ރައްޔިތުން މަޖިލީހުގެ މެންބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ ދިއްދޫ ދާއިރާގެ މެންބަރު، އަބްދުލްލަތީފް މުހައްމަދުގެ މެންބަރުކަން ގެއްލިފައި ނުވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ލަތީފު އަކީ، އަމިއްލަ ގޮތުން ރައްޔިތުން މަޖިލީހަށް އިންތިހާބުވި މެންބަރެކެވެ. އެހެން ނަމަވެސް އޭނާ ޕީޕީއެމްއާ ފަހުން ގުޅިވަޑައިގަތެވެ އެކަމަކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރުމުން އޭނާ ޕީޕީއެމްއިން ވަކިކޮށް މެންބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅި އެވެ.
އެ މައްސަލާގައިި މިއަދު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވެވި ހުކުމްގައި ބުނީ، އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނުވަތަ ބަދަލުވެއްޖެނަމަ، މެންބަރުކަން ގެއްލޭ ކަމަށް ކަނޑައަޅައި އެ ކޯޓުން ނެރުނު ހުކުމްގައިވާ އެއްވެސް އުސޫލެއްގެ މައްޗަށް ލަތީފް ނުފެތޭ ކަމަށެވެ. އެ ހުކުމަށް ރިޔާއަތްކޮށް އޭނާގެ ގޮނޑި ގެއްލޭނެ ހަމައެއް ނެތް ކަމަށެވެ.
އޭގެ ސަބަބެއްގެ ގޮތުގައި ހުކުމްގައި ބަޔާންކޮށްފައިވަނީ، ފްލޯ ކްރޮސިންއާ ގުޅޭ ހުކުމްގެ މާކުރިން، މިދިޔަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު ޕީޕީއެމްއިން ވަކިވާން ލަތީފް ސިޓީ ހުށަހަޅުއްވާފައިވާތީ އެވެ. އެ ހުކުމްގައިވާ ގޮތުން ހުކުން ނެރުނު ތާރީހުގެ ކުރިން ހިނގާ އެއްވެސް ކަމަކަށް އެ ހުކުމް އެޕްލައިނުވާނެ އެވެ.
ފްލޯ ކްރޮސިންއާ ގުޅޭ ހުކުމް ސުޕްރީމް ކޯޓުން ނެރުނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. އޭނާ ޕީޕީއެމްއިން ވަކިކޮށް، އެކަން އިލެކްޝަން ކޮމިޝަނަށް އެ ޕާޓީއިން އެންގީ ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ. އެއީ ޖުލައި ތިންވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ލަތީފް ކުރެއްވި ސޮއި އަނބުރާ ނުނެގުމުން އޭނާއަށް އެޅި ސުލޫކީ ފިޔަވަޅެއްގެ ގޮތުގަ އެވެ.
އެކަމަކު މިއަދު ހުކުމްގައި ބުނީ، ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީއިން ވަކިވާން މެންބަރަކު އެދޭ ހިސާބުން އެ މެންބަރަކު ޕާޓީއިން ވަކިވާނެ ކަމަށެވެ. އެގޮތުގެ މަތިން ލަތީފް ޕާޓީއިން ވަކިވާން ޕީޕީއެމްއަށް ސިޓީ ހުށަހަޅުއްވައި އެ ސިޓީ އިލެކްޝަން ކޮމިޝަނަށް ކޮޕީކޮށްފައިވުމުން ލަތީފް ޕީޕީއެމްއިން ޖޫން މަހުގެ 19 ވަނަ ދުވަހު ވަކިވެފައިވާކަން ޔަގީންވާ ކަމަށް ހުކުމްގައިވެ އެވެ.
އެހެންވެ، އޭނާ ޕާޓީއިން އަމިއްލައަށް ވަކިވެފައިވަނިކޮށް ޕީޕީއެމްއިން އިސްނަގައިގެން ސުލޫކީ މައްސަލައެއް ބަލައި އޭނާއާމެދު މެންބަރެއްގެ ހައިސިއްޔަތުން ފިޔަވަޅެއް ވެސް އަދި އެއްވެސް އެންގުމެއް ނޭންގޭނެ ކަމަށް ހުކުމްގައިވެ އެވެ.
ހުކުމްގައިވާ ގޮތުން، މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ލަތީފް ސޮއި ކުރައްވާފައިވަނީ ވެސް ފްލޯ ކްރޮސިން ހުކުމް ނެރުމުގެ ކުރިން ކަމަށްވާތީ، ޕީޕީއެމްއިން އޭނާގެ މައްޗަށް އެޅި ސުލޫކީ ފިޔަވަޅަށް ބަލާނަމަ ވެސް ލަތީފްގެ ގޮނޑި ގެއްލޭނެ ހަމައެއް ނެތް ކަމަށެވެ. އެއީ އެ ހުކުމްގެ ކުރިން ކޮށްފައިވާ އަމަލެއްގެ މައްޗަށް ހުކުމް ނުހިނގާނެކަން އެ ހުކުމުންނާއި އޭގެ ފަހުން ސުޕްރީމް ކޯޓުން ނެރުނު އަމުރު ވެސް ސާފުކޮށް އެނގެން އޮންނާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން މި އަހަރު ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން ވެސް ލަތީފްގެ ގޮނޑި ގެއްލޭނެ ގޮތެއް ނޯންނާނެ ކަމަށް ހުކުމްގައިވެ އެވެ. އެއީ އެ ގާނޫނުގައިވާ ގޮތުން ވެސް ގާނޫނު ހިނގާނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކަމަށް ބުނެފައިވާތީ ކަމަށެވެ.
އެހެންވެ، ދިއްދޫ ދާއިރާގެ ރައްތިތުންގެ މަޖިލީހުގެ މެންބަރަކީ އަދިވެސް ލަތީފް ކަމަށް ފަސް ފަނޑިޔާރުންގެ ހުކުމްގައި ވަނީ ބަޔާންކޮށްފަ އެވެ.