ހަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހިން 400 ގޯތި ވިއްކަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކާ، އެކަމަށް ކުރިމަތިލާން މިއަދު ހުޅުވާލަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ދޫކުރަން ފަށަން ނިންމާފައިވާ ކަމަށާއި އެގޮތުން 1000 އަކަފޫޓުގެ 400 ގޯތި ދޫކުރާނެ ކަމަށެވެ. އެ ގޯތިތައް ދޫކުރާނީ 400،000 ރުފިޔާއަށް ބިމެއް ކަމަށާއި ޑައުން ޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދެއްކުމަށް ފަހު ބަކީ ފައިސާ 10 އަހަރު ތެރޭ ކޮންމެ މަހަކު ދައްކާ ހަލާސް ކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ބޭނުންވާ ފަރާތްތަކަށް އެއް ފަހަރާ ފައިސާ ދެއްކުމުގެ ފުރުސަތު ވެސް އޮންނާނެ ކަަމަށް ވެސް މިނިސްޓަރު ވިދާާޅުވި އެވެ.

"އަޅުގަނޑު ޔަގީން ކުރަނީ މާލޭގެ ރައްޔިތުން ހާއްސަކޮށް ތަންކޮޅު ބަހައިގެން ކުޑަ ޖާގައެއްގެ ތެރޭ ތާށިވެގެން އުޅޭ އެތަށް ރައްޔިތުންގެ އުންމީދުތަކަށް ވަރަށް ބޮޑު ދިރުމެއް ލިބިގެންދާ ވަރަށް ވެސް އުފާވެރި ހަބަރަކަށް ވެގެންދާނެ، 1000 އަކަފޫޓުގެ ބިމެއްގައި ވަރަށް ފަސޭހައިން ތިން ނުވަތަ ހަތަރު ކޮޓަރީގެ ހައުސިން ޔުނިޓެއް ހެދޭނެ އަދި މަތި މައްޗައް އިމާރާތް ކުރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

ގޯއްޗަށް ކުރިމަތިލުމަށްމިއަދު މިއަދު ހަވީރު 4:30 އިން 6:00 އަކަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ފޯމް ދޫކުރަން ފަށާނެ ކަމަށާއި އޮންލައިންކޮށް ވެސް ފޯމް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ފޯމް ބަލައިގަތުން މާދަމާ މާދަމާ އިން ފެށިގެން މި ހަފްތާ ބުރާސްފަތި ދުވަހުގެ ނިޔަލަަށް ކުރިޔަށްދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިފަހަރު އެއްވެސް ޕޮއިންޓު ދިނުމުގެ އުސޫލަކަށް ނުދާނެ ކަމަށާއި ހުރިހާ ހުށަހަޅާ ހުރިހާ ފޯމެއް ބަލައިގަންނާނެ ކަމަށެވެ. އަދި ފޯމް ނަމްބަރުތައް ގުރުއަތުލުމަށް ފަހު 400 މީހުން ގުރުއަތުލާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ބުރާސްފަތި ދުވަހު ފޯމް ބަލައިގަތުން ނިމުމުން ހުކުރު ދުވަހު އިދާރީ މަސައްކަތް ކުރުމަށް ފަހު އަންނަ ހޮނިހިރު ދުވަހު ދަރުބާރުގެ ފަދަ ތަނެއްގައި ރައްޔިތުންގެ ކުރިމަތީގައި ގުރުއަތު ނަގާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެންމެން ހަމަހަމަ ވާނެ މީގަ ތަފާތު ކުރުމެއް ނޯންނާނެ، 400 ފަރާތް އެންމެންގެ ހާޒިރުގައި ލައިވް ޓީވީގައި އަޅުގަނޑުމެން ކުރިމަތިލާނީ، ގުރުއަތު ލައިގެން 400 ފަރާތް އަޅުގަނޑުމެން ލާނީ،" މުއިއްޒު ވިދާޅުވި އެވެ.

ގޯއްޗަށް ކުރިމަތިލުމުގެ ޝަރުތުތަކު ތެރޭގައި 18 އަހަރުވެފައިވާ މާލޭގެ ރައްޔިތަކަށްވުން ނުވަތަ ދަފްތަރުގައި ޖެހިފައިވުމާއި ކައިވެނިކޮށްފައިވުމާއި 600 އަކަފޫޓުގެ ގޯއްޗެއް ނުވަތަ ފްލެޓެއް ނެތް މީހަކަށްވުން ހިމެނެ އެވެ. އަދި ސަރުކާރުގެ ބޯހިޔާވެހިކަމުގެ އެއްވެސް މަޝްރޫއަކުން ބޯހިޔާވެރިކަމެއް ލިބިފައި ނެތް މީހަކަށް ވުމެވެ.

މުޅިން އަލަށް ގޯތި ދޫކުރަން ފަށާފައިވާ އިރު ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ގޯއްޗާއި ފްލެޓު ދޫކުރުމުގެ މަސައްކަތާއި އާ މަޝްރޫއުތައް މަޑުޖައްސާލުމަށް ޑިރެކްޓާ ޖެނަރަލް އޮފް ޓްރާންސިޝަން ވަނީ އަނގައިފަ އެވެ. އެގޮތުން ދާދި ފަހުން އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ސަރުކާރުން ހިންގާ "ހިޔާ" މަޝްރޫއުގެ އިދާރީ މަސައްކަތްތައް ވެސް ހުއްޓާލުމަށް ވަނީ އަންގައިފަ އެވެ.

ގޯތި ދޫކުރާކަން އިއުލާން ކުރެއްވުމަށް ފަހު އެ ނޫސްވެރިންނަށް ސުވާލު ކުރަން ފުރުސަތު ނުދީ މިނިސްޓަރު ވަނީ ޕްރެސްރޫމް ދޫކުރައްވާ ވަޑައިގެންފަ އެވެ.