ވިކްޓަރީ

ސީޒަންގެ ބާކީ އޮތް ބަޔަށް ވިކްޓަރީގެ ކޯޗަކަށް ނަޒީހު

މާލީ ގޮތުން ބޮއްސުންލައިގެން ގޮސް ބޮޑު އަޑިގަނޑަކަށް ވެއްޓުނު، ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޕްރެކްޓިސް މިއަދު ފަށަން ކުލަބުން ތައްޔާރު ވެއްޖެ އެވެ.

ވިކްޓަރީގެ ޕްރެކްޓިސް ފަށަނީ، ކުރިން އެ ޓީމަށް ކުޅުނު، މިޑްފީލްޑަރު އަދި ކުރިން އެ ޓީމުގެ ކޯޗުކަން ވެސް ކުރި މުހައްމަދު ނަޒީހުގެ ބެލުމުގެ ދަށުންނެވެ.

ވިކްޓަރީގެ އޮފިޝަލަކު ބުނީ، ޓީމު އޮތް ހާލަތުން ސީޒަން ސަލާމަތް ކުރުމަށް ސީޒަން ނިމެން ދެން ޓީމުގެ ކޯޗަކަށް ނަޒީމު ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެހީވުމަށް އެސިސްޓެންޓް ކޯޗު އަހްމަދު ނިޔާޒު 'ނިއާ' ވެސް ހަރަކާތްތެރި ވާނެ ކަމަށް އޮފިޝަލު ބުންޏެވެ. ނާޒީހު ވަނީ 2016 ވަނަ އަހަރުވެސް ވިކްޓަރީއަށް ކޯޗު ކޮށްދީފަ އެވެ.

ނަޒީހް ބުނީ، އޭނާ ވިކްޓަރީއާ ހަވާލުވީ މިހާރު އޮތް ހާލަތުން ވިކްޓަރީ ނަގައިދިނުމަށް ކަމަށާއި ސީޒަންގެ ބާކީ އޮތް ބައި ސަލާމަތް ކުރަން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ވިކްޓަރީއާ ހަވާލުވީ ބޮޑު އުޖޫރައަކަށް ނޫން ކަމަށާއި އޭނާވެސް ލޯބިވާ ކުލަބަށް ވުމުން ޓީމުގެ ސަލާމަތްކޮށް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

"ވިކްޓަރީ މިހާލަތަށް ވެއްޓިގެން ދާ މަންޒަރު ބަލާކަށް އަޅުގަނޑަކަށް ކެތެއް ނުވި، އުޖޫރައެއްވެސް އަޅުގަނޑު ނުކިޔަން މިހާލަތުން އަރައި ގަނެވޭތޯ މަސައްކަތް ކުރާނީ." އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ބުންޏެވެ. އޭނާ ބުނީ ވިކްޓަރީގެ ލެޖެންޑުންގެ ނަމުގައި ބައިވަރު މީހުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުން އަންނަ ކަމަށާއި ނަމަވެސް ކުލަބު ހާލުގައި ޖެހުނު ދުވަހު އެހީތެރިވާން އަންނާކަށް އެ ފަރާތްތަކުން ބޭނުން ނުވާ ކަމަށެވެ.

"އެ ހެޔޮ ވިކްޓަރީގެ ކުޅުންތެރިންގެ ޖޯޒީ ވީދިގެން ދިޔަ ނަމަވެސް ސޯ ކޯލްޑް ވިކްޓަރީގެ ލެޖެންޑުން ތިބޭނެ ސޯޝަލް މީޑިއާގައި މަގޭ ކުލަބޭ ބުނެ ފާޑު ކިޔަން، ކުލަބަށް ކަމެއް ދިމާވާ ހިނދު އެ މީހުންގެ އެހީތެރިކަމެއް ނުލިބޭނެ،" ނާޒީހު ވާހަކަ ދެއްކި އެވެ. "އަޅުގަނޑަށްވެސް ވަރަށް ފަސޭހަ ސޯޝަލް މީޑިއާގައިި ފާޑު ކިޔަން ހުންނަން، ނަމަވެސް ވިކްޓަރީއަށް މިހެން ދިމާވާއިރު އަޅުގަނޑަށް ކެތް ނުވީ ހުންނަން."

އެ ޓީމަށް ކުރިމަތިވި މާލީ މައްސަލަތަކާ ހުރެ، ކުލަބުގެ ކުޅުންތެރިންނަށް މުސާރަ ނުދޭތާ މިހާރު ވަނީ ހަތަރު މަސް ހޭދަ ވެފަ އެވެ. މިދިޔަ ހަފުތާގައި ޓީސީއާ ދެކޮޅަށް ވިކްޓަރީ ކުޅެން އޮތް މެޗަށް ވިކްޓަރީގެ ޓީމު ހާޒިރުވެފައެއްވެސް ނުވެ އެވެ.

މެޗު ނުކުޅެން ވިކްޓަރީން ނިންމީ، މެޗު ކުޅެން ޓީމުގެ މެނޭޖަރާއި ކުޅުންތެރިން ތައްޔާރަށް ތިބި ނަމަވެސް ޓީމުގެ ވެރިންގެ އެއްބާރުލުން ނުލިބުމުންނެވެ. ކުލަބުގެ ޗެއާމަން ކަމުގެ މަގާމުގައި ހުންނެވި، ޗެއާމަން މުހައްމަދު އިސްމާއީލް އާއި ވައިސް ޗެއާމަން އަލީ އާރިފު ވަނީ، ކުރިމަތިވި ޕްރެޝަރާ ހެދި މަގާމުން އިސްތިއުފާ ދީފަ އެވެ.

ޖުލައި މަހު ލީގް މެދުކަނޑާލި ފަހުން، ވިކްޓަރީން ޕްރެކްޓިސް ކޮށްފައެއް ނުވެ އެވެ. ސާފް ޗެމްޕިއަންޝިޕަށް ފަހު ކުޅުނު ފުރަތަމަ މެޗަށްވެސް އެޓީމުން ދިޔައީ ޕްރެކްޓިސް ނުކޮށެވެ. އެ މެޗުގައި ތަފާތު ބޮޑުކޮށް އެ ޓީމު ވަނީ ބަލި ވެފަ އެވެ.

ވިކްޓަރީގެ ބޯޑު މެންބަރަކު ބުނީ، މިއަދު ޕްރެކްޓިސް ފެށުމަށް ކުޅުންތެރިންނަށް މެސެޖު ކޮށްފައިވާ ކަމަށެވެ.