ދުނިޔޭގެ އެންމެ އަގު ބޮޑު ކީޕަރު ކެޕާ އަރައިޒަބަލަގާ، ބެންޗަށް ބަދަލު ކުރުމަށްފަހު މައުރީޒިއޯ ސާރީ، ޓޮޓެންހަމްއާ ދެކޮޅަށް ނިކުތް މެޗުގައި، ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ހެދި ބޮޑު މިސްޓޭކަކާއެކު 2-0 ން މޮޅުވެ ޗެލްސީ މުހިންމު މޮޅެއް ހޯދައިފި އެވެ.
އާދިއްތަ ދުވަހުގެ ރޭ ކުޅުނު، ލީގް ކަޕު ފައިނަލުގައި ކެޕާ އާއި ސާރީއާ ދެމެދު އެރި ފުށުއެރުމާއެކު، އެކަމުގެ އަދަބެއްގެ ގޮތުން އޭނާ ބެންޗަށް ބަދަލު ކުރުމަށް ފަހު، ފުރަތަމަ 11 އިން ޖާގަ ދިނީ، ވިލީ ކަބެޔޭރޯ އަށެވެ.
މެޗުގެ ފެށުން އަމާޒުވީ، ކެޕާއަށެވެ. އެހެންނަމަވެސް މެޗު ނިމިގެން ދިޔައީ، ލޮރިސްއަށް އަމާޒު ވެގެންނެވެ. މެޗުގައި، ލޮރިސްއަށް ދިމާވި ފުށުއެރުމަކީ ކެޕާ އާއި ސާރީއާ ދެމެދު އެރިކަހަލަ ފުށުއެރުމެއް ނޫނެވެ. މިފަހަރު އެރި ފުށުއެރުމަކީ ލޮރިސްއަށް އަލަށް ދިމާވި ކަމެއް ވެސް ނޫނެވެ.
ޗެލްސީއަށް ދެ ލަނޑުގެ ލީޑެއް ލިބުނީ، ޓޮޓެންހަމްގެ ޑިފެންޑަރު ކީރަން ޓްރިޕިއާ އާއި ލޮރިސްއާ ދެމެދު އެރި ފުށުއެރުމުންނެވެ. އޭރިއާ ބޭރުގައި ހުރެފައި، ޓްރިޕިއާ ކީޕަރަށް ބޯޅަ ދިން އިރު، ލޮރިސް ކުރިއަށް ނިކުންނަނީ އެވެ. ޓްރިޕިއާ ފޮނުވާލި ބޯޅަ ދިޔައީ ލޮރިސްއާ ދިމާލަކަށް ނޫނެވެ، އެ ބޯޅަ ދިޔަ ގޮތަށް ގޮސް ވަނީ ބައިކޮޅަށެވެ.
ޗެލްސީގެ ފުރަތަމަ ލަނޑު ޕެޑްރޯ ރޮޑްރިގޭޒް ފޮނުވާލި ބޯޅަ ޓޮޓެންހަމްގެ ކޮޅަށް ވަނީ ލޮރިސްގެ ފައިގައި ޖެހިފަ އެވެ.
މި މޮޅަކީ، ޗެލްސީގެ ކޯޗް މައުރީޒިއޯ ސާރީއަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެކެވެ. މިފަހަކަށް އައިސް ދަށް ނަތީޖާތަކެއް ހޯދަމުން ދިއުމުން، އޭނާގެ ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ޓޮޓެންހަމްއާ ދެކޮޅަށް މޮޅުވުމުން، މިއީ ޓާނިން ޕޮއިންޓެއްކަމަށް ބެލެވެ އެވެ.
އެއް ޕޮއިންޓްގެ ލީޑަކާއެކު، އެއް ވަނައިގައި އޮތް ލިވަޕޫލް ވަނީ، ރޭ ވަޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗުގައި 5-0 ން މޮޅުވެ އެއް ވަނައިގައި އެ ޓީމުގެ މަގާމު ހިފަހައްޓާފަ އެވެ. އެ ޓީމުގެ ސެޑިއޯ މާނޭ އާއި ޑިފެންޑަރު ވެންޑައިކް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ ޑިވޯކް އޮރިޖީ އެވެ.
ވެސްޓްހަމްއާ ދެކޮޅަށް ކުޅުނު މެންޗެސްޓާ ސިޓީއަށް މޮޅު ވެވުނީ ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކުރީ، ސާޖިއޯ ކުން އަގުއޭރޯ އެވެެ.