ވިޔަފާރި

ހޮޓެލް އޭޝިއާ 160 ސްޓޯލާއެކު ބުދަ ދުވަހު ފަށަނީ

ރާއްޖޭގައި ބާއްވާ ވިޔަފާރީގެ އެންމެ ބޮޑު ފެއާ ކަމަށްވާ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް 160 ސްޓޯލާއެކު ބުދަ ދުވަހު ފަށާނެ އެވެ.

ހޮޓެލް އޭޝިއާ ބާއްވާ ދަރުބާރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް)ގެ ޖެނެރަލް މެނޭޖަރު ހުސެއިން ރައޫފް ވިދާޅުވީ މި އަހަރުގެ ފެއާއަކީ ދަރުބާރުގޭގެ ފުލް ކެޕޭސިޓީގައި ބާއްވާ ފެއާއެއް ކަމަށެވެ.

"މިހާރު މިއީ މި ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ފެއާ. ސިންގަޕޫރު ފަދަ ގައުމުތަކުގައި ބާއްވާ ފެއާގައި 1000 ސްޓޯލް ވަރު ހުންނާނެ. އެކަމަކު ދަރުބާރުގޭގައި މިހާރު މި ބާއްވާ ފެއާއަކީ މިތަނުގައި ބާއްވާނެ އެންމެ ފުލް. ދަރުބާރުގޭގެ ފަސް ހޯލުގައި މިފަހަރުގެ ސްޓޯލްތައް ހުންނާނެ،" ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ރައޫފު ވިދާޅުވި އެވެ.

ހޮޓެލް އޭޝިއާއަކީ 2000 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފެއާއެވެ. މިއީ ހޮޓެލް އޭޝިއާ ފެއާ ބާއްވާ 14 ވަނަ އަހަރެވެ. މި އަހަރުގެ ފެއާގައި ވެސް 46 ގައުމަކުން 250 ކުންފުނި ބައިވެރިވެ އެވެ. އަދި މި ކުންފުނި ތަކުން 2،000 އަށްވުރެ ގިނަ ބްރޭންޑް ޑިސްޕްލޭ ކުރާނެ އެވެ.

ހޮޓެލް އޭޝިއާ ފެއާގެ މި އަހަރުގެ މެއިން ސްޕޮންސާއަކީ ވެސް ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އެވެ. އެ ކުންފުންޏަކީ ރާއްޖޭގެ ލޯކަލް ބާޒާރާއި ރާއްޖޭގެ އެންމެ މަތީ ފެންތީގެ ރިސޯޓުތަކަށް ބޭނުންވާނެ ތަފާތު އުފެއްދުންތައް ފޯރުކޮށްދޭ ކުންފުންޏެވެ. ދުނިޔޭގެ އެންމެ ގިނަ ޕްރޮޑަކްޓްތައް އުފައްދާ ކުންފުނި ޔުނިލިވާގެ ގިނަ އުފެއްދުންތަކެއް ރާއްޖޭގައި ވިއްކާ ކުންފުނިން މި ފެއާގެ މެއިން ސްޕޮންސާގެ ގޮތުގައި ބައިވެރިވާތާ ވަނީ ގިނަ އަހަރުތަކެއް ވެފަ އެވެ. މީގެ އިތުރުން ފެއާގެ ސްޕޮންސަރުގެ ގޮތުގައި ހިމެނެނީ ކަލިނަރީ އިކްއިމްޕަންޓް ސްޕޮންސަރުގެ ގޮތުގައި އީވޯ ހޯމް އެވެ. އަދި ލޮޖިސްޓްރިކް ޕާޓްނަރަކީ ޓީޓީއެސް މޯލްޑިވްސް އެވެ. އަދި ޔުނީފޯމް ޕާޓްނަރަކީ ރެޓްރިއާ އެވެ. މީގެ އިތުރުން އިވެންޓް ޕާޓްނަރުންނަކީ އިވެންޓް މޯލްޑިވްސް އާއި އަސަރީ ސާވިސް އެވެ. އަދި އޮފިޝަލް މެގަޒިން ޕާޓްނަރަކީ ހޮޓެލިއާ މޯލްޑިވްސް އެވެ. މީގެ އިތުރުން އޮންލައިން މީޑިއާ ޕާޓްނަރަކީ އަވަސް އޮންލައިން އެވެ. އޮފިޝަލް ޓެލެކޮމް ޕާޓްނަރަކީ ދިރާގު އެވެ.

ހޮޓެލް އޭޝިއާގެ މެއިން ސްޕޮންސާ ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) ގެ ހެޑް އޮފް މާކެޓިން އަލީ އަފްރާހު ހަސަން ވިދާޅުވީ މި އަހަރުގެ ފެއާގައި އެ ކުންފުނީގެ 72 ބްރޭންޑެއް ޑިސްޕްލޭ ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ހަމައެކަނި އަމާޒަކީ އެއްޗެއް ވިއްކާލާފަ ދޫކޮށްލުމެއް ނޫން. އަޅުގަނޑުމެން އެ އެއްޗެއް ބޭނުންކުރާނެ ގޮތް ވެސްދެން. އޭގެ ފުރިހަމަ މައުލޫމާތު ދެން. އެ މައުލޫމާތުތައް ދެމުން ގެންދާނެ،" އަފްރާހު ވިދާޅުވި އެވެ.

މި ފެއާގައި އޮންނަ އެންމެ ހާއްސަ އެ އިވެންޓަކީ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖެއް އޮންނާނެ އެވެ. ކަލިނަރީ ޗެލެންޖުގެ ޖަޖުންނަކީ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވޯލްޑް ޝެފްސް- ޑަބްލިއުއޭސީއެސް) އިންނެވެ. އެންމެ ފަހުން ބޭއްވި މި މުބާރާތުގައި 550 މީހުން ބައިވެރިވެފައިވެ އެވެ. މިއަހަރުގެ ފެއާގައި 620 މީހުން ކައްކާ އިން ބައިވެރިވާނެ އެވެ. މިބައިގައި 70 ރިސޯޓުން ބައިވެރިވެ އެވެ. އަދި 23 މުބާރާތުގައި ލައިފް ކުކިންގެ ގޮތުގައި ކެއްކުމުގެ އަށް މުބާރާތެއް ކުރިއަށްދާނެ އެވެ.