ހަބަރު

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި

ގަލޮޅު ދަނޑު ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މީގެ ބައިގަޑިއެއްހާ ކުރިން އެފަދަ ހާދިސާއެއްގެ ރިޕޯޓް ލިބުމުން އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އެ މާރާމާރީގައި ޒުވާނަކު ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާއިރު އޭނާ މިހާރު ވަނީ ފަރުވާ އަށް އޭޑީކޭ އަށް ގެންގޮސްފަ އެވެ. އޭނާއަށް ލިބިފައިވަނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް އަދި ނޭނގެ އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް "އަވަސް" އަށް ވިދާޅުވީ، މިރޭ 10:55 ހާއިރު މާރާމާރީއެއްގައި ޒަހަމްވި ޒުވާނަކު ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އޭނާއާ ގުޅޭ އިތުރު ތަފްސީލު އަދި ނޭނގޭ ކަމަށް ވިދާޅުވި އެވެ.

މި ފަހަކަށް އައިސް މާރާމާރީގެ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީގައި ވެސް ވަނީ ވަޅިން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލާފަ އެވެ.