ފުރަތަމަ ދިވެހި ވެބް ސީރީޒް "ހުވާ"އަކީ ދިވެހި ފިލްމީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ މަސައްކަތަކަށް ވާނެ ކަމަށް ކުޅަދާނަ ޑައިރެކްޓަރު ފާތިމަތު ނަހުލާ ބުނެފި އެވެ. ނަހުލާ މިހެން ބުނީ ޓީވީއެމްގެ "ފިލްމީ އުދަރެސް" ޕްރޮގުރާމްގައި ރޭގައި ވާހަކަ ދައްކަމުންނެވެ.
"ހުވާ" އަކީ ނަހުލާގެ ވާހަކައަކަށް ތައްޔާރުކުރާ ވެބް ސީރީޒްއެކެވެ. މި ސީރީޒް ޕްރޮޑިއުސްކޮށްފައި ވަނީ މި މަހު ފަހުކޮޅު ލޯންޗުކުރާނެ އޮންލައިން ސްޓްރީމިން އެޕެއް ކަމުގައިވާ "ބައިސްކޯފް" އިންނެވެ.
"ދެ ފަހަރެއްގެ މަތިން ބައިސްކޯފުން އަޅުގަނޑަށް ހުށަހެޅި ދިގު ސީރީޒެއް ހެދުމަށް، އެކަމަކު އަޅުގަނޑު ހިތައް އެރީ އަހަރެއްހާ ދުވަސް މި މަސައްކަތުގައި އުޅެން އެބަޖެހެއޭ އަދި އަޅުގަނޑާއެކު ޕްރޮޑަކްޝަން ސައިޑުން ބައިވެރިވާނެ ބަޔަކު ނެތިއްޔާ މި ވަރުގެ މަސައްކަތެއް ނުކުރެވޭނޭ، އެހެން ހުއްޓައި ފައިސަލް ބޭނުންވީ އަޅުގަނޑާއެކު މި މަސައްކަތް ކުރަން،" ނަހުލާ ބުންނެވެ.
"މި މަސައްކަތް ކުރަން އަޅުގަނޑު ނިންމީ މި ދާއިރާއަށް މިވަރުގެ ބޮޑު މަސައްކަތެއް ކޮށްދޭނެ ބަޔަކު [ބައިސްކޯފް] ތިބިއިރުގައި، މިކަން ކޮށްފިއްޔާ މިއީ ދާއިރާގެ މުސްތަގުބަލަށްވެސް ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށް ވިސްނާފަ،" ސީރީޒްގެ މަސައްކަތައް ފެށިގެންދިޔަ ގޮތް ކިޔައިދެމުން ނަހުލާ ބުންޏެވެ.
ނަހުލާ، މުހައްމަދު ފައިސަލް އަދި ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓުކޮށްފައިވާ މި ސީރީޒްގެ މަންޒަރުތައް ނެގުމަށް ބައިސްކޯފުން ވަނީ ބޮޑު އިންޑޯ ސެޓެއް ތައްޔާރުކޮށްދީފައި އެވެ. ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ މާލެ އާއި ކ.ގުރައިދޫގައި އެވެ.
މި ފިލްމުގައި ބޮޑު ކާސްޓެއް ހިމެނޭއިރު ކޮންމެ ތަރިއެއްގެ ފަރާތުންވެސް ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަކަން ނަހުލާ ފާހަގަކުރި އެވެ. ކާސްޓުގެ އިތުރުން ކްރޫގައި ހިމެނޭ އިތުރު ފަރާތްތަކުގެ ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށާއި ފައިސަލް އާއި ޔޫއްޕެ އަދި ރަވީ ކޮށްފައިވާ ބުރަ މަސައްކަތް ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށް އޭނާ ބުންޏެވެ.
މީގެ ކުރިން އަވަސްއަށް ދިން އިންޓަވިއުއެއްގައި ނަހުލާ ބުނީ "ހުވާ" އަކީ މުޖުތަމައު އާއި ގުޅޭ ތަފާތު ކަންކަމާއި އާއިލީ ތަފާތު މައްސަލަތަކުގެ މައްޗަށް ބިނާކޮށް ގެނެސްދޭ ސީރީޒެއް ކަމަށެވެ. މީގައި ލޯތްބާއި ޖަޒުބާތާއި ނަފްރަތާއި އަދި ތަފާތު އެކި ރަހަތައް ހިމެނޭނެ ކަމަށް ބުންޏެވެ.
މި ސީރީޒްގައި ގާތްގަނޑަކަށް 70 އެޕިސޯޑު ހިމެނޭނެ ކަމަށް ނަހުލާ ބުންޏެވެ. ކޮންމެ އެޕިސޯޑެއްގެ ދިގުމިނުގައި ހުންނާނީ 10 މިނެޓެވެ. ބައިސްކޯފު އެޕް ލޯންޗުކުރާތާ ހަފްތާއެއްގެ ތެރޭގައި މި ސީރީޒް ސްޓީރީމްކުރެވޭނެ އެވެ.