ދިވެހި ޕްރެމިއާ ލީގް

ފެހެންދޫ ބަލިކޮށް ނިލަންދޫ ހަތްވަނައަށް

ބ. ފެހެންދޫގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ ހަތް ވަނަ އަށް ފ. ނިލަންދޫ ޖެހިލައިފި އެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ވާދަ ކުރި ނިލަންދުއިން ވަނީ، ތާވަލުގައި ވިކްޓަރީއަށް ވުރެ ކުރިއަށް ޖެހިލާފަ އެވެ. މިދިޔަ ހަފުތާގައި ޓީސީއާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗަށް ހާޒިރު ނުވި ވިކްޓަރީ ވަނީ، ތާވަލުގެ އަށްވަނައަށް ވެއްޓިފަ އެވެ.

މިއަދު ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީވެސް ނިލަންދުއިންނެވެ. މެޗުގެ 33 ވަނަ މިނެޓްގައި އެ ޓިމުގެ ލަނޑު ކާމިޔާބު ކުރީ އިބްރާހިމް ފުރުގާން އެވެ.

ފުރަތަމަ ހާފުގައި ނިލަންދޫ ލީޑްގައި އޮވެގެން ނިންމާލި ނަމަވެސް، ފެހެންދޫއިން ދެ ވަނަ ހާފު ފެށީ ލަނޑަކާ އެކު އެވެ.

ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓްގައި، ފެހެންދޫއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، އިބްރާހިމް މާޖިދު އެވެ. ނަތީޖާ ހަމަހަމަކޮށް ހިތްހަމަ ޖައްސާލައިގެން ފެހެންދޫއަށް އޮވެ ވުނީ ފަސް މިނެޓް އެވެ.

މެޗުގެ 53 ވަނަ މިނެޓްގައި ނިލަންދޫއަށް އަލުން ލީޑް ނަގައިދިނީ ގާނާގެ ސެމިއުލް ލެމްޕްޓީ އެވެ. ނިލަންދޫގެ ތިން ވަނަ ލަނޑު މެޗުގެ 92 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަހްމަދު ޝާން އެވެ.