ކުޅިވަރު

ކުޅުން ހުއްޓާލުމަށްފަހު ޓެރީ، އޮންރީގެ އެސިސްޓެންޓަކަށް

ޗެލްސީ އާއި އިންގްލެންޑްގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޖޯން ޓެރީ 23 އަހަރަށް ފަހު ކުޅުން ހުއްޓާލައިފި އެވެ.

ވެސްޓްހަމް ދޫކޮށް، ޓެރީ ޗެލްސީގެ ޔޫތު ޓީމަށް ބަދަލުވީ އޭނާގެ އުމުރުން 14 އަހަރުގަ އެވެ. ޓެރީ ބުނީ ޗެލްސީ އާއި ގައުމީ ޓީމުގެ ކެޕްޓަންކަން ކުރުމަކީ އޭނާއަށް ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށެވެ.

ޓެރީ އެންމެ ފަހުން ކުޅުނީ އެސްޓަން ވިލާއަށެވެ. މި ސީޒަންގައި އޭނާ ވަނި ރަޝީއާގެ ސްޕާޓަކް މޮސްކޯއަށް ބަދަލު ވުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ޓްރާންސްފާ ޕީރިއަޑް ނިމުނު އިރުވެސް ޓީމު ބަދަލު ނުކުރެވުމުން އޭނާ ހުރީ ކުޅޭނެ ކުލަބެއް ނެތިފަ އެވެ.

ކުޅުން ހުއްޓާލިކަން ޓެރީ ރޭ އިއުލާން ކުރީ، އެސްޓަން ވިލާގައި ތިއޮރީ އޮންރީގެ އެސިސްޓެންޓަކަށް ވުމަށެވެ. ވިލާއިން ވަނީ، އޮންރީ އާއި ޓެރީއާ ދެ މީހުންނާވެސް އިންޓަވިއު ކޮށްފަ އެވެ. ކޯޗިންގައި ޓެރީއަށް ވުރެ އޮންރީގެ ތަޖުރިބާ ބޮޑެވެ.

މިދިޔަ އެއް އަހަރު އޭނާ ހުރީ ބެލްޖިއަމްގެ އެސިސްޓެންޓް ކޯޗަކަށެވެ. ވޯލްޑްކަޕުގެ ތިން ވަނަ ހޯދައިދޭން ބެލްޖިއަމްގެ ކޯޗް ރޮބާޓޯ މާޓީނޭޒްއަށް އެހީތެރިވުމަށްފަހު ވޯލްޑްކަޕުގެ ފަހުން އޮންރީ ވަނީ ބެލްޖިއަމްގެ ޓީމުން އިސްތިއުފާ ދީފަ އެވެ.

އެސްޓަންވިލާގެ ކޯޗަކަށް އޮންރީ ގެންނަނީ، އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރީ ސްޓީވް ބުރޫސް މަގާމުން ވަކި ކުރުމަށް ފަހު އެވެ. އިނގިރޭސި ޗެމްޕިއަންޝިޕްގައި ވާދަ ކުރަމުން އަންނަ އެސްޓަން ވިލާގައި އޮންރީ އާއި ޓެރީއަށް އޮންނާނެ އެންމެ ބޮޑު މަސައްކަތަކީ އަންނަ ސީޒަންގެ ޕްރިމިއާ ލީގްގެ ޖާގަ އެސްޓަން ވިލާއަށް ހޯދައި ދިނުމެވެ. ކުރިން އާސެނަލްއަށް ކުޅުނު އޮންރީ އާއި ޗެލްސީއަށް ކުޅުނު އޮންރީ ވަނީ އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކާ ދެކޮޅަށް ކުޅެފަ އެވެ.

މިދިޔަ ހަފުތާގައި، ޔޫއެފްއާ ޔޫތު ލީގްގައި ޗެލްސީގެ 19 އަހަރުން ދަށުގެ ޓީމު، ޑެންމާކުގެ މޯލްޑްއާ ދެކޮޅަށް ކުޅުނު މެޗަށް ތައްޔާރުވާން ޓެރީ ވަނި އެ ޓީމަށް އެހީތެރި ވެފަ އެވެ. އެ މެޗު ޗެލްސީގެ ޒުވާން ޓީމުން ކާމިޔާބު ކުރީ 10-1 ންނެވެ.