ވާހަކަ

އަދިވެސް ގަދަ ހަތަރަކަށް އެރިދާނެ: ހިޑިންކް

އަދިވެސް އިނގިރޭސި ޕްރެމިއާ ލީގުގެ ގަދަ ހަތަރަކަށް އެރިދާނެ ކަމަށް ތާވަލުގެ 14 ވަނާގައިވާ ޗެލްސީން ބުނެފި އެވެ.

ނަތިޖާތައް ގޯސްވުމުން ކޯޗުކަމުން ހޯސެ މޮރީނިއޯ ބޭރުކޮށް މި ސީޒަނުގެ ނިޔަލަށް ކޯޗުކަން ހަވާލުކުރި ގުސް ހިޑިންކް ބުނީ ޕްރެމިއާ ލީގަކީ ވަރަށް ވާދަވެރި ލީގެއް ކަމަށާއި ނަމަވެސް ގަދަ ހަތަރަކަށް އެރިދާނެ ކަމަށެވެ.

"އެކަމަކު އެއީ އުނދަގޫ ކަމެއް. ވަރަށް މަސައްކަތުން އެރޭނީ. އެއީ ޕްރެމިއާ ލީގު ވަރަށް ވާދަވެރިވެއްޖެ. ކޮންމެ ޓީމެއް ވެސް ދެން އޮންނަ ޓީމު ބަލިކޮށްފާނެ،" 2009 ވަނަ އަހަރު ވެސް ޗެލްސީ އަށް ކޯޗުކޮށްދިން ހިޑިންކް ބުންޏެވެ.

އޭނާ ބުނީ ތާވަލުގެ ހަތަރުވަނާގައިވާ ޓޮޓެންހަމަށްވުރެ 13 ޕޮއިންޓް ފަހަތުގައި ޗެލްސީ އޮތް ނަމަވެސް ޓީމު މިހާރު ފޯމަކަށް އެޅެން ފަށައިފި ކަމަށެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ އަށް މިހާތަނަށް ލިބިފައިވަނީ 23 ޕޮއިންޓެވެ.