ދުނިޔެ

އިންޓަޕޯލްގެ ވެރިޔާ ޗައިނާގައި ހައްޔަރުކޮށްފި

Oct 8, 2018

ބެއިޖިންގް (އޮކްޓޯބަރު 7) - މިދިޔަ މަހު ފަހުކޮޅުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ، އިންޓަޕޯލްގެ ވެރިޔާ މެންގް ހޮންގްވެއި ހައްޔަރުކޮށްފައިވާކަމަށް ޗައިނާ ސަރުކާރުން ބުނެފި އެވެ.

ޗައިނާއިން މިހެން ބުނީ، މިދިޔަ ސެޕްޓެމްބަރު މަހު 25 ވަނަ ދުވަހު، ފްރާންސް އިން ފުރައިގެން ޗައިނާއަށް އެތެރެވުމަށްފަހު، މެންގަށް ވީގޮތެއް ނޭނގިގެން ކަންބޮޑުވުން ފާޅުކުރަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.

ޗައިނާ ސަރުކާރުން ބުނީ، މެންގް ހައްޔަރުކުރީ ހިޔާނާތުގެ މައްސަލަތަކަކާއި ގުޅިގެން ކަމަށެވެ. މިދިޔަ އާދީއްތަ ދުވަހު މެންގް ވަނީ އިންޓަޕޯލްގެ ވެރިޔާގެ މަގާމުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ހުށަހަޅުއްވައިފަ އެވެ. މެންގް އަކީ ޗައިނާގެ ޕަބްލިކް ސެކިއުރިޓީގެ ވައިސް މިނިސްޓަރުގެ މަގާމުވެސް އަދާކުރައްވާ ބޭފުޅެކެވެ.

މެންގް ގެ އަނބިކަނބަލުން ވަނީ، މެންގް ގެ ފުރާނައަށް ނުރައްކާވެފައިވާކަމަށް ވިދާޅުވެ ބައިނަލްއަގުވާމީ އެހީތެރިކަމަށް އެދިފަ އެވެ.