އަލަށް ފިލްމީ ދުނިޔެއަށް ވަންނަ މީހުންނަށް ވަރަށް ރަނގަޅު އިރުޝާދެއް ފިލްމީ ބަތަލާ ކާޖޮލް ދީފި އެވެ. އޭނާ ބުނީ އަލަށް ފިލްމު ކުޅެން ފަށަން ގަސްތުކުރާ ހުރިހާ އެކްޓަރުން ކައިރީގައި ވެސް އޭނާ ބުނާނީ އެހެން އެކްޓަރަކު ނުވަތަ މީހަކު ކޮޕީ ކުރުމުގެ ބަދަލުގައި އޮރިޖިނަލް މީހަކަށް ވާށޭ އެވެ. ކާޖޮލް މިހެން ބުނީ އިންސްޓަގްރާމްގައި ކާޖޮލް ފޮލޯކުރާ މީހުންނާއެކު ބޭއްވި ލައިވް ޗެޓް ސެޝަނެއްގައި ފޭނުން ކުރި ސުވާލުތަކަށް ޖަވާބު ދެމުންނެވެ.
މިހާރު ސޯޝަލް މީޑިއާ ފުޅާވެގެން ގޮސް މީހުން ހިތަށް އެރިހާ އެއްޗެއް ފިލްމީ ތަރިންނާ ދިމާލަށް ވެސް ގޮވާލުމުގެ ފުރުސަތު ހުޅުވިފައިވާއިރު އެގޮތަށް މީހުން ރުޅި އައިސްގެން ގޮވާ އެއްޗިއްސާ ކުރިމަތިލަނީ ކިހިނެއްތޯ އެހެން މީހަކު ސުވާލު ކުރުމުން ކާޖޮލް ބުނީ ނަފުރަތަކީ އެއްވެސް މީހަކަށް އެއާ ކުރިމަތިލާން އެހާ ފަސޭހަ އެއްޗަކަށް ނުވާނެ ކަމަށެވެ.
"ނަފްރަތުގެ ވާހަކަ ދައްކާ މީހުން ދައްކާ ވާހަކަތަކަށް އަޅާ ނުލާ ޕޮޒިޓިވްކޮށް މީހާ ހުރުން ރަނގަޅީ. ކުރިޔަށް ވުރެ ވެސް ގަދަޔަށް ފިޔަޖަހާ ތަރިއަކަށް ވެވޭތޯ މަސައްކަތް ކުރުން ރަނގަޅުވާނީ،" ކާޖޮލް ބުންޏެވެ.
ސުވާލުކުރި އެހެން މީހަކު ކާޖޮލް ކައިރީ އެހީ "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭނގޭ" އާއި "ދިލްވާލޭ" އާ ދެ ފިލްމުން ކުރެ އޭނާއަށް މަގްބޫލީ ކޮން ފިލްމެއްތޯ އެވެ؟ ޖަވާބުގައި ކާޖޮލް ބުނީ "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭނގޭ" ކަމަށެވެ.
ޝާހްރުކް ޚާނަކީ ހަމަ އެންމެ ބެސްޓް ސުޕަސްޓާ ކަމަށް ފޭނަކު ބުނުމުން ކާޖޮލް ވެސް އެ ވާހަކައާ އެއްބަސްވި އެވެ.
ކާޖޮލްގެ ދަރިފުޅު ނައިސާ ފިލްމު ކުޅެން ޝައުގުވެރިވޭތޯ އާއި އޭނާ ލޯންޗު ކުރަން ކާޖޮލް ރާވަނީ ކޮން ގޮތަކަށްތޯ މީހަކު ސުވާލު ކުރުމުން ކާޖޮލް ބުނީ ނައިސާގެ އެފަދަ ޝައުގުވެރި ކަމެއް ނެތް ކަމަށެވެ.
އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާމެދު ދެކެނީ ކިހިނެއްތޯ މީހަކު ސުވާލު ކުރުމުން ކާޖޮލް ބުނީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ.
އޭނާގެ ދެބެންގެ ދެދަރި ފިލްމީ ބަތަލާ ރާނީ މުކަރުޖީއަކީ ކޮން ކަހަލަ އެކްޓަރެއްތޯ ސުވާލު ކުރުމުން ކާޖޮލް ބުނީ ރާނީ އަކީ ވަރަށް ކުޅަދާނަ ބަތަލާއެއް ކަމަށެވެ.
ފިރިމީހާ އަޖޭ ދޭވްގަން އަށް ތައްޔާރު ކޮށްދޭ އެންމެ މީރު ކެއުމަކީ ކޮބައިތޯ ވެސް ކާޖޮލްގެ ފޭނަކު އޭނާއާ ސުވާލު ކުރި އެވެ. ޖަވާބުގައި އޭނާ ބުނީ ކިޗްޅާ ކިޔާ ކެއުމެއް ކަމަށެވެ.
ފިލްމީ ރޮނގުން ކާޖޮލް މިހާރު ތައްޔާރުވަމުން ދަނީ ޑިޖިޓަލް ޕްލެޓްފޯމްގައި އޭނާ ބައިވެރިވާ ފުރަތަމަ ޑްރާމާ "ޓްރިބަންގާ" ރިލީޒް ކުރުމަށެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ ތަންކޮޅެއް ކުރިން ބައެއް ފިލްމުތަކުންނާއި ޓީވީ ސިލްސިލާތަކުން ފެނިފައިވާ ބަތަލާއެއް ކަމަށްވާ ރޭނުކާ ޝަހާނޭ އެވެ.
މިއީ މުމްބައިގައި ހިނގާ ހާދިސާތަކަކަށް ބިނާ ކޮށްފައިވާ ޑްރާމާ އެކެވެ. އެއް އާއިލާއެއްގެ ތިން ޖެނެރޭޝަނެއްގެ ދިރިއުޅުން އަދި އެމީހުންނަށް ދިމާވާ ގިނަ މައްސަލަތަކެއް މި ޑްރާމާގައި ދައްކައިދޭނެ އެވެ. މި ޑްރާމާގައި ކާޖޮލް އާއެކު ބައިވެރިވަނީ މިތިލާ ޕާލްކަރް، ތަންވީ އަޒްމީ ކުނާލް ރޯއި ކަޕޫރެވެ. ފިލްމު ސްޓްރީމްކުރާނީ ނެޓްފްލިކްސް އިންނެވެ.