ނިއުކާސަލް ޔުނައިޓަޑުން ދެ ލަނޑުގެ ލީޑެއްގައި އޮއްވައި، މެޗުގެ އެންމެ ފަހު 20 މިނެޓްގައި، މެންޗެސްޓާ ޔުނައިޓަޑުން ކާމިޔާބު ކުރި ލަނޑުތަކުން، 3-2 އިން މޮޅުވެ އެ ޓީމުގެ ކޯޗް ހޯޒޭ މޮރީނިއޯއަށް އިތުބާރު އޮތް ކަމަށް ފާސް ވެއްޖެ އެވެ.
އިއްޔަ މީޑިއާގައި ފެތުރިގެން ދިޔަ އެއް ވާހަކަ އަކީ، އެ ޓީމުގެ ކޯޗު ހޯޒޭ މޮރީނިއޯ މަގާމުން ވަކި ކުރަން އުޅޭ ވާހަކަ އެވެ. ނަމަވެސް ފެތުރިގެން ދިޔަ ވާހަކަތަކުގެ މިސްރާބު މިހާރު ވަނީ ބަދަލުވެފަ އެވެ.
މެޗުގެ 70 ވަނަ މިނެޓާ ހަމަޔަށް ދިޔައިރުވެސް، ޔުނައިޓަޑް އޮތީ 2-0 ފަހަތުގަ އެވެ. މެންޗެސްޓާގެ އޯލްޑް ޓްރެފާޑުގައި ކުޅުނު މެޗުގެ ވަރަށް ކުރީ ކޮޅު ނިއު ކާސަލްއިން ދެ ލަނޑު ކާމިޔާބު ކުރި އެވެ. ފުރަތަމަ ލަނޑު މެޗު ފެށިގެން ހަތް ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރޮބަޓް ކެނެޑީ އެވެ. އެ ލަނޑު ވަނުމުގައި ޔުނައިޓަޑްގެ ޑިފެންސަށް ހެދުނު މިސްޓޭކު ފާހަގަ ކޮށްލަން ޖެހެ އެވެ.
ނިއު ކާސަލްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އޭގެ ތިން މިނެޓް ފަހުންނެވެ. އެ ލަނޑު ކާމިޔަބު ކުރީ ޖަޕާންގެ ޔޮށިނޯރީ މޫޓޯ އެވެ.
ޔުނައިޓަޑަށް އުންމީދު ހޯދައިދިނީ، މެޗުގެ 70 ވަނަ މިނެޓްގައި ހުއާން މާޓާ އެވެ. އޭރިއާގެ ބޭރުން ލިބުނު ހިލޭޖެހުން އޭނާ ފޮނުވާލީ ވަރަށް ހިތްގައިމު ކޮށެވެ.
ޔުނައިޓަޑްގެ ދެ ވަނަ ލަނޑު 76 ވަނަ މިނެޓްގައި، ކާމިޔާބު ކުރީ އޮންތޮނީ މާޝިއަލް އެވެ. ޕައުލް ޕޮގްބާ ވަރަށް ބަލާލާފައި ދިން ބޯޅަ މާޝިއަލް ވަނީ އެއްފަހަރު ގޯލް ތެރެއަށް ފޮނުވާލާފަ އެވެ.
ނަތީޖާ ބަދަލުކޮށްލަ ދިނުމަށް، ޔުނައިޓަޑަށް އެންމެ ބޮޑު އެހީއަކަށްވީ ކޯޗު މޮރީނިއޯ ގެނައި ބަދަލު ތަކުންނެވެ. އެ ޓީމުގެ މޮޅުކޮށްދިން ލަނޑު ކާމިޔާބު ކުރީ މާކޯސް ރަޝްފާޑުގެ ބަދަލުގައި ކުޅެން އެރި އެލެކްސިސް ސަންޗޭޒް އެވެ.