ރާއްޖެއަށް މިދިޔަ އަހަރު އެތެރެކުރި 98 ކިލޯގެ ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފައި ތިއްބައި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލި ދެ މީހުން ބަންދުކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.
ކަނޑުމަގުން އައްޑޫއަށް އެތެރެކުރަނިކޮށް މިދިޔަ އޮކްޓޫބަރު މަހު އަތުލައިގަތް 98 ކިލޯގެ ޑްރަގް މައްސަލައިގައި 10 މީހަކަށް ވަނީ ދައުވާކޮށްފަ އެވެ. އޭގެ ތެރެއިން ދެ މީހަކު ދޫކޮށްލާފައި ވަނީ ކޮވިޑް-19ގެ ސަބަބުން އެމީހުން ކޯޓަށް ހާޒިރުކުރެވެން ނެތްކަމަށް ކަރެކްޝަނަލް ސާވިސް އިން އެންގުމުންނެވެ.
އެ ދެ މީހުންގެ ބަންދު މުރާޖައާ ކުރުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހިތަދޫ ކޯޓުން ނިންމާފައިވަނީ ބޭސްފަރުވާގެ ކަންކަން ބެލުމަށާއި، އެ ދެ މީހުން ކޯޓަށް ހާޒިރު ނުކުރެވޭ ފަދަ ސިއްހީ ސަބަބެއް އޮޮތްތޯ ބެލުމަށް އެޗްއާރްސީއެމްގެ މައްޗަށް ކޯޓުން ނެރުނު އަމުރަށް އެ ކޮމިޝަނުން ތަބާވެފައި ނުވާ މައްސަލަ ބެލުމަށެވެ.
އެހެންވެ، ދައުލަތުގެ ފަރާތުން އެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ދައުލަތުން އެދިފައި ވަނީ އެ ދެމީހުން ދޫކޮށްލުމަށް ދަށު ކޯޓުން ނެރުނު އަމުރު ބާތިލުކޮށް އެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމުގެ އަމުރަކަށެވެ. އަދި ކޯޓު އަމުރަށް ނުކިޔަމަންތެރިވީ ކަމަށް ބުނެ އެޗްއާރްސީއެމްގެ މައްސަލަ ބަލަން ނިންމި ނިންމުން ވެސް ބާތިލުކޮށްދިނުމަށެވެ.
ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ ކޮވިޑްގެ ސަބަބުން އެމީހުން ކޯޓަށް ހާޒިރު ނުކުރެވުނު ނަމަވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އޭގެ ތެރެއިން އެކަކަށް ޑޮކްޓަރުގެ ލަފައާ އެކު ބޭސްފަރުވާގެ ހިދުމަތް ލިބެމުންދޭތޯ ކަށަވަރުކުރުމަށް އެޗްއާރްސީއެމްގެ މައްޗަށް ދަށު ކޯޓުން އަމުރެއް ނެރުނެވެ. އެ މައްސަލައިގައި ދައުވާ ލިބޭ އިތުރު މީހަކު ކޮވިޑް-19 އާއި ގުޅިގެން ކޯޓަށް ހާޒިރު ކުރެވެން ނެތް ކަމަށް ކަރެކްޝަނަލް ސާވިސް އިން އެންގި އެވެ.
ކޯޓުން ނެރުނު އަމުރަށް އެޗްއާރްސީއެމުން ކިޔަމަންތެރިނުވާ ކަމަށް ބުނެ ހިތަދޫ ކޯޓުން ވަނީ އެ ކޮމިޝަންގެ މައްސަލަ ބަލަންވެސް ނިންމާފަ އެވެ.
ހައިކޯޓުގެ ހުކުމްގައި ބުނެފައިވަނީ ބަންދުގައި ތިބި ދެ މީހުން ދޫކޮށްލުމަށް ދަށު ކޯޓުން އަމުރުކޮށްފައިވަނީ އެޗްއާރްސީއެމްގެ މައްޗަށް ނެރުނު އަމުރާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ، އެކަމަށް ޖަވާބުދާރީ ކުރުވުމަށް ކަމަަށް ބެލެވޭ ކަމަށެވެ. އެކަމަކު އެއްވެސް މުއައްސަސާއެއް ޖަވާބުދާރީ ކުރުވުމަށް ބަންދުގައި ހުރި މީހަކު ކޯޓުން ދޫކޮށްނުލެވޭނެ ކަމަށް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް ބަންދުގައި ތިބި މީހުންގެ ހާލަތު ބެލުމަށް ނެރެފައިވާ އަމުރަކީ އެޗްއާރްސީއެމް އަށް ރައްދުވާ މައްސަލައެއް ކަމަށާއި، އެ ކޮމިޝަނުގެ މައްޗަށް އެފަދައިން ކޯޓު އަމުރެއް ނެރެވޭނެތޯ ބެލެވޭނީ އެ ކޮމިޝަނުން ބައިވެރިވާ މައްސަލައެއްގައި ކަމަށްވެސް ހުކުމުގައި ބުނެ އެވެ.
ދަށު ކޯޓުން އެޗްއާރްސީއެމްގެ މައްސަލަ ބަލަން ނިންމުމުން އެ ކޮމިޝަނުން ވަނީ އެ މައްސަލަ ޖުޑިސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފަ އެވެ.