ހަބަރު

ނަތީޖާ ބަދަލުކުރަން ގާނޫނީ ހަމަތަކުން ކުރެވޭނެ ކަމެއް ދެން ނޯންނާނެ: ޖަމީލު

މިއަހަރުގެ ރިޔާސީ އިންތިހާބު ނިމިފައިވާ ކަމަށާއި ނަތީޖާއަށް ބަދަލު ގެނައުމަށްޓަކައި ރާއްޖޭގައި ހެދިފައިވާ ގާނޫނު އަސާސީ އާއި ގާނޫނީ ހަމަތަކުގެ މަތިން އިތުރަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިގޮތަށް ވިދާޅުވީ، ރާއްޖެ ވަޑައިގެންނެވުމާއެކު ކުރީގެ ރައީސް މައުމޫން އަބުުދުލްގައްޔޫމް ދެއްވި ދައުވަތަކަށް އެމަނިކުފާނާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ޖަމީލު ވިދާޅުވީ، ރައީސް މައުމޫން ޖަލުގައި ހުންނަވަން ޖެހުމާއި މިހާރުވެސް ހިނގަމުންދާ ޝަރީއަތްތަކަކީ އެމަނިކުފާނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. ރާއްޖެއަށް އާ ގާނޫނު އަސާސީއެއް ގެނެސްދީ، ރާއްޖެއަށް އާ ޑިމޮކްރަސީ ތައާރަފް ކޮށްދެއްވި ބާނީ އަށް ނުހައްގުން އަނިޔާތަކެއް ލިބެމުންދާތީ މިއަދު ކޮންމެ ރައްޔިތަކުވެސް ހިތާމަ ކުރައްވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.

"މިހާރު މިއޮތީ އާ ސަރުކާރެއް ވުޖޫދަށް އައިސްފަ، މި ސަރުކާރު ވުޖޫދަށް މިއައީ އަޅުގަނޑު ދެކޭ ގޮތުގައި ތަހައްމަލް ކުރި ވަރަށް ގިނަ ކަންތައްތަކަށް ފަރުވާ ހޯދުމަށްޓަކައި، އެހެންކަމުން އަޅުގަނޑުމެން ޔަގީނުންވެސް ކަށަވަރު ކުރަން މި ސަރުކާރު ގާއިމް ވެގެންދާނެ، އަޅުގަނޑު އުންމީދު ކުރަނީވެސް ނޮވެމްބަރު 11 ގައި މި ސަރުކާރު ހުވާ ކުރުން،" ޖަމީލް ވިދާޅުވި އެވެ.

"އަދި މިހާރު މި ފެތުރެމުންދާ އަޑުތަކަކީ ތިމަންނަމެން [ޕީޕީއެމް] ދޫނުކުރާނަމޭ ނުވަތަ މިތިބީ އަދިވެސް ދޫކުރާ ގޮތަކަށް ނޫނޭ، މިޔަކީ ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން، އިންތިހާބު ނިމިއްޖެ، ރާއްޖޭގެ ގާނޫނާއި ގާނޫނީ ހަމަތަކުގެ ތެރެއިން މިޔަކަށް އިތުރަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ، މިއީ ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން ނިމިފައި އޮތް އިންތިހާބެއް،"

މީޑިއާއާ ބައްދަލުކުރައްވައި ރައީސް މައުމޫން ވިދާޅުވީ، މި ސަރުކާރުގެ އެންމެ ފުރަތަމަ ނައިބް ރައީސަކީ ޖަމީލް ކަމަށާއި ސިޔާސީ ސަބަބުތަކާ ހުރެ އެއްވެސް ކުށެއް ނެތި އޭނާ މަގާމުން ދުރުކުރީ ކަމަށެވެ. އަދި ޖަމީލް ވަނީ ދިވެހި ރައްޔިތުންގެ ހައްގުގައި ވަރަށް ބޮޑެތި ގުރުބާނީތަކެއްވެފައި ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ، އާ ސަރުކާރެއް ގާއިމްވުމަށް މިހާރު މިވަނީ ތައްޔާރުވެފައި ކަމަށާއި ހުރިހާ ރައްޔިތުންނަށްވެސް ބާއްޖަވެރި ގޮތަކަށް ކަންތައްތައް ވެގެންދާނެ ކަމަށެވެ. އަދި އިންތިހާބުކުރި އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ވަރަށް ސާބިތުކަމާއި ހަރުދަނާކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޯލިޝަނުން އެމަނިކުފާނު ހޮވިވަޑައިގެންނެވީ، ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީން ވަރަށް ގަދަޔަށް މަސައްކަތް ކޮށްގެން އިބްރާހިމް މުހައްމަދު ސޯލިހް ހޮވިވަޑައިގެންފަައި އެހުރީ އަޅުގަނޑުމެންގެ ރައީސަކަށް ކުރިއަށް އޮތް ދައުރަކަށް، އަދި ފައިސަލް ނަސީމް ހޮވިވަޑައިގެންފައިވަނީ ނައިބް ރައީސަކަށް،" މައުމޫން ވިދާޅުވި އެވެ.

މައުމޫން މިއަދު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ވެސް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ.