ބޮލީވުޑް

ހިތްދަތިވެ، ސޯނަމް ޓުވިޓާއާ ދުރަށް ދަނީ

ސޯނަމް ކަޕޫރް އަހޫޖާ އިއްޔެ މެންދުރުފަހު ކުރި ޓުވީޓްއަކާއެކު އެންމެނަށް ލިބުނީ ޝޮކެކެވެ. ސޯޝަލް މީޑިއާ ނެޓްވޯކް، ޓުވިޓާގައި އެންމެ ހިންގުންތެރި އެއް ބޮލީވުޑްގެ އެކްޓްރެސް ކަމުގައިވާ ސޯނަމް ކުރި ޓުވީޓުގައި ބުނީ ކުޑަ ދުވަސްކޮޅަކަށް ޓުވިޓާއިން ދުރަށް ޖެހިލަން ނިންމައިފި ކަމަށެވެ.

ޓުވިޓާއާ ދުރަށް ޖެހިލާ ސަބަބެއްގެ ގޮތުގައި އޭނާ ބުނެފައި ވަނީ އޭގައި ނަފްރަތު ކުރުންތައް ގިނަވުމުން ކަމަށެވެ.

"ކުޑަ ދުވަސްކޮޅަކަށް ޓުވިޓާއާ ދުރަށް ޖެހިލަން ނިންމައިފިން. މި ތަނުގައި ނަފްރަތުކުރުންތައް މާ ގިނަ. ހުރިހާ މީހުންނަށް ލޯބި ފޮނުވަން،" ހިތުގައިޖެހި ސޯނަމް ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.

ސޯނަމް މި ޓުވީޓްކުރީ އާންމުންގެ މީހަކު ސޯނަމް އިންސްޓަގުރާމްގައި ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން ކުރި ޓުވީޓަކަށް އޭނާ ދިން ޖަވާބުގައި ބުނި އެއްޗަކާ ގުޅިގެން އެ މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

އަނަންތު ވަސޫ ކިޔާ އާންމުންގެ އެމީހާ ކުރި ޓުވީޓްގައި ހިމަނާފައިވާ ސޯނަމްގެ އިންސްޓަގުރާމް ޕޯސްޓުގައި، ސޯނަމް ބުނެފައި ވަނީ މުމްބައީގެ މަގުތަކުގައި ޓްރެފިކް ބާރުބޮޑުވުމުގެ ސަބަބުން ކާރު ދުއްވުމަށް އުނދަގޫވާ ކަމަށެވެ. އަނަންތު ބުނީ އެހެންވާން މެދުވެރިވަނީ ސޯނަމް ކަހަލަ މީހުން ފޮނިކަމުން ޕަބްލިކް ޓްރާންސްޕޯޓުގައި ދަތުރު ނުކުރާތީ ކަމަށެވެ.

ރައްދުގައި ސޯނަމް ބުނެފައި ވަނީ ޕަބްލިކް ޓްރާންސްޕޯޓުގައި ދަތުރު ނުކުރެވެނީ އަންނަތުމެންފަދަ ފިރިހެނުން އަންހެނުންނަށް ކުރާ "ފުރައްސާރައިގެ" ސަބަބުން ކަމަށެވެ. މީގެ ސަބަބުން ސޯނަމްއަށް ގިނަ ބައެއް ފާޑުކިޔުންތައް ވަނީ އަމާޒުވެފައި އެވެ.