ބޮލީވުޑް

ފެންޓަމް ފިލްމްސްއަށް ނިމުން

ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ބޮލީވުޑްގެ ފިލްމު ޕްރޮޑަކްޝަން، ފެންޓަމް ފިލްމްސް ހުއްޓާލަން ނިންމައިފި އެވެ. ފެންޓަމްއަކީ މަޝްހޫރު ފިލްމު އުފެއްދުންތެރިން ކަމުގައިވާ އަނޫރާގް ކަޝްޔަޕް، ވިކްރަމްއަދިތުޔަ މޮތުވާނީ، ވިކާސް ބާލް އަދި މަދޫ މަންތޭނާގެ ހިއްސާ އޮންނަ ޕްރޮޑަކްޝަން ހައުސްއެކެވެ.

ހަތް އަހަރަށްފަހު ފެންޓަމްގައި ބަންދު ބޯޑު އަޅުވަން މެދުވެރިވި ސީދާ ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ޕްރޮޑަކްޝަން ބަންދުކުރަން ނިންމީ ހިއްސާދާރުންގެ މެދުގައި މައްސަލަތަކެއް ޖެހިގެންނެވެ.

ފެންޓަމްއިން އެންމެ ފުރަތަމަ ގެނެސްދިން ފިލްމަކީ "ލޫތެރާ" އެވެ. އެއީ ރަންވީރް ސިންހު އާއި ސޮނާކްޝީ ސިންހު ލީޑުން ފެނިގެންދިޔަ ފިލްމެކެވެ. ކްރިޓިކުން ތައުރީފު ކުރި ނަމަވެސް ބޮކްސް އޮފީހުގައި އެ ފިލްމު އެހާ ކަމިޔާބެއް ނުވި އެވެ.

އެ ޕްރޮޑަކްޝަންގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ކުއީން"، "ގޭންގް އޮފް ވަސޭޕޫރް"، "އުޑުތާ ޕަންޖާބް" އަދި "މަސާން" ހިމެނެ އެވެ. އަދި ދާދިފަހުން އުފެއްދި ކާމިޔާބު ނެޓްފްލިކްސް ސީރީޒް "ސެކްރެޑް ގޭމްސް" އަކީވެސް ފެންޓަމްގެ މަސައްކަތެކެވެ. އެ ސީރީޒްގެ ދެ ވަނަ ސީޒަންވެސް ވަނީ އިއުލާނުކޮށްފައި އެވެ.

ފެންޓަމްގެ އެންމެފަހު ފިލްމަކަށް ވާނީ އަންނަ އަހަރު ޖެނުއަރީގައި ރިލީޒްކުރާ ރިތިކް ރޯޝަންގެ ފިލްމު "ސުޕަ ތާޓީ" އެވެ.