ބާސެލޯނާ

މި ސީޒަންގައި ކަންކަން ދަނީ ދިމާ އިދިކޮޅަށް: ވަލްވެރުޑޭ

މި ސީޒަންގައި އެފްސީ ބާސެލޯނާގެ ކަންކަން ދަނީ ޕްލޭން ކުރާ ގޮތާ ދިމާ އިދިކޮޅަށް ކަމަށް ބާސެލޯނާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ ބުނެފި އެވެ.

ސްޕެނިޝް ލީގްގައި، ވެލެންސިއާ އަތުން އެއްވަރުވެ، ތާވަލުގެ އެއް ވަނައަށް ދިއުމަށް ލިބުނު ފުރުސަތު ބާސެލޯނާއަށް ވަނީގެއްލިފަ އެވެ. ވެލެންސިއާގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ މެޗުގެ ވަރަށް ކުރީ ކޮޅު ބާސާގެ ގޯލް ފޫ އަޅުވާލާފަ އެވެ.

މެޗު ފެށިގެން ދެ ވަނަ މިނެޓްގައި ވެލެންސިއާގެ ލަނޑު ކާމިޔާބު އެޒެކިއެލް ގަރާއީ އެވެ.

ވަލްވެރުޑޭ ބުނީ، މެޗުގެ އެހާ ކުރީ ކޮޅު ބާސާގެ ކޮޅަށް ގޯލް ވަނުމުން އެކަމުގެ އަސަރު ޓީމަށް ވަރަށް ބޮޑަށް ކުރި ކަމަށެވެ.

"މިއީ ވަރަށް އުނދަގޫ ގޭމެއް، އަބަދުވެސް މި ޓީމާ ދެކޮޅަށް ކުޅޭ މެޗު ވަރަށް އުނދަގޫ ވާނެ، މެޗުގެ ކުރީކޮޅު އެ ގޯލް ވަނުމުން އަހަރެމެންނަށް ވަރަށް ބޮޑަށް އުނދަގޫ ކުރިމަތިވި،" ވަލްވެރުޑޭ ބުންޏެވެ. "އެ ޓީމަށް ރަނގަޅު ދޭއް ނުވަތަ ތިން ފުރުސަތެއް ލިބުނު ފަހުން އަހަރެމެންނަށް ރަނގަޅަށް ކުޅެވެން ފެށުނީވެސް."

ބާސާ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 23 ވަނަ މިނެޓްގައި ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބު ކުރި ލަނޑުނެވެ. ދެ ވަނަ ހާފުގައިވެސް މެސީއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ.

މިދިޔަ ހަފުތާގައި ޗެމްޕިއަންސް ލީގްގައި، ޓޮޓެންހަމްއާ ދެކޮޅަށް ބާސާ ކުޅުނު މެޗަކީ، ތަފާތު މޮޅު ގޭމެކެވެ. އެ މެޗުގައި މެސީގެ ފަރާތުންވެސް އާދަޔާ ހިލާފު މޮޅު ކުޅުމެއް ފެނިގެން ދިޔަ އެވެ. ވަލްވެރުޑޭ ބުނީ ރޭގެ މެޗުގައި ދިޔައީ އެ މެޗާ މުޅިން ހިލާފަށް ކަމަށެވެ.

"ޓީމުގައި ހުންނަން ޖެހޭ މެންޓަލިޓީ ގެއްލިގެން ދިޔަ، ހަތަރު ދުވަސް ކުރިން ކުޅުނު (ޗެމްޕިއަންސް ލީގް) މެޗުގައި މެންޓަލިޓީ ހުރީ އެންމެ ރަނގަޅު ލެވަލުގައި، އެއީ ހުންނަން ޖެހޭ ގޮތަކީ، އެ މެޗުގައި ދެ މިނެޓް ތެރޭ އަހަރެމެން ލަނޑު ޖަހަން ފަށައިފިން، މި މެޗުގައި ކަންކަން ދިޔައީ އެހާ މުޅިން ހިލާފަށް." ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗަށް އިޝާރާތްކޮށް ވަލްވެރުޑޭ ބުންޏެވެ.

މިހާރު ތާވަލުގެ އެއް ވަނައިގައި އޮތީ، ރޭ ސެލްޓަ ވިގޯގެ މައްޗަށް 2-1 މޮޅުވި ސެވިއްޔާ އެވެ. އެ ޓީމު އެއް ވަނައިގައި އޮތީ 16 ޕޮއިންޓް ހޯދައިގެންނެވެ. ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް އެތުލެޓިކޯއަށް މޮޅު ވެވުނީ ކިރިޔާ އެވެ.