ދިވެހި ޕްރެމިއާ ލީގް

ޕެނަލްޓީ ބޭކާރުވުމުން ގްރީން އަތުން ޓީސީ ބަލިވެއްޖެ

ނަތީޖާ ހަމަހަމަ ކުރަން ލިބުނު ޕެނަލްޓީ ބޭކާރުވެ، ކުލަބު ގްރީން ސްޓްރީޓް އަތުން ޓީސީ ސްޕޯޓްސް ކުލަބު 2-1 ން ބަލި ވެއްޖެ އެވެ.

މެޗުގައި ޓީސީއަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. އެ ޓީމަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކީޕަރު އިބްރާހިމް ލަބާން ވަނީ ޕެނަލްޓީ ދިފާއުކޮށް ޓީސީގެ ޕޮއިންޓަށް ހުރަސް އަޅާފަ އެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީވެސް ގްރީންއިންނެވެ. އެ ޓީމުގެ ލަނޑު މެޗުގެ 42 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ހޯޒޭ އަވީލާ އެވެ. އޭނާ ލަނޑު ޖެހީ ޓީސީގެ ޑިފެންޑަރު މުހައްމަދު އަޖުފާން އާއި ގޯލްކީޕަރު ލިމްބޫ ކިރަން ކުމާރަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައިގެންނެވެ.

ގްރީން ސްޓްރީޓުން ކުރިއަށް ނަގައިދިން ބޯޅައިގެ ކޮންޓްރޯލް ހޯދުމުގެ ގޮތުން، ޕެނަލްޓީ އޭރިއާ ބޭރުން އަޖުފާން ވަނީ، ކީޕަރު ކިރަން އަށް ދިނުމުގެ ގޮތުން ފަހަތައް ބޯޅަ ޕާސްކޮށްލާފަ އެވެ. ނަމަވެސް އެ ބޯޅަ ދިޔައީ ކިރަންއެވެސް ނުލިބި އޭނާގެ ފަހަތުގައެވެ. އެ ބޯޅަ ހޯދަން ކިރަން ގޯލައާ ދިމާލަށް ދުއްވައިގަތީ، ބޯޅަ ފަސްދީ ދިޔަ ފަހުންނެވެ. އެ ވަގުތު އަވީލާވެސް އޭނާގެ ފަހަތުން އާދެ އެވެ. ކިރަން ބޯޅަ ބޭރުކޮށްލަން ޖަހަޖައި އޮއްވައި އަވީލާ ވަނީ ހުހަށް އޮތް ގޯލްގެ ތެރެއަށް ބޯޅަ ވައްދާލފަ އެވެ.

ދެ ވަނަ ހާފުގައިވެސް، ބޯޅަ ބާއްވައިގެން ގިނަ ހަމަލާތަކެއް އުފެއްދީ ޓީސީންނެވެ. ޓީސީން ފަހަތުގައި އޮތުމުން އެ ޓީމުން ވަނީ ކުރިއަށް ޖެހި ހަމަލާ އުފައްދަން މަސައްކަތް ކޮށްފަ އެވެ. ގްރީން ސްޓްރީޓްގެ ދެ ވަނަ ލަނޑަކީ ޓީސީގެ މުޅި ޓީމު ކުރިއަށް ޖެހިގެން ތިއްބައި، ކައުންޓަ އެޓޭކުގައި އަވީލާ ކާމިޔާބު ކުރީ ލަނޑެކެވެ. މެޗުގެ 74 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ ޓީސީގެ ޑިފެންޑަރުވެސް ކަޓުވާލުމަށް ފަހު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.

އޭގެ ހަ މިނެޓް ފަހުން ޓީސީން ވަނީ ލަނޑު ޖަހައި އުންމީދެއް ހޯދައި ދީފަ އެވެ. ގްރީންގެ ޕެނަލްޓީ އޭރިއާ ދިމާލުން އަރިމަތިން ބޭރު ރޮނގުކައިރިން ލިބުނު ހިލޭޖެހުން ގޯލް އޭރިއާ ތެރެއަށް ނަގައިދިނުމުން އެ ބޯޅަ ބޮލުން ގޯލް ތެރެއަށް ވައްދާލީ ނިޝާމް މުހައްމަދު ރަޝީދެވެ.

ޓީސީއަށް ލިބުނު ޕެނަލްޓީ އަކީ، ގްރީންގެ ޕެނަލްޓީ އޭރިއާ ތެރެއިން، ޓީސީގެ އަލީ އަޝްފާގް 'ދަގަނޑޭ'އަށް ކުރި ފައުލަކާ ގުޅިގެންނެވެ. އަޝްފާގް އަށް ލިބުނު ބޯޅަ އޭނާ އަތުން ހޯދުމުގައި، ގްރީންގެ ޑިފެންޑަރު މުހައްމަދު ސާއިފުއަށް ނާކާމިޔާބު ވުމުން، އޭނާ އަށް ޖެހުނީ ދަގަނޑޭ ހުއްޓުވުމަށް އޭނާއަށް ފައުލު ކުރާށެވެ.

މެޗުގެ 83 ވަނަ މިނެޓްގައި، ޓީސީއަށް ލިބުނު ޕެނަލްޓީ ފޮނުވާލީ އިބްރާހިމް މަހްދީ ހުސައިން 'ހަބޭސް އިއްބެ' އެވެ. ގްރީންގެ ގޯލް ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ކީޕަރު ލަބާން ވަނީ ދިފާއު ކޮށްފަ އެވެ.

ލީގްގައި މާދަމާ ހަވީރު، ވިކްޓަރީއާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅޭ މެޗުން މޮޅުވެގެން އެ ޓީމަށް، ޓީސީއާ ދެޕޮއިންޓަށް ފަރަގު ކުޑަ ކުރެވޭނެ އެވެ.