ބޭރު ކުޅިވަރު

ޓެރީގެ ކޮންޓްރެކްޓް އާކުރަން ޗެލްސީން ނިންމައިފި

އުމުރުން މިހާރު 35 އަހަރުގެ ޗެލްސީގެ ކެޕްޓަން ޖޯން ޓެރީގެ ކޮންޓްރެކްޓް އާކުރަން އެކުލަބުން ނިންމައިފި އެވެ.

ނަމަވެސް މި ހުށަހެޅުމާމެދު ޓެރީ އަދި ވަކިއެއްޗެއް ނުބުނެ އެވެ.

ޗެލްސީގައި ހުންނަން ބޭނުންވާކަން ކުރިން އިއުލާނުކުރި ނަމަވެސް އެކުލަބުން ކޮންޓްރެކްޓް ހުށަނާޅައި މިހާތަނަށް ލަސްކުރުމުން މިއީ ޓެރީ އަށް މިހާރު ގަބޫލުކުރަން ފަސޭހަ ޑިސިޝަނެއްނޫން ކަމަށް އިނގިރޭސި މީޑިޔާތަކުން ދަނީ ބުނަމުންނެވެ. ސަބަބަކީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މި އަހަރުގެ ސީޒަނަކީ އޭނާ ޗެލްސީ އަށް ކުޅޭނެ ފަހު ސީޒަން ކަމަށް ޓެރީ އިޝާރާތްކޮށްފައިވާތީ އެވެ. އޭނާ އަށް އެމެރިކާ އާއި ގަތަރުގެ ކުލަބުތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

އަންނަ ސީޒަނުގައި ޗެލްސީ އަށް ކޯޗުކޮށްދޭނީ އިޓަލީގެ މިހާރުގެ ގައުމީ ކޯޗު އެންޓޯނިއޯ ކޮންޓޭ އެވެ. އޭނާ ވަނީ ޓެރީ ކުލަބުގައި ހުރުމުގތެ މުހިންމުކަން ފާހަގަކޮށްފަ އެވެ. އަދި މިހާރުގެ ކޯޗު ގުސް ހިޑިންކް ވެސް ވަނީ ކުލަބުގެ ދުވަސްވީ ހަރު ކުޅުންތެރިން ކުލަބުގައި މަޑުކުރުމުގެ މުހިންމުކަން ފާހަގަކޮށްފަ އެވެ.

1998 ވަނަ އަހަރު ޗެލްސީއާ ގުޅުނު އިނގިރޭސި ކުރީގެ ގައުމީ ކެޕްޓަން ޓެރީ ވަނީ އެކުލަބަށް މިހާތަނަށް 700 އަށްވުރެ ގިނަ މެޗު ކުޅެދީފަ އެވެ.