ހަބަރު

މޭޑޭގެ ފަހު ގައިދީ މިނިވަން ކުރަން ހައި ކޯޓަށް މައްސަލަ ވައްދައިފި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް 2015 ވަނަ އަހަރުގެ މޭޑޭގައި ކުރި މުޒާހަރާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާރު ޖަލު ބަންދުގައި ހުރީ އެންމެ މީހެއް ކަމަށާއި އޭނާ މިނިވަން ކުރަން ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ ފަރާތްތަކުގެ ވަކީލް ނާޒިމް ސައްތާރު ވިދާޅުވެއްޖެ އެވެ.

ނާޒިމް ސައްތާރު ވިދާޅުވީ، މޭޑޭގެ ގައިދީންގެ ތެރެއިިން ހަމަ އެކަނި ޖަލުގައި ހުރީ އިބްރާހިމް އިބާދް ކަމަށެވެ. އަދި އޭނާގެ ހުކުމް ސަސްޕެންޑް ކުރަން ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށް ނާޒިމް ސައްތާރު ވިދާޅުވި އެވެ. މިފަހުން ހައިކޯޓުން ވަނީ ވަރަށް ގިނަ ސިޔާސީ ކުށްވެރިންތަކެއް ކަފާލާތުގެ ދަށުން މިނިވަންކޮށްފަ އެވެ. ކަފާލާތުގެ ދަށުން މީހުން މިނިވަން ކުރުމަކީ ވަކި އަދަދަކަށް ފައިސާ ބެހެއްޓުމަށް ފަހު ހުކުމް ތަންފީޒު ކުރުން ސަސްޕެންޑް ކޮށް މިނިވަން ކުރުމެވެ.

މޭޑޭ މުޒާހަރާގައި ނުވަ މީހަކު ހައްޔަރުކޮށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވެއެވެ. އެ ނުވަ މީހުންނަކީ ގ. ފްރެޝްލައިޓް އިބްރާހިމް ރަޝީދާއި ސ. ހުޅުދޫ އޮސްޓްރޭލިއާ، އިބްރާހިމް އިބާދާއި ލ. ގަން އެއްގަމުގެ ނާސިރާ އަލީ އާއި ގ. ބްލޫވޭވް ފަރުހަތު އަލީ އާއި ގ. ކީމާ އަބްދުﷲ ރަޝީދާއި ގދ. ގައްދޫ ނީލޯފަރުމާގެ އުމަރު ގާހިރު އަދި މ. ބާންސަރީގެ އިބްރާހީމް ލަބާން ޝަރީފް އަދި ނ. މިލަދޫ ނޫރާނީގޭ މުހައްމަދު އިގުބާލް ތ. ގުރައިދޫ ރޯޒްވިލާ އަހްމަދު އިބްރާހީމެވެ. މީގެ ތެރެއިން އަބްދުﷲ ރަޝީދު މުހައްމަދު ވަނީ ޖަލުގައި ހުކުމް ތަންފީިޒު ކުރަމުން ދަނިކޮށް މަރުވެފަ އެވެ. އޭނާގެ މަރާގުޅިގެން ކަރެކްޝަނަލް ސާވިސަސްއަށް އަންނަނީ ބޮޑެތި ތުހުމަތުތަކެއް އަމާޒުވަމުން އެވެ.

އޭގެ ތެރެއިން އިބާދު ނޫން އެހެން އެންމެން ވަނީ މީގެ ކުރިން އެކި ފަހަރުމަތިން ޖަލުން މިނިވަން ކޮށްފަ އެވެ.

އެ ނުވަ މީހުން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައި އެވެ. އެނުވަ މީހުންނަށް ހުކުމް ކޮށްފައިވަނީ މެއި އެއްވަނަ ދުވަހުގެ ރޭ 10:00 އާއި 10:30 އާ ދެމެދުގެ ވަގުތެއްގައި މުޒާހަރާ ކޮންޓްރޯލުކުރަން ހަރަކާތްތެރިވި، ޕޮލިސް ސާޖަންޓު އަބްދުއްރަހްމާން ހުސައިން މަގު މައްޗަށް ވައްޓާލައި އަނިޔާ ކުރުމާއި ގުޅިގެންނެވެ.

މޭޑޭގައި މުޒާހަރާ ކޮށްގެން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބުދުﷲ ވެސް ހައްޔަރުކޮށްފައި ވެއެވެ. އަދި އެ ދުވަހު އޭނާ ދެއްކެވި ވާހަތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލައި، 12 އަހަރަށް ވަނީ ޖަލަށްލާފަ އެވެ. ނަމަވެސް އޭނާ މިވަގުތު ހުރީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.