ދިވެހި ޕްރެމިއާ ލީގް

ތިމަރަފުށި އަތުން ވަރުގަދަ މާޒިޔާއަށް ލިބުނީ އުނދަގޫ މޮޅެއް

މާލީ މައްސަލަތަކާ ހުރެ އުނދަގޫ ހާލަތެއްގައި އޮތް ތ. ތިމަރަފުށި ޓީމު އަތުން އުނދަގުލުން މާޒިޔާ މޮޅުވެއްޖެ އެވެ.

ތިމަރަފުށި ޓީމާ ދެކޮޅަށް ނިކުތް ފުރަތަމަ ޑިވިޝަންގެ ބައެއް އެހެން ޓީމުތަކުން ވަނީ އެ ޓީމުގެ މައްޗަށް ތަފާތު ބޮޑުކޮށް މޮޅުވެފަ އެވެ. މިދިޔަ ހަފުތާގައި އީގަލްސްއިން ވަނީ ތިމަރަފުށި ކޮޅަށް ނުވަ ލަނޑު ޖަހާފަ އެވެ. ނިއު ރޭޑިއަންޓުން ތިމަރަފުށި ކޮޅަށް 10 ލަނޑު ވައްދާލި އެވެ.

މާޒިޔާއިން ލަނޑެއް ޖެހިޔަ ނުދީ، މެޗުގެ ފުރަތަމަ ހާފުގައި ތިމަރަފުށިން މާޒިޔާ ހިފަހައްޓާލި އެވެ. މާޒިޔާގެ ފުރަތަމަ ލަނޑަކީ ތިމަރަފުށީގެ ބިދޭސީ ކުޅުންތެރިޔާ އަޑެޔޮޖީ ޓުންޑެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުގެ 66 ވަނަ މިނެޓްގައި މާޒިޔާގެ އަލީ ޝާމިސް މަޑުމަޑުން ފޮނުވާލި ބޯޅަ ޓުންޑެ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ބޯޅަ ވަނީ ބައިކޮޅަށެވެ.

ދެ ވަނަ ލަނޑެއް ޖެހުމަށް މާޒިޔާއަށް ގިނަ ވަގުތުތަކެއް ހޭދަވި އެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 80 ވަނަ މިނެޓްގައި ކޯނޭލިއަސް ސްޓްވާޓް ‘ކޯނޭ’ އެވެ.

މޮޅާއެކު މާޒިޔާ ވަނި 13 ޕޮއިންޓް ހަމަ ކޮށްފަ އެވެ. ނަމަވެސް ތާވަލުގެ މަގާމަކަށް ބަދަލެއް ނާދެ އެވެ. އެ ޓީމު އޮތީ ހަތަރު ވަނައިގަ އެވެ. ނިއު ރޭޑިއަންޓަށް ވެސް ވަނީ ލިބިފައި ވަނީ 13 ޕޮއިންޓެވެ. ނިއު ތިން ވަނައިގައި އޮތީ ލަނޑުގެ ތަފާތުން ކުރި ލިބިގެންނެވެ.