަކީ ނަޒާހަތްތެރި ބޭފުޅުންނެއް ނޫނެވެ. ރައީސް ޔާމީންގެ ބާރު ކެނޑިފައިވާކަން ގަބޫލު ކުރެވުމުން އަސްލު އަމަލު ކުރައްވަންޖެހޭ އުސޫލަށް އަމަލުތައް ބަހައްޓަވަން ފެއްޓިޔަސް އެކަން ދެން ބަލައިނުގަނެވޭނެ ކަމަށް އަމީތު ވިދާޅުވި އެވެ.
"އިލެކްޝަން ކޮމިޝަނުގަ ވެސް އޭސީސީގަ ވެސް ބްރޯޑްކާސްޓިން ކޮމިޝަނުގައި ވެސް މިތިބީ އެތަނުން އިސްތިއުފާ ދީފަ ގެއަށް ދާން ޖެހޭ މީހުން، ހަމަހަމަކަމާއެކު މަސައްކަތް ނުކުރެވެއޭ ބުނުމަކުން ނުނިމޭނެ، އެންމެ ޒިންމާދާރު ގޮތަކީ ޒިންމާ އަދާ ނުކުރެވުނު ކަމަށް ދެކި އިސްތިއުފާ ދީފަ ގެއަށް ދިޔުން،" އަމީތު ވިދާޅުވި އެވެ.
އަމީތު ވިދާޅުވި ގޮތުގައި ދައުލަތެއް ރަނގަޅު ގޮތުގައި ހިންގުމަށް މިނިވަން މުއައްސަސާތަކުގައި ނަޒާހަތްތެރި ބޭފުޅުން ތިބުން ވަރަށް މުހިންމެވެ. އެހެންވެ އާ ސަރުކާރު އުފެދި މަޖިލިސް ފެށުމާއެކު އެންމެ ފުރަތަމަ ވެސް ކުރައްވާނެ މަސައްކަތަކީ މިނިވަން މުއައްސަސާތަކުގައި މިހާރު ތިއްބެވި ބޭފުޅުން ބަދަލުކޮށް ނަޒާހަތްތެރިން އެ މަގާމުތަކަށް އައްޔަން ކުރުން ކަމަށް އަމީތު ވިދާޅުވި އެވެ.
"މުޅިން ވެސް ސޫރަ ބަދަކުކުރާ މީހުން އެތަންތާ މިތިބީ، މުޅި މުއައްސަސާތަކުގަ، ރައީސް ޔާމީންއަށް އަޅުވެތިވެގެން މަސައްކަތްކޮށް ދިން މީހުން އެއީ، ރައީސް ޔާމީންގެ ބާރު ނެތިގެން ދިޔައީމަ ހިހޫ ތަނުގަ ތިބުމުގެ ބޭނުމެއް ނެތް، އިސްތިއުފާ ދީފަ ގެއަށް ނުގޮސްފިނަމަ މަޖިލީހުން ބަދަލު ވެސް ކުރާނަން، ދައުލަތް ހިނގަން ފަސް ބައި ސާފު ބަޔަކު ގެންނާނަން، އެ ބަދަލު އަންނާނެ، ދެން ވެސް މިސާލެއް ދައްކަން ބޭނުންވާނަމަ އިސްތިއުފާ ދޭންވީ،" އަމީތު ވިދާޅުވި އެވެ.
މިނިވަން މުއައްސަސާއެއް ނޫނެވެ. އެކަމަކު އެންމެ ބޮޑު ފިލާވަޅެއް މި ފަސް އަހަރުގެ ތެރޭގައި ލިބުނު ބޭފުޅަކަށް ވާނީ ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރެވެ. ސުޕްރީމް ކޯޓަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑަށް "ކިލަނބުވި" މުއައްސަސާ ކަމަށް ހުދު ރައީސް ޔާމީން ވެސް ވަނީ ވިދާޅުވެފައިވެ އެވެ. އެމަނިކުފާނު އެހެން ވިދާޅުވީ އެކެއް ފެބުރުއަރީގެ އަމުރަށްފަހު އެވެ. ސަބަބަކަށް ވީ، އެމަނިކުފާނާ ދެކޮޅަށް ކަމެއް ނިމުނީމަ އެވެ. އެ ބަސްފުޅުތަކުން ދޭހަވަނީ އެމަނިކުފާނުގެ ފުރިހަމަ ބާރުގައި ސުޕްރީމް ކޯޓް މީގެ ކުރިން އޮތްކަމެވެ.
އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނަވައިގެން ސުޕްރީމް ކޯޓުން ސަރުކާރުން ބޭނުންވާ ގޮތަށް ގިނަ ކަންތައްތަކެއް ކުރަމުން ދިޔަ ކަމަށް ތުހުމަތުވެ އެވެ. ދުސްތޫރީ މައްސަލަތައް ވައްދައިގެން ސަރުކާރުން ބޭނުންވާ ހުކުމްތައް ނެރެމުން ދިޔަ އެވެ. ސިޔާސީ ބޭފުޅުންގެ މައްސަލަތަކުގައި ޝަރީއަތެއް ހިންގުމެއް ނެތި މައްސަލަތައް ބޭރުކޮށްލަ އެވެ. ދަށު ކޯޓުތަކުގައި އިޖުރާއަތުތަކާ ހިލާފަށް ޝަރީއަތް ހިންގާ ކަމުގެ ޝަކުވާ ކުރުމުން އަޅާލާފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އެކަން ސަމާލު ކަމަށް ގެނައި މީހުންނަށް ދިނީ އަދަބެވެ.
އެތައް ވަކީލުންތަކެއް ސޮއި ކުރައްވައި ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅުއްވި އެވެ. ޝަރުއީ ދާއިރާގެ އެންމެ މަތީ ފަރާތުގެ ހައިސިއްޔަތުން ޝަރުއީ ދާއިރާ "ހިމާޔަތް"ކޮށް ދޭން އެ ވަކީލުން އާދޭސް ދެންނެވި އެވެ. ގޯސް އެތައް ކަމެއް އެ ވަކީލުން ފާހަގަކުރެއްވި އެވެ. އެކަމަކު އެ ވަކީލުންނަށް ލިބުނީ އޭގެ އަދަބެވެ. އެތައް މަހެއް ވަންދެން ދިރިއުޅުމަށް ކުރައްވަމުން ގެންދެވި ވަޒީފާއާ ދުރަށް ވަޑައިގަންނަވަން ޖެހުނީ އެވެ. ހުރިހާ ވަކީލުން އެއް ފަހަރާ ސަސްޕެންޑްކުރީ އެވެ.
އެކަމަކު، އެ ވަކީލުން ފާހަގަ ކުރެއްވީ ހަމަ ޖާއިޒު ކަންބޮޑުވުންތަކެއްކަން އުއްތަމަ ފަނޑިޔާރަށް ހާމަވީ "ބޭއިންސާފު" އެ ބޭފުޅާއާ އަރާ ހަމަކުރުމުންނެވެ. އެކި އިންޒާރުތަކާ ހަމަލާތައް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް އަމާޒުވުމުންނެވެ. ވަކީލުންގެ ސަސްޕެންޝަން ވެސް އުވާލެއްވި އެވެ. ގޯސްކޮށް ކުރެވިފައިވާ އެހެން ކަންކަން ރަނގަޅު ކުރެއްވުމަށް ވެސް އެ ހިސާބުން މަސައްކަތް ވެސް ފެއްޓެވި އެވެ. އެ ހުރިހާ ކަމެއް އަނެއް ކޮޅަށް ޖެހިގެން ދިޔައީ އެ ބޭފުޅުންގެ ގައިގާ އެކަން ޖެހުމުންނެވެ. އޭގެ ފަހުން ހައްޔަރުކޮށް މަގާމު ވެސް ގެއްލުވާލީ އެވެ. އޭގެ ކުރިން ފިޔަވަޅު އެޅުއްވިނަމަ ނޫނީ "މިނިވަން"ކަމާއެކު މަސައްކަތް ކުރެއްވިނަމަ ހާލަތު އެ ހިސާބަށް ނުދިޔައީހެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދު ވެސް ކުރިމިނަލް ކޯޓުގެ ޝަރިއަތުގައި މަޖިލީހުގައި ދެއްކެވީ ބޭއިންސާފުގެ ވާހަކަ އެވެ. ނާއިންސާފުން އިއްވާ ހުކުމްތަކުގެ ވާހަކަ އެވެ. އޭގެ އަޒާބުގެ ބޮޑު ކަމުގެ ވާހަކަ އެވެ. އެކަމަކު، އެއީ ކިތަން މީހުން އެ ދެ ބޭފުޅުންނާ ހަމައަށް ގެންދެވި ވާހަކައެއް ހެއްޔެވެ؟ އެ ދުވަހު ދިފާއުގައި ވެސް ވަޑައިގެން ތިއްބެވީ މުޅިން ވެސް އަދަބު ދެއްވި ވަކީލުންނެވެ. މިހާރު އެ ފިލާވަޅު އެންމެ ގާތުން ދެކެމުން އެ ދަނީ އިލެކްޝަން ކޮމިޝަންގެ މެންބަރުންނެވެ.
މިއީ ވިސްނަންވީ ފިލާވަޅެވެ. މިނިވަންކަމާއެކު ބޮޑެތި ޒިންމާތަކާ ހަވާލުވެ ތިއްބެވި ބޭފުޅުންނަށް އެގޮތުގައި މަސައްކަތް ނުކުރެއްވޭނަމަ މަގާމުގައި ތިއްބެވުމުގެ ބޭނުމެއް ނެތެވެ. ނުފޫޒުން އެއްކިބާ ނުވެވޭނަމަ އެންމެ ބުއްދިވެރީ މަގާމުން ދޫކުރައްވައި ވަޑައިގެންނެވުމެވެ. ބޮޑު ފަޅިއަކަށް އެރުމެއް ނޫނެވެ.