ބޮލީވުޑް

ޑައިރެކްޓަރު ކްރިޝް އާ އަހަރު ފަށަނީ ގަދަ ހިފުމަކާއެކު

ޑައިރެކްޓަރު ރާދާ ކްރިޝްނާ ޖަގްރަލަމުޑީ (ކްރިޝް) އަންނަ އަހަރު ފަށާނީ ގަދަ ހިފުމަކާއެކު އެވެ. އޭނާގެ ވަރުގަދަ ތިން ފިލްމެއް ޖެނުއަރީގައި ރިލީޒްކުރުމަށް މިހާރު ވަނީ ތާވަލުކޮށްފައި އެވެ.

ފުރަތަމަ ފިލްމަކީ ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ކަންގަނާ ރަނާއުތުގެ "މަނިކަރްނީކާ" އެވެ. އެ ފިލްމަކީ އުތުރު އިންޑިއާގެ ދިގު ތާރީހުގައި ފާހަގަކޮށްލެވުނު ހިތްވަރުގަދަ ރާނީއެއް ކަމުގައިވާ، ރާނީ ލަކްޝްމީ ބާއީގެ ހަޔާތައް ތައްޔާރުކުރާ ފިލްމެކެވެ.

އެއަށްފަހު ދެކުނު އިންޑިއާގެ މަޝްހޫރު ސިޔާސީ ޝަހުސިއްޔަތެއް ކަމުގައިވާ އެންޓީއާރްގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރާ "އެންޓީއާރް: ކަތަނަޔަކުޑޫ" އެވެ. އެ ފިލްމު ގެނެސްދެނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ދެ ވަނަ ބައި "އެންޓީއާރް: މަހަނަޔަކުޑޫ" ވެސް ހަމަ އެ މަހު ރިލީޒްކުރާނެ އެވެ.

"މަނިކަރްނީކާ" ސިނަމާތަކުގައި އަޅުވާނީ ޖެނުއަރީ 25 ގައި އެވެ. "އެންޓީއާރް: ކަތަނަޔަކުޑޫ" ޖެނުއަރީ ނުވައެއްގައި އަޅުވާނެއިރު، "އެންޓީއާރް: މަހަނަޔަކުޑޫ" ސިނަމާތަކުގައި އަޅުވާނީ ޖެނުއަރީ 24 ގައި އެވެ.

އިންޑިއާގެ ސިނަމާއަށް ޖެނުއަރީ މަސް މިފަހަރު އޮތީ ވަރަށް ބާރުބޮޑު ކޮށެވެ. "މަނިކަރްނީކާ" ގެ އިތުރުން ބޮލީވުޑްގެ ވަރުގަދަ ބޮޑު ތިން ފިލްމެއް ނިކުންނާނެ އެވެ. އެ ފިލްމުތަކަކީ ރިތިކް ރޯޝަންގެ ބަޔޮޕިކް "ސުޕަ 30" އާއި ނަވާޒުއްދީން ސިއްދިގީގެ ބަޔޮޕިކް "ތެކަރޭ" އަދި އިމްރާން ހަޝްމީގެ "ޗީޓް އިންޑިއާ" އެވެ.