ހަބަރު

ބްރިޖް މަތީ ދުއްވާއިރު ބުރުގާއަށް ސަމާލުވާން އަންގައިފި

Oct 7, 2018
3

ސިނަމާލެ ބްރިޖާއި ލިންކް ރޯޑްގައި ދުއްވާ ފަރާތްތަކުން ބުރުގާއަށް ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، މިދުވަސް ވަރަކީ މޫސުން ގޯސްވެ، ގަދަވަޔާއެކު ވިއްސާރަ ކުރަމުންދާ ދުވަސްވަރަކަށްވުމުން ބްރިޖާއި ލިންކްރޯޑްގައި ބުރުގާ އަޅައިގެން ދުއްވާ އެންމެހާ ފަރާތްތަކުން ސަމާލުވުމަށް އަންގާ ކަމަށެވެ.

"ބުރުގާ ވަޔާގޮސް ހިނގާފާނެ ނުރައްކާތެރި ހާދިސާއަކުން ތިމާއާއި އަނެކާއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ވުމަށްޓަކައި ރައްކާތެރި އަދި ފުރިހަމަ ގޮތަކަށް ބުރުގާ އަޅައިގެން ދުއްވުމަށް އިލްތިމާސް ކުރަން،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މިހާރަކަށް އައިސް ބުރުގާ ދޫވެ، ނުރައްކާތެރި ހާދިސާތައް އިތުރުވެ ދުއްވާ ފަރާތްތަކަށް އެކިވަރުގެ އަނިޔާތަކާއި ގެއްލުންތައް ލިބެމުން އަންނަ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި މިފަދަ ނުރައްކާތެރި ކަންކަން އެންމެންގެ ސަމާލުކަމަށް ގެނައުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ.

"ވީމާ އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިކަންކަން ސަމާލުކަމަށް ދަންނަވަން،" ފުލުހުން ބުންޏެވެ.

ފުލުހުން މިގޮތަށް އިލްތިމާސް ކޮށްފައިވާއިރު، އިއްޔެ ސޯޝަލް މީޑިއާގައި ވަނީ ކުޑަ ކުއްޖަކު ގޮވައިގެން ދިޔަ އަންހެނެއްގެ ބުރުގާ ނެއްޓި މޫނުގައި ބުރުގާ އެޅި އެކްސިޑެންޓް ހިނގައި އަނިޔާވެފަ ކަމަށް ބުނެ ޕޯސްޓެއް ކޮށްފަ އެވެ.

ބުރުގާ އާމެދު ސަމާލުވާން އަންގާފައިވާއިރު، މީގެ ކުރިން ފުލުހުން ވަނީ ބްރިޖް މަތީ ދުއްވާ އިރު ކޮތަޅު ކޯޓް ނުލުމަށް ވެސް އިލްތިމާސް ކޮށްފަ އެވެ.