ހޮލީވުޑް

މާގޯ ރޮބީ ބާބީއަކަށް ވަނީ

ބާބީގެ ފިލްމު "މަލިބޫ ޑްރީމް ހައުސް" އުފައްދައިދޭނެ އާ ސްޓޫޑިއޯއެއް ލިބިއްޖެ އެވެ. ކުރިން ސޮނީ ޕިކްޗާސްއިން ގެނެސްދެން އުޅުނު ބާބީގެ މި ފިލްމު ދެން ގެނެސްދޭނީ ވޯނާ ބްރަދާސް އިންނެވެ. އަދި މި ފިލްމުގައި ބާބީގެ ރޯލުން ފެނިގެންދާނީ އޮސްކާ އެވޯޑަށް ނޮމިނޭޓުވި އެކްޓްރެސް މާގޯ ރޮބީ އެވެ.

ސޮނީ ޕިކްޗާސްއިން މި ފިލްމުގެ ވާހަކަ ތައްޔާރުކުރަމުން އަންނަތާ އެތައް އަހަރެއްވީ ނަމަވެސް އެ ސްޓޫޑިއޯއިން ވަނީ މަސައްކަތް ފަށައިގަތުމަށް ނުކުޅެދިފައި އެވެ. އެންމެފަހުން ބާބީގެ ހައްގުދާރު ކުންފުނި، މެޓަލްއިން ވަނީ ސޮނީ ޕިކްޗާސްއާއެކު ވެފައިވާ އެއްބަސްވުން އުވާލާފައި އެވެ.

ވޯނާ ބްރަދާސްއާއެކު މި ފިލްމު ޕްރޮޑިއުސް ކުރާނީ މާގޯގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ލަކީޗެޕް އެވެ.

މި ފިލްމުގެ މަސައްކަތް ސޮނީއާ ހަވާލުކުރީ 2014 ވަނަ އަހަރު އެވެ. އަދި 2016 ވަނަ މި ފިލްމުގައި ބާބީގެ ރޯލުން ކުޅުމަށް އެމީ ޝޫމާ ހަމަޖެއްސި އެވެ. ނަމަވެސް އެމީގެ ޝެޑިއުލް ބިޒީވެ މި ފިލްމަށް ވަގުތެއް ނުދެވުނުވެ. އޭގެފަހުން އޭން ހެތަވޭވެސް އެ ރޯލު ކުޅުމަށް ނެގި ވާހަކަ ހަބަރު ފެތުރުނެވެ.

މި އަހަރު އޮގަސްޓު އަށެއްގައި ރިލީޒްކުރަން އޮތް މި ފިލްމުގެ ތާރީހު މިދިޔަ ޖެނުއަރީ މަހު ސޮނީއިން ވަނީ މެއި 8، 2020 އަށް ފަސްކޮށްފަ އެވެ. މި ފިލްމު ޑައިރެކްޓުކުރާ މީހެއް އަދި ކަށަވަރު ނުވި ނަމަވެސް އަޑުފެތުރިފައިވާ ގޮތުގައި އެ މަސައްކަތާއި ހަވާލުވާނީ "ވޮންޑާ ވުމަން" ގެ ޑައިރެކްޓަރު ޕެޓީ ޖެންކިންސް ކަމަށްވެ އެވެ.

މާގޯ އަންނަނީ ވޯނާ ބްރަދާސްއާއެކު އިތުރު ފިލްމެއްގައިވެސް މަސައްކަތް ކުރަމުންނެވެ. އެއީ 2020 ގައި ރިލީޒްކުރާ "ބާޑްސް އޮފް ޕްރޭ" އެވެ. ދެން އެންމެ އަވަހަށް އޭނާ ފެނިގެން ދާނީ "މެރީ ކުއީންސް އޮފް ސްކޮޓްސް" އިންނެވެ. އަންނަ އަހަރު ނިކުންނަ ކުއެންޓިން ޓެރެންޓީނޯގެ "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް" އިންވެސް ފެނިގެންދާނެ އެވެ.