ދިވެހި ޕްރެމިއާ ލީގް

ވިކްޓަރީ އެނބުރި އައިސް ނިއު ރޭޑިއަންޓް ހިފަހައްޓާލައިފި

Oct 8, 2018

ޓީމަށް ކުރިމަތިވި މާލީ ހާލަތާއެކު މިދިޔަ ހަފުތާގައި ޓީސީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ހާޒިރު ނުވި، ވިކްޓަރީއިން އަލުން އައިސް ކުރީގެ ވާދަވެރިޔާ ނިއު ރޭޑިއަންޓް މޮޅުވިޔަ ނުދީ ހިފަހައްޓާލައިފި އެވެ. މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ.

ކުޅުންތެރިންނަށް މުސާރަ ނުދޭތާ ހަތަރު މަސް ފާއިތުުވެފައިވާ ވިކްޓަރީން، ޖުލައި މަހު 18 ވަނަ ދުވަހުން ފެށިގެން އިއްޔަ އާ ހަމަޔަށް އޮތީ ޕްރެކްޓިސް ނުކޮށެވެ. އެ ޓީމުގެ ކޯޗަކަށް ވަގުތީ ގޮތުން މުހައްމަދު ނަޒީހު ހަވާލު ވުމަށްފަހު އޭނާގެ ބެލުމުގެ ދަށުން ވަނީ އިއްޔަ އަލުން ޕްރެކްޓިސް ފަށާފަ އެވެ.

މިއަދުގެ މެޗުގައި، ފުރަތަމަ ލަނޑުވެސް ކާމިޔާބު ކުރީ ވިކްޓަރީންނެވެ. އެ ޓީމުގެ ލަނޑު މެޗުގެ 61 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހުސައިން ނިހާން 'ނިހާޓް' އެވެ. ވިކްޓަރީން ނެގި ކޯނަރެއް ނިއުގެ ކީޕަރު މުހައްމަދު ފައިސަލް ޕަންޗު ކޮށްލުމުން އެ ބޯޅަ ނިކުތީ ބޭރަށެވެ. ރީބައުންސަށް ނިކުތް ބޯޅަ ގޯލްތެރެއަށް ފޮނުވާލީ ނިހާޓް އެވެ. އެ ލަނޑު ގޯލަށް ވަނީ ކީޕަރު ފައިސަލްގެ ގައި ދަށުންނެވެ.

ނިއު އިން ނަތީޖާ ހަމަހަމަ ކުރީ، މެޗުގެ 76 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުންނެވެ. ޑީ އޭރިއާ ރޮނގުމަތިން ލިބުނު ހިލޭ ޖެހުން ނިއުގެ ކެޕްޓަން އަލީ ފާސިރު 'ސެންޓޭ' ވަނީ ގޯލްގެ ކަނަށް ބޯޅަ ފޮނުވާލާފަ އެވެ. އެ ބޯޅަ ދިފާއު ކުރުމަށް ވިކްޓަރީގެ ކީޕަރު މުހައްމަދު އިމްރާން 'ކުޑަ އިންމަ' އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން، ނަޒީހު ބުނީ މެޗު އެއްވަރު ވުމުން ނިއު ރޭޑިއަންޓަށް ވުރެ ބޮޑަށް މާޔޫސް ވާނީ، ވިކްޓަރީ ކަމަށެވެ. އެއީ ވިކްޓަރީ އަތުގައި ލީޑް އިންދައި ގެއްލުމުން ކަމަށެވެ. އޭނާ ބުނީ ބިދޭސީ ކުޅުންތެރިންނާއެކު މުޅި ޓީމު ހަމަޔަށް އޮތް ނަމަ މެޗުން މޮޅު ވެވުނީސް ކަމަށެވެ.

ނިއުއަށް ދިން އެ ހިލޭ ޖެހުމާ ބެހޭގޮތުން ނަޒީހު ވަނީ ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ އެއީ ފްރީކިކެއް ދޭން ޖެހޭވަރުގެ ކަމެއް ހިނގި ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

މެޗު އެއްވަރުވުމުން، އެއް ވަނައިގައި އޮތް ޓީސީއާ ދެ ޕޮއިންޓަށް ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ނިއު އަށް ވަނީ ގެއްލިފަ އެވެ.