ދިވެހި ސިނަމާ

ގޮށްރާޅު ރިލީޒްކުރުން ފަސްކުރަނީ

ޑާކް ރެއިން އެންޓަޓެއިންމަޓުން ގެނެސްދިނުމަށް ތައްޔާރުމުން އަންނަ ކްރައިމް ތްރިލާ ފިލްމު "ގޮށްރާޅު" ރިލީޒްކުރުން ފަސްކުރަން ނިންމައިފި އެވެ. މި ފިލްމު ސިނަމާގައި އަޅުވަން ނިންމާފައި އޮތީ އަންނަ މަހު ފަހަކުން ފެށިގެންނެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމު ފަސްކުރަން ނިންމީ ރާއްޖޭގެ މަޝްރަހު މިދުވަސްވަރު ހަލަބޮލިވެފައި އޮތުމުން ކަމަށެވެ. އަދި ހަލަބޮލި މާހައުލެއް އޮތްވާ "ހަލަބޮލި" ފިލްމެއް ބެލުމަށް ބެލުންތެރިން ވެސް ބޭނުންނުވެދާނެ ކަމަށް މޮގާ ބުންޏެވެ.

"މި ދުވަސްވަރު މުޖުތަމައުގެ ހާލަތު އޮތް ގޮތުން، އަޅުގަނޑުމެންގެ ފިލްމުގެ ޓީމާއި ސްޕޮންސަރުން މަޝްވަރާކޮށްފައި ނިންމީ ފިލްމު ލަސްކޮށްލަން. މިހާރުގެ ހާލަތު ހަމައަކަށް އެޅިލީމަ ވަރަށް އަވަހަށް އަޅުގަނޑުމެން ފިލްމު ރިލީޒްކުރާނެ ތާރީހެއް ހާމަކުރާނަން،" މޮގާ ބުންޏެވެ.

އަހްމަދު ޝިނާން ޑައިރެކްޓުކޮށްފައި މި ފިލްމުގެ ސްކްރީޕްލޭ ތައްޔާރުކުރީ މޫމިން ފުއާދެވެ. މި ފިލްމުގެ ފުރަތަމަ ޓްރެއިލާ ވެސް ވަނީ ދޫކޮށްލާފައި އެވެ. ޓްރެއިލާއަށް ބެލުންތެރިންގެ ތަރުހީބު ލިބުނެވެ.

"ގޮށްރާޅު" ޓްރެއިލާ.

ލީޑު ރޯލުން ޖުމައްޔިލް ނިމާލް ފެނިގެންދާ މި ފިލްމުގައި މުހިންމު ރޯލުތަކުން ހަސަން އިރުފާން (ޒަކިއްޓެ) އަދި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ފެނިގެންދާނެ އެވެ. މިއީ ޒަކިއްޓެއް ދިވެހި ސިނަމާއަށް ތައާރަފުވާ ފިލްމެވެ.

ކާސްޓުގައި ހިމެނޭ އިތުރު ފަންނާނުންނަކީ ނުޒުހަތު ޝުއައިބް، ތަސްނީމާ، ރަޝްފާ، އަޒާން، ނާސިތް އަދި ހަމްދާން އެވެ. މީގެ ތެރޭގައިވެސް ގިނައީ ދައިރާއަށް އަލަށް ތައާރަފުވާ ފަންނާނުންނެވެ.