ހަބަރު

އެމެރިކާ ސަފީރުގެ ރަސްމީ ދަތުރުފުޅެއް ރާއްޖެއަށް

ދެކުނު އަދި ސެންޓްރަލް އޭޝިއާގެ ކަންތައްތައް ބެލެހެއްޓުމަށް އެމެރިކާއިން ގާއިމްކޮށްފައި ހުންނަ ބިއުރޯގެ ޑެޕިއުޓީ އެސިސްޓެންޓް ސެކެރެޓަރީ އެލިސް ވެލްސް ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ އެވެ. އެލިސްގެ ދަތުރުފުޅުގައި އަވައްޓެރި ސްރީލަންކާއަށް ވެސް ވަޑައިގަންނަވާނެ އެވެ.

މިމަހުގެ ނުވަ ވަނަ ދުވަހު ރާއްޖެއާއި ލަންކާ އަށް އެލިސް ފައްޓަވާ ތިން ދުވަހުގެ ދަތުރުފުޅުގައި ރާއްޖެއަށް ވަޑައިގެން ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް އެމެރިކާ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ ބައްދަލުކުރައްވައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.

އެލިސް ވެލްސްގެ މި ދަތުރުފުޅަކީ ރާއްޖެ، ލަންކާ އަދި އެމެރިކާގެ ގުޅުން ހަރުދަނާކޮށް، އިންޑިއާ ކަނޑުގެ ސުލްހަ ދެމެހެއްޓުމަށްޓަކައި އެމެރިކާގެ ރޯލު ފުޅާކުރުމާ ބެހޭގޮތުން ވެސް މަޝްވަރާކުރެވިގެންދާނެ ދަތުރުފުޅެކެވެ.

އެމެރިކާގެ ސަރަހައްދީ ސަފީރު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، އެމެރިކާއިން ވަނީ މިދިޔަ މަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބާ މެދު ހިތްހަމަޖެހުން ފާޅުކޮށް، އިންތިހާބުން ކާމިޔާބު ހޯއްދެވި އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔާފަ އެވެ. އަދި ދިފާއީ ކަންކަމާއި އަމާންކަމާއި ޑިމޮކްރަސީ ކުރިއެރުވުމަށްޓަކައި އާ ސަރުކާރާއެކު ގުޅުން ވަރުގަދަ ކުރުމުގެ ޝައުގުވެރިކަން ވެސް ފާޅުކޮށްފަ އެވެ.