ބޮލީވުޑްގެ އެކްޓްރެސް ތަނުޝްރީ ދައްތާއަށް ޖިންސީ ފުރައްސާރަކޮށްގެން އެ މައްސަލަ ހޫނުވެފައިނިކޮށް އެފަދަ ތިން މައްސަލައެއް ފެންމަތިވެ ބޮލީވުޑްގައި ގަޑުބަޑު އުފެދިއްޖެ އެވެ.
މިފަހަރު މިި ތުހުމަތު ރައްދުވެފައި ވަނީ މިހާރު ބަންދުކުރަން ނިންމާފައި ޕްރޮޑަކްޝަން ހައުސް ފެންޓަމް ފިލްމްސްގެ އެއް ހިއްސާދާރު އަދި ޑައިރެކްޓަރު ވިކާސް ބާލްގެ މައްޗަށާއި މަޝްހޫރު ލަވަކިޔުންތެރިޔާ ކެއިލާޝް ކޭރްގެ މައްޗަށާއި އަދި އެކްޓަރު ރަޖަތު ކަޕޫރްގެ މައްޗަށެވެ.
ވިކާސްގެ މައްޗަށް ތުހުމަތުކުރީ ކަންގަނާ
ވިކާސްގެ މައްޗަށް ކަންގަނާ މި ތުހުމަތުކުރީ މިދިޔަ އަހަރު ފެންޓަމް ފިލްމްސް ސްޓޫޑިއޯގައި މަސައްކަތްކުރި އަންހެނަކުވެސް ވިކާސްގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވިކަމަށް ބުނެފައި ވަނިކޮށެވެ. އެ އަންހެން މީހާގެ ވާހަކަ އަނެއްކާވެސް ފެންމަތިވީ ދާދިފަހުން ހަފްޕޯސްޓަށް އޭނާ ދިން އިންޓަވިއުއަކަށްފަހު އެވެ. ވިކާސްގެ މައްޗަށް ކަންގަނާ މި ތުހުމަތުކުރީ އޭގެފަހުންނެވެ.
ކަންގަނާގެ ކާމިޔާބު ފިލްމު "ކުއީން" ޑައިރެކްޓުކުރީ ވިކާސް އެވެ. ކަންގަނާ ބުނީ ވިކާސް އޭނާއަށް ފުރައްސާރަކުރީ އެ ފިލްމުގެ ޝޫޓިންގެ ތެރެއިން ކަމަށެވެ. އެ ސަބަބާއިހުރެ އެ އަންހެން މީހާ ދައްކާ ވާހަކަތައް ގަބޫލުކުރެވޭ ކަމަށްވެސް ކަންގަނާ ބުންޏެވެ. އެ އަންހެން މީހާގެ ދިފާއުގައި ކަންގަނާ ވަނީ މިދިޔަ އަހަރުވެސް ވާހަކަދައްކާފައި އެވެ.
ކެއިލާޝްގެ މައްޗަށް ތުހުމަތުކުރީ އަންހެން ނޫސްވެރިއެއް
ކެއިލާޝްގެ މައްޗަށް މި ތުހުމަތުކުރީ އަންހެން ފޮޓޯ ޖާނަލިސްޓެއް ކަމުގައިވާ ނަތާޝާ އެވެ. ކެއިލާޝްގެ އިތުރުން އިންޑިއާގެ މޮޑެލް އަދި "ބިގް ބޮސް" ގެ ކުރީގެ ބައިވެރިއެއް ކަމުގައިވާ ޒުލްފީ ސައީދުގެ މައްޗަށްވެސް އެ ނޫސްވެރިޔާ ވަނީ މި ތުހުމަތުކޮށްފައި އެވެ.
ނަތާޝާ ބުނީ އެކަމެއް ހިނގާފައި ވަނީ ހިންދުސްތާން ޓައިމްސްގައި 2006 ވަނަ އަހަރު އޭނާ މަސައްކަތްކުރިއިރުގައި ކަމަށެވެ. ޓުވިޓާ މެދުވެރިކޮށް އޭނާ ވަނީ އެ ހުރިހާ ވާހަކަތަކެއް ހިއްސާކޮށްފައި އެވެ.
ރަޖަތު ކަޕޫރްގެ މައްޗަށް ދެމީހަކު ތުހުމަތުކުރި
ރަޖަތު ކަޕޫރްގެ މައްޗަށް މި ތުހުމަތުކުރި ދެ މީހުންގެ ތެރެއިން އެކަކަކީވެސް ނޫސްވެރިޔެކެވެ. ސަންދިޔާ ކިޔާ އެ ނޫސްވެރިޔާ ބުނީ ރަޖަތު ކަޕޫރްގެ ފަރާތުން ފުރައްސާރައާ ކުރިމަތިވީ އިންޓަވިއުއެއް ކުރަން އޭނާއަށް ފޯނުން ގުޅުމުން ކަމަށެވެ. ރަޖަތުއަށް ގުޅުމުން ބައެއް ބޭއަދަބީ ބަސްތަކުން އޭނާ ވާހަކަދެއްކި ކަމަށް ސަންދިޔާ ތުހުމަތުކުރި އެވެ.
ރަޖަތުގެ މައްޗަށް ތުހުމަތުކުރި ދެ ވަނަ އަންހެން މީހާ ބުނީ އެކި ފަހަރުމަތިން ރަޖަތު އޭނާއަށް ގުޅާ ޖެއްސުން ކުރާ ކަމަށެވެ. އަދި ގުޅާ ކޮންމެ ފަހަރަކު އެ އަންހެން މީހާއާއެކު ފިލްމެއް ކުޅުމަށް ފަޅު ގެއެއް ހޯދަން ބޭނުންވާ ކަމަށް ބުނާ ކަމަށް ވެސް އޭނާ ބުންޏެވެ.