ވިކްޓަރީ

ވިކްޓަރީގެ ޗެއާމަން އާއި ވައިސް ޗެއާމަން އިސްތިއުފާ ދީފި

ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޗެއާމަން ކަމުގެ މަގާމުގައި ހުންނެވި، ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އާއި ވައިސް ޗެއާމަން ކަމުގެ މަގާމުގައި ހުންނެވި، ކެލޭ ދާއިރާގެ މެންބަރު މަގާމު އަލީ އާރިފް ކުލަބުގެ މަގާމުތަކުން އިސްތިއުފާ ދީފި އެވެ.

ވިކްޓަރީގެ ޖެނަރަލް ސެކެޓްރީ އަޢިޝަތު ތައުމީނާ، ވަނީ އެ ދެބޭފުޅުން ކުލަބުގެ މަގާމުތަކުން އިސްތިއުފާ ދެއްވިކަން ޔަގީންކަން ދީފަ އެވެ. އޭނާ ވިދާޅުވީ، ކުލަބު ހިންގުމުގެ ކަންކަމުގައި މިވަގުތު އިސްކޮށް ހުންނެވީ، އަނެއް ނައިބު ރައީސް އިބްރާހިމް ނަޒީމު އެވެ. މުހައްމަދު އިސްމާއީލް އާއި އަލީ އާރިފު ކުލަބުގެ ލީޑާޝިޕަށް ވަޑައިގަތުމުގެ ކުރިން، ނަޒީމު އަކީ ކުލަބުގެ ޗެއާމަން އެވެ.

ވިކްޓަރީގެ ކުޅުންތެރިންނަށް މުސާރަ ނުދޭތާ ހަތަރު މަސް ހޭދަވުމުން، ކުލަބު ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. މިދިޔަ ހަފުތާގައި ޓީސީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވިކްޓަރީގެ ޓީމު ހާޒިރެއް ނުވެ އެވެ. މެޗޓީމުގެ މެނޭޖަރާއި ކުޅުންތެރިން މެޗު ކުޅެން ތައްޔާރަށް ތިބިނަމަވެސް، ޗެއާމަން އާއި ވައިސް ޗެއާމަންގެ އެއްބާރުލުމެއް ނުލިބުނެވެ. ކުލަބުގެ ފަރާތުން ވަނީ އެކަން އެފްއޭއެމްއަށް އަންގާފަ އެވެ.

ޖުލައި މަހު ލީގް މެދު ކަނޑާލިފަހުން ވިކްޓަރީގެ ޓީމު ޕްރެކްޓިސް ކޮށްފަ އެއް ނުވެ އެވެ. މުސާރަ ނުދޭތީ، ވިކްޓަރީގެ ކޯޗަކަށް ހުރި ހަންގޭރީގެ ލާޒްލޯ ކިސް ވަނީ ރާއްޖެ ދޫކޮށް ފުރައިގެން ގޮސްފަ އެވެ.

ވިކްޓަރީގެ ބޯޑު މެންބަރަކު ބުނީ، މިއަދު ހަވީރު ޕްރެކްޓިސް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ލީގްގައި މާދަމާ ވިކްޓަރީ ނިކުންނާނީ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ. ބޯޑު މެންބަރު ބުނީ، ކޮންމެވެސް ވަރަކަށް ޕްރެކްޓިސް ކޮށްގެން ނިއުގެ މަޗަށް ނިކުންނަން ތައްޔާރު ވާނެ ކަމަށެވެ.

މާޗް މަހު ބޭއްވި އިންތިހާބުގައި، ޗެއާމަންކަމަށް ވަޑައިގެން، ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އޭރު ވިދާޅުވީ ފުޓްބޯޅައިގައި މާ ފަހަތުގައި އޮތުން ވިކްޓަރީ އަށް ހައްގު ނުވާ ކަމަށާއި، ވިކްޓަރީ ކުރިން އޮތް މާގަމަށް ގެންގޮސް ދޭނެ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނީ ވިކްޓަރީގެ ސަޕޯޓަރުންގެ ބައިވެރިވުން ހޯދައިގެން، ކުޅުންތެރިންނާއި މެނޭޖުމެންޓުން އަޅުގަނޑުމެން މަސައްކަތް ކުރާނަން ވިކްޓާރީ ހޯދާފައިވާ ތަށިތަކުގެ ތެރެއަށް އިތުރު ތަށިތައް ހޯދުމަށް." މާޗް 31 ގައި ބޭއްވި ވިކްޓަރީގެ އިންތިހާބަށް ފަހު މުހައްމަދު އިސްމާއީލް ވިދާޅުވެފައިވެ އެވެ.

"މި ކުލަބަކީ ހިދުމަތްތެރި ކުލަބެއް މި ދިވެހިރާއްޖޭގެ ތާރީހުގައި، ކުޅިވަރުގެ ތާރީހްގައި، އެހެންވީމަ ކުޅުންތެރިންނަށްވެސް އަޅުގަނޑުމެން ދަންނަވާލަން ބޭނުން ވަނީ އަޅުގަނޑުމެން ކުރިއަށް އޮތްތާނގައި މަސައްކަތް ކޮށްގެން، މި ކުލަބަކީ ކާމިޔާބު ހޯދާނެ ކުލަބަކަށް ހަދާނަން، އަޅުގަނޑުމެން މި އައީ މި ކުލަބަށް ހިދުމަތެއް ކުރަން." އިންތިހާބަށް ފަހު ވިކްޓަރީގެ ވައިސް ޗެއާމަން ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވެފައިވެ އެވެ.