ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީގެ "ތުރީ އިޑިއަޓްސް"ގައި ކަރީނާ ކަޕޫރު އަދާ ކުރި ރޯލު ފުރަތަމަ ކުޅެން ހުށަހެޅީ ކާޖޮލް އަށެވެ. އާމިރު ޚާން ބަތަލުގެ ބައި އަދާކޮށްފައިވާ މި ފިލްމު ކަރީނާ އަށް ލިބުނީ ކާޖޮލް އެ ފިލްމު ކުޅެން އެއްބަސް ނުވީމަ އެވެ.
ކާޖޮލް އެ ފިލްމު ނުކުޅުނީ އޭނާގެ ރޯލަކީ އެހާ ބާރުގަދަ ރޯލެއް ކަމަށް ގަބޫލު ނުކުރެވިގެންނެވެ.
ރާޖް ކުމާރު ހިރާނީ އަހަރެން ކައިރިއަށް ސްކްރިޕްޓް ހިފައިގެން އައުމުން އަހަރެން ބުނިން އަހަރެން ތި ފިލްމު ކުޅެފާނަމޭ ލީޑް ރޯލު ދެންޏާ. އެއީ އެ ފިލްމުގައި އާމިރު ކުޅުނު ރޯލު. ނޫނީ ފިލްމުގައި ދެ ވަނަ އަށް ނުވަތަ ތިން ވަނަ އަށް ލީޑް ރޯލު ކުޅުނު ބަތަލުންގެ ރޯލުން ރޯލެއް ދެންޏާ ވެސް އޯކޭ އޭ. ރާޖޫ ހީކުރީ އަހަރެން ޖޯކު ޖަހަނީ ކަމަށް. ނަމަވެސް ހަގީގަތުގައި ވެސް އަހަރެން އެ ވާހަކަ ބުނީ މަޖަލަކަށް ނޫން. އަހަންނަށް ހުށަހެޅުނު ރޯލުގައި އަހަންނަކަށް ކުރާނެ މާ ގިނަ ކަންތައްތަކެއް ނެތް. އެހެންވެ އެ ފިލްމު ކުޅެގެން އަހަންނަކަށް އުފަލެއް ނުލިބުނީސް،" ފިލްމު ގަބޫލު ނުކުރި ސަބަބު ކިޔައިދެމުން ކާޖޮލް ބުންޏެވެ.
ކާޖޮލް ކޮންމެ ފިލްމެއް ވެސް ގަބޫލުކުރަނީ އެ ފިލްމުގައި އޭނާގެ ރޯލުގެ ދިގު މިނަށް ބަލާފައެއް ނޫނެވެ. ކުރު ރޯލެއް ނަމަވެސް އޭނާއަށް ރަނގަޅަށް ޕާފޯމް ކުރެވޭނަމަ ކާޖޮލްގެ މައްސަލައެއް ނޯވެ އެވެ.
ކިތަންމެ ދިގު ރޯލެއް ނަމަވެސް އެ ފިލްމެއްގައި އޭނާއަށް ރަނގަޅަށް ޕާފޯމް ކުރެވޭނެ ގޮތެއް ނެތް ނަމަ އެ ފިލްމެއްގައި ބައިވެރިވުމަކީ ބޭކާރު ކަމެއް ކަމަށް ކާޖޮލް ބުންޏެވެ.
އޭނާ މި ފަހަކުން އައިސް ފެނިފައިވަނީ މަދު ފިލްމަކުން ނަމަވެސް އޭނާ ކުޅެފައިވާ ކޮންމެ ފިލްމެއްގައި ވެސް ވަރަށް ފުރިހަމައަށް ޕާފޯމް ކުރުމުގެ ފުރުސަތު ލިބިފައިވާކަން ފާހަގަ ކުރެވެ އެވެ.
ނަމަވެސް "ތުރީ އިޑިއަޓްސް"ގައި ކާޖޮލް ހީކުރި ވަރަށް ވުރެ ކަރީނާގެ ރޯލު މޮޅުވެފައި ޕާފޯމް ކުރުމުގެ ފުރުސަތު ލިބިފައިވާކަން ފާހަގަ ކޮށްލެވެ އެވެ. ގިނަ ބަޔަކު މި ފިލްމު ބަލާފައި ކަރީނާ އަށް ވަރަށް ތައުރީފު ކޮށްފައިވުމަކީ މި ވާހަކައިގެ އަލިގަދަ ހެއްކެކެވެ.