ހަބަރު

އިބޫއަށް މަރުހަބާ ދަންނަވަން ޔޫކޭގެ ހާއްސަ މަންދޫބެއް ރާއްޖެއަށް

Oct 7, 2018
3

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް މަރުހަބާ ދެންނެވުމަށް އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތް އޮފީހުގެ މިނިސްޓަރު، މާކް ފީލްޑް ރާއްޖެ ވަޑައިގެންފި އެވެ.

އޭނާ ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނު އެވެ. އޭނާގެ އަރިހުގައި އިނގިރޭސިވިލާތުން ލަންކާ، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ޖޭމްސް ޑައުރިސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އެބޭފުޅުންނަށް އެއާޕޯޓުން މަރުހަބާ ވިދާޅުވީ، ފޮރިން ސެކެޓްރީ އަހުމަދު ސަހީރެވެ.

މާކް ފީލްޑް އިބޫއާ ބައްދަލު ކުރައްވަން ހަމަޖެހިފައި ވަނީ، މިއަދު ހެނދުނު 10:00 އެވެ. އޭނާ އިބޫއާ ބައްދަލު ކުރައްވަނީ އިބޫގެ ކެމްޕޭން ހެޑްކުއާޓަރު ސައިންޓްރީ އިމާާރާތުގެ ފަސްވަނަ ފަންގިފިލާގަ އެވެ. އިނގިރޭސިވިލާތުން މީގެ ކުރިން ވެސް ވަނީ ބަޔާނެއް ނެރެ އިބޫއަށް މަރުހަބާ ކިޔައިފަ އެވެ.

މާކް ފީލްޑް ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅާ ބެހޭ ގޮތުން ފޮރިން އޮފީހުން ނެރުނު ބަޔާނުގައި ބުނީ، އޭނާގެ މި ދަތުރުފުޅުގައި އާ ސަރުކާރާ އެކު އިތުރަށް ގުޅުން ބަދަހި ކުރުމާ މެދު މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ސިޔާސީ އެކި ފަރާތްތަކާއި މަދަނީ ޖަމްއިއްޔާތަކާ ވެސް ބައްދަލު ކުރައްވާނެ ކަމަށް ބަޔާނުގައިވެ އެވެ. އަދި ވަކީލުންނާ ބައްދަލު ކުރައްވާ ޑިމޮކްރަސީ އާއި ހެޔޮވެރިކަމަށް ރާއްޖޭގައި ކުރިއެރުވުމަށް ދެވޭނެ އެހީތައް ދެނެ ގަންނާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ. މީގެ އިތުރަށް ފޮރިން މިނިސްޓަރު މުހައްމަދު އާސިމްއާ ވެސް ބައްދަލު ކުރައްވަން ވަނީ ހަމަޖެހިފަ އެވެ.

އަވަށްޓެރި ސްރީލަންކާގެ ރައީސް މައިރިތިޕާލަ ސިރިސޭނަގެ ފަރާތުން ވެސް ހާއްސަ މަންދޫބެއް ރާއްޖެ ވަޑައިގެން
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެހެން ވެސް އިދިކޮޅު ލީޑަރުންނާ އިއްޔެ ވަނީ ބައްދަލު ކުރައްވައިފަ އެވެ. ރާއްޖޭގައި ބޭއްވި، ރިޔާސީ އިންތިހާބު ބޭރުގެ ގައުމުތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުން މިހާރު ވަނީ
ބަލައިގެންފަ އެވެ.