ދިވެހި ޕްރެމިއާ ލީގް

މެޗަކުން ބަލިނުވެ ލީގް ހޯދުމުގެ ފެންވަރެއް ޓީސީގެ ނެތް

މެޗަކުން ބަލި ނުވެ ދިވެހި ޕްރިމިއާ ލީގް ހޯދުމުގެ ފެންވަރެއް ޓީސީގެ ނެތް ކަމަށް އެ ޓީމުގެ ކޯޗް މުހައްމަދު ނިޒާމް ބުނެފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ގްރީން ސްޓްރީޓާ ދެކޮޅަށް ކުޅުނު މެޗުން ޓީސީ ވަނީ ބަލި ވެފަ އެވެ. އެ މެޗަށް އިޝާރާތްކޮށް ނިޒާމު ބުނީ އެ މެޗުން ބަލިވީ، ގްރީން ސްޓްރީޓްގެ ކައުންޓަ އެޓޭކްތަކަށް ސަމާލުކަން ނުދެވުމުން ކަމަށެވެ.

ނިޒާމު ބުނީ މެޗުން ބަލިވުމުން ކުރިމަތިވި ޕްރެޝަރަށް ވުރެ، އެކަމުން ލިބުނު ފިލާވަޅު ބޮޑު ކަމަށެވެ.

"މީ ޓީސީއަށް އިތުރަށް މަސައްކަތް ކޮށްލަން ލިބޭ ފުރުސަތެއް، އިތުރަށް ހިތްވަރެއް ލިބޭނީ،" ނިޒާމް ބުންޏެވެ. "ދެން ޖެހޭނީ މަސަކަތް ކުރަން، މިއޮތް ސްކޮޑާ ހުރިހާ ކަމަކަށް ބަލާއިރު ޓީސީއަކީ މެޗެއް ނުގެއްލި ލީގް ނުވަތަ މުޅި ސީޒަން ނިންމާލެވޭވަރުގެ ޓީމެއް ނޫން ކަންނޭންގެ."

ޓީސީ މެޗުން ބަލިވި ފަހުން، ނިއު ރޭޑިއަންޓަށް ވަނީ، ޓީސީއާ ދެ ޕޮއިންޓަށް ފަރަގު ކުޑަކުރަން ފުރުސަތު ލިބިފަ އެވެ. އެހެންނަމަވެސް ކުރީގެ ވާދަވެރިޔާ ވިކްޓަރީ އަތުން އެއްވަރުވުމުން ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ގެއްލުނީ އެވެ. އެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު ޓީސީ އާއި ނިއު ރޭޑިންޓާ ދެމެދު އޮތީ ހަތަރު ޕޮއިންޓްގެ ފަރަގެވެ.

ނިޒާމު ބުނީ، ލީގްގެ މާ ކުރީކޮޅު ބޮޑު ލީޑެއް ލިބުމަކީވެސް މައްސަލަ ދިމާވެދާނެ ކަމެއް ކަމަށެވެ. އަދި ޓީސީ ބަލިވީ އެންމެ ރަނގަޅު ވަގުތުގައި ކަމަށާއި ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަށް އޭނާ ބުންޏެވެ.

ލީގްގައި މިއަންނަ ހޮނިހިރު ދުވަހު ޓީސީ ނިކުންނާނީ، ތ. ތިމަރަފުށި ޓީމާ ދެކޮޅަށެވެ.