ބޮލީވުޑް

ވަރުންއާއެކު ރޮމޭންސް ކުރަން ބޭނުން: ކާޖޮލް

ބޮލީވުޑްގެ ފިލްމުތަކަށް ކާސްޓުން ނަގާ ގޮތައް ފާއިތުވި އަހަރުތަކުގައި ބޮޑެތި ބަދަލުތަކެއް އައިސްފި އެވެ. މީގެ ކުރިން ކާސްޓު ނަގާއިރު ހިރޯއިންއަކީ ހީރޯއަށްވުރެ އުމުރުން ހަގު އަދި ޅަފުރައިގެ ކުއްޖަކަށް ވާންޖެހެ އެވެ. ނަމަވެސް މި ގަބޫލުކުރުން މިހާރު ވަނީ ބަދަލުވާން ފަށާފަ އެވެ.

އެންމެފަހުން 2016 ވަނަ އަހަރު ކަރަން ޖޯހަރް ގެނެސްދިން ފިލްމު "އޭ ދިލް ހޭ މުޝްކިލް" ގަައި ރަންބީރް ކަޕޫރް ވަނީ އޭނާއާ އުމުރުން ދޮށީ އެކްޓްރެސެއް ކަމުގައިވާ އައިޝްވާރިޔާ ރާއީ ބައްޗަންގެ ލޯބިވެރިޔާގެ ރޯލު ކުޅެފަ އެވެ. ހަމަ އެ އަހަރު ފިލްމު "ކީ އެންޑް ކާ" ގައި ކަރީނާ ކަޕޫރް ވަނީ އަރްޖުން ކަޕޫރްގެ ލޯބިވެރިޔާގެ ރޯލު ކުޅުނުއިރުގައި، މި އަހަރު ނިކުތް "ފަންނޭ ޚާން" ގައި ރާޖްކުމާރް ރާއޯ ވަނީ އައިޝްވާރިޔާގެ ލޯބިވެރިޔާގެ ރޯލު ކުޅެފަ އެވެ.

އެފަދަ ރޯލެއް ކުޅުމަށް އެއްބަސްވާނަންތޯ އިންޑިއާގެ ނޫހަކުން ކާޖޮލް ގާތުގައި އެހުމުން ބުނީ އެފަދަ ފިލްމެއް ކުޅުމަށް އޭނާ ދެބަސްވާންވީ ސަބަބެއް ނެތް ކަމަށެވެ.

އޭނާއެކު އެ ރޯލު ކުޅެން ތަރިއެއް ހިޔާރުކުރާނަމަ ނަގާނީ ކާކުތޯ އެހުމުން ބުނީ، "ވަރުން ދާވަން، ކުރިން 'ދިލްވާލޭ' ގައި އޭނާއާ އެކީގައި މަސައްކަތްކުރިން. އޭނާއަކީ ވަރަށް ރަނގަޅު އަދި އެކީގައި މަސައްކަތްކުރަން ވަރަށް މަޖާ މީހެއް. އެހެންވީމަ އަހަރެން ރޮމޭންސްކުރަން ބޭނުންމީ ވަރުންނާއެކު،" ކަމަށެވެ.

ނަމަވެސް ކާޖޮލް ބުނީ އެ ސުވާލު ބިނާވާނީ ލިބޭ ސްކްރިޕްޓުގެ މައްޗަށް ކަމަށެވެ. ރަނގަޅު ސްކްރިޕްޓެއް ލިބިއްޖެނަމަ އެފަދަ ފިލްމެއް ކުޅުމަށް ދެކޮޅު ނަހަދާނެ ކަމަށް ބުންޏެވެ.