ކުޅިވަރު

ފުރުސަތުގެ ބޭނުންހިފައި ކީޕަރު ލަބާން ތަފާތު ދައްކަނީ!

ތިން އަހަރަށް ވުރެ ގިނަ ދުވަހު ޖަލުގައި އޮތުމަށް ފަހު، ޕެރޯލުގެ ދަށުން، ޒުވާން ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފު ދޫކޮށްލުމުން، ފުޓްބޯޅަ ދަނޑަށް އޭނާ އަނބުރާ އަންނަން ނިންމުމުން، ފުޓްބޯޅަ އާއިލާގެ އެތައް ބަޔަކު އޭނާއަށް މަރުހަބާ ކި އެވެ.

އޭނާގެ ނިންމުމަށް، އޭނާގެ ކުރީގެ ގޯލްކީޕަރު ޓްރެއިނަރު، ގައުމީ ޓީމާއި، ކުލަބު އީގަލްސްގެ ޓްރެއިނަރު އަސްލަމް އަބްދު ރަހީމު ތައުރީފު އޮއްސާލި އެވެ. އޭނާ ދޫކޮށްލި ދަނޑިވަޅަކީ ރާއްޖޭގެ ފުޓްބޯޅަ ސީޒަންގެ މެދުތެރޭ ޓްރާންސްފާ ޕީރިއަޑް ކުރިމަތި ވެފައި އޮތް ވަގުތެވެ. އޭނާގެ ސޮއި ހޯދުމަށް ވިކްޓަރީ ސްޕޯޓްސް ކުލަބާއި، ކުލަބު ގްރީން ސްޓްރީޓުން އޭނާއަށް ހުށަހެޅި އެވެ. އަސްލަމްގެ ލަފާގެ މަތިން އޭނާ ބަދަލުވީ ގްރީން ސްޓްރީޓަށެވެ. އެއީ އެ ޓީމުގައި ފުރަތަމަ 11 އިން ޖާގަ ލިބުމުގެ ފުރުސަތު ބޮޑުވުމުންނެވެ.

ދިވެހި ޕްރިމިއާ ލީގާ ގްރީން ސްޓްރީޓުން ކުރިމަތިލީ، އެ ޓީމުގެ ބަދަލު ގޯލް ކީޕަރެއްގެ ގޮތުގައި ލަބާންގެ ނަން ޖަހައިގެންނެވެ. ފުރަތަމަ ކޮޅު އޭނާ ހުންނަން ޖެހުނީ ބެންޗުގަ އެވެ. އޭނާ ވާދަ ކުރަން ޖެހެނީ އުޒުބްކިސްތާންގެ ގޯލްކީޕަރު ސާޖީ ސުމޮރޯޑިން އާ އެވެ.

ޕްރިމިއާ ލީގްގެ ކުރީ ކޮޅު، އަމިއްލަ ކަމެއްގައި ސުމޮރޯޑިން ގައުމަށް ދާން ޖެހުމުން، ލީގްގައި. ފ. ނިލަންދޫއާ ދެކޮޅަށް ކުޅުނު މެޗުން، ލަބާންއަށް ފުރުސަތު ދިނެވެ. އެއީ ތިން އަހަރަށް ފަހު އޭނާ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. އޭނާއާ އެކު ކުރެވުނު ތަޖުރިބާ ގްރީން ސްޓްރީޓަށް ކަމު ދިއުމުން ބިދޭސީ ކީޕަރު ދޫކޮށްލުމަށް އެ ޓީމުން ނިންމި އެވެ. އެއީ ބިދޭސީ ކުޅުންތެރިންނަށް ކުރަންޖެހޭ ހަރަދު ބޮޑުވުމުން މާލީގޮތުންވެސް ނެގި ފިޔަވަޅެއްގެ ގޮތުންނެވެ.

ޖުލައި 18 ގައި، ލީގް މެދުކަނޑާލި ނަމަވެސް އޭނާ ޕްރެކްޓިހަށް ނިކުތެވެ. އޭރު ގްރީންގެ 19 އަހަރުން ދަށުގެ ޓީމުން ދިޔައީ ޔޫތު ޗެމްޕިއަންޝިޕަށް ތައްޔާރު ވަމުންނެވެ. އެ ޓީމާއެކުވެސް އޭނާ ޕްރެކްޓިހަށް ނިކުތީ ކުރީގެ ފެންވަރަށް އައުމުގެ އަމާޒުގަ އެވެ. ތިން އަހަރު ޖަލުގައި އޮތުމަށް ފަހު، އެނބުރި ދަނޑަށް އައިސް އޭނާވީ ގުރުބާނީގެ ނަތީޖާ ފެންނަން ފަށައިފި އެވެ.

ރޭ ޓީސީއާ ދެކޮޅަށް ގްރީން ސްޓްރީޓް ކުޅުނު މެޗަކީ، އޭނާގެ އެނބުރި އައުން ކާމިޔާބުކަން ހާމަވެގެން ދިޔަ މެޗެކެވެ. ޓީސީގެ މައްޗަށް ގްރީން ސްޓްރީޓަށް ތިން ޕޮއިންޓް ހޯދައި ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ އޭނާ އެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ޓީސީއަށް ލިބުނު ޕެނަލްޓީ އޭނާ ދިފާއު ކުރި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެވެ.

ރޭގެ މެޗަށް ފަހު، ގްރީން ސްޓްރީޓްގެ ކޯޗް އަލީ ސުޒޭން ވަނީ ލަބާން އަށާއި ގްރީންގެ ގޯލްކީޕަރު ޓްރެއިނަރު އިބްރާހިމް 'މެޓާ' ސަލީމަށް ތައުރީފު އޮއްސާލާފަ އެވެ.

"ޖަލުގައި ތިން އަހަރެއް ދެ އަހަރެއް ވެލާފައި އަންނަ ތަނުން ޓީމެއްގެ (ގަދަ) 11 އިގެ ތެރެއަށް ލާނީ ސަބަބު [ފެންވަރު] ހުރީމަ، އެހެން ނޫނިއްޔަކާ ނުލާނެ،" ލަބާން އަށް ތައުރީފު ކުރުމަން ސުޒޭން ބުންޏެވެ. "މީގައި މެޓާގެ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކޮށްލަން ޖެހޭ، ވަރަށް ބޮޑު ރަނގަޅު މަސައްކަތެއް ކުރެވިފައި ހުރިކަން އެނގޭ."

"ޕެނަލްޓީ ނޫނަސް، ގާތްގަނޑަކަށް ގޯލް ކަހަލަ ދެތިން އެއްޗެއް ސޭވް ކޮށްލި، ޓީސީގެ ނަސީބުވެސް ކުޑަކޮށް ދެރަހެން ހީވި، ލިބާންގެ ސޭވްތައް ވަރަށް ފާހަގަ ކޮށްލަން ޖެހޭ، ތިން ސޭވް ދިޔަ، އޭގެ އިތުރުން ޕެނަލްޓީއެއް ސޭވް ކުރި، އެހެންވީމަ ސުވާލެއްވެސް ނެތް މެޓާއަށް އެބަހުރި މަސައްކަތްތަކެއް ކުރެވިފައި."

މެޗަށް ފަހު 'އަވަސް' އާ ވާހަކަ ދައްކަމުން ލަބާން ބުނީ، އޭނާގެ ޕަފޯމަންސްގެ އަސްލު ސަބަބަކީ އޭނާއަށް އިތުބާރު ކޮށްފައި ގްރީންއިން އޭނާއަށް ހުޅުވާލަ ދިން ދޮރު ކަމަށެވެ.

"ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް މި ލިބުނީ، އެންމެ ބޮޑަށް ހިތްހަމަ ޖެހުނީ ޓީމުން އިތުބާރުކޮށްފަ އަޅުގަނޑަށް ފުރުސަތު ދިނީމަ،" ލަބާން ބުންޏެވެ. "ކޯޗަށާއި ކީޕަރު ޓްރެއިނަަށް ވަރަށް ޝުކުރު އަދާ ކުރަން."

އޭނާ ބުނީ، ގައުމީ ޓީމުން ފުރުސަތު ހޯދަން އުންމީދު ކުރާ ކަމަށާއި އެފުރުސަތު ލިބިއްޖެނަމަ ޝުކުރުވެރި ވާނެ ކަމަށެވެ. އަންނަ މަހު ތިން ވަނަ ދުވަހު ގައުމީ ޓީމު މެލޭޝިއާ ދެކޮޅަށް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ ތިން އަހަރު ކުރިން، 2015 ވަނަ އަހަރު މެއި މަހު، ފުލުހުން އޭނާ ހައްޔަރު ކޮށްގެން ގެންދިޔައީ މާފަންނު ޓާފް ދަނޑުގައި އީގަލްސްގެ ޕްރެކްޓިހުގައި ހުއްޓަ އެވެ. އެއީ މެއި މަހު އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާ ދިނުމުންނެވެ.