ކުޅިވަރު

ޗެލްސީ އަޑިއަށް ގެނބިގެން ހިނގައްޖެ!

އިނގިރޭސި ޕްރިމިއާ ލީގްގައި މުޅިން އަލަށް ވާދަ ކުރާ ވޮލްވާ ހެމްޓަން ވޮންޑާސް އަތުން 2-1 ބަލިވެ، މެންޗެސްޓާ ސިޓީއާ ވާދަ ކުރަމުން އަންނަ އެއް ކުލަބު ޗެލްސީ އަޑިއަށް ގަނބައިގެން ހިގައްއްޖެ އެވެ.

މި ބައްޔާއެކު، މެންޗެސްޓާ ސިޓީ އާ ޗެލްސީއާ ދެމެދު އޮތް ފަރަގު ވަނީ 10 ޕޮއިންޓަށް ފުޅާ ވެފަ އެވެ. އަންނަ ހޮނިހިރު ދުވަހު ސްޓޭމްފޯޑް ބްރިޖުގައި، ސިޓީ އާއި ޗެލްސީ ކުޅޭ މެޗުން ޗެލްސީ ބަލި ވެއްޖެނަމަ ލީގަށް ވާދަ ކުރުމުގައި ޗެލްސީއަށް ބޮޑު މައްސަލައެއް ކުރިމަތި ވެގެންދާނެ އެވެ.

ވޯލްވްސްގެ ދަނޑުގައި ކުޅުނު މެޗުގައި، ފުރަތަމަ ލީޑް ނެގީ ޗެލްސީންނެވެ. އެޑެން ހަޒާޑް ތަނަވަސް ކޮށްދިން ފުރުސަތަކުން ޗެލްސީއަށް ލީޑް ނަގައިދިނީ ރުބެން ލޮފުޓްސް ޗީކް އެވެ.

ޗެލްސީ ބަލިވީ، ދެ ވަނަ ހާފުގައި ހަތަރު މިނެޓްތެރޭ، ބައިކޮޅަށް ވަން ދެ ލަނޑުންނެވެ. ވޯލްވްސްގެ ފުރަތަމަ ލަނޑު 59 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރައުލް ހިމެނޭޒް އެވެ. ދެ ވަނަ ލަނޑު 63 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑިއޯގޯ ޖޯޓާ އެވެ.

މެޗުން ބަލިވުމުން، ޗެލްސީގެ ކޯޗް މައުރީޒިއޯ ސާރީ ޗަނީ، ޗެލްސީގެ ކުޅުންތެރިންގެ އެޓިޓިޔުޑާ މެދު ސުވާލު އުފައްދާފަ އެވެ.

"މެޗުގެ 55 ވަނަ މިނެޓާ ހަމައަށް އަހަރެމެންނަށް ވަރަށް ރަނގަޅަށް ކުޅުނިން،" މެޗަށް ފަހު ވާހަކަ ދައްކަމުން ސާރީ ބުންޏެވެ. "އަހަރެމެން އަތުގައި މުޅި މެޗުގެ ކޮންޓޯލް އޮތް، ވޯލްވްސްގެ ފުރަތަމަ ގޯލަށް ފަހު، ދެން ކުރިމަތިވީ އެކްސިޑެންޓެއް ނޫން ކަމެއްވެސް ނޭންގެ، އަހަރެމެން ދެން ބަދަލުވީ މުޅިން އެހެން ފެންވަރެއްގެ ޓީމަކަށް، އެއްވެސް އަމާޒެއް ނެތި ކުޅުނީ، އަހަންނަކަށް ނޭންގެ އަހަރެމެންގެ ކުޅުންތެރިން ވޯލްވްސްގެ ފުރަތަމަ ގޯލަށް ނުވިސްނާ ތިބީ ކީއްވެގެން ކަމެއް."

ރޭ، މެންޗެސްޓާ ޔުނައިޓަޑާ އާސެނަލް ކުޅުނު މެޗުން އާސެނަލް މޮޅުވި ނަމަ، އާސެނަލްއަށް، ޗެލްސީ ގަދަ ހަތަރަކުން ބޭރު ކޮށްލެވޭނެ އެވެ. ނަމަވެސް ޔުނައިޓަޑާއި އާސެނަލްގެ މެޗު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ އާސެނަލްގެ މުސްތަފީ އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 26 ވަނަ މިނެޓްގަ އެވެ. ހަތަރު މިނެޓް ފަހުން ޔުނައިޓުން ނަތީޖާ ހަމަހަމަ ކުރީ، އެންތޮނީ މާޝިއަލް އެވެ.

އާސެނަލްގެ ދެ ވަނަ ލަނޑަކީ ޔުނައިޓަޑްގެ ޑިފެންޑަރު މާކޯސް ރޯހޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ އެއް މިނެޓް ފަހުން ޔުނައިޓަޑް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖެޒީ ލިންގާޑް އެވެ.