ކާޖަލް

މަގޭ ފިލްމުތައް ދަރިންނަކަށް ކަމަކު ނުދޭ: ކާޖޮލް

ކައިވެނިކޮށް ދަރިން ލިބުމަށް ފަހު ވެސް ފިލްމު ކުޅުމާއި އާއިލާ ދިރިއުޅުން ބެލެންސް ކޮށްލައިގެން ކުރިޔަށް ގެންދާ އެއް އެކްޓަރަކީ ކާޖޮލް އެކެވެ. ދާދި ފަހުން ކާޖޮލް ދިން އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި އޭނާގެ ދެ ދަރިން ކަމަށްވާ ނައިސާ އާއި ޔުގް އޭނާގެ ގިނަ ފިލްމުތައް އަދިވެސް ނުބަލަ އެވެ.

"އަހަރެންގެ ކުދިން ވަރަށް ފިލްމު ބަލާހިތް ވާނެ. އެކަމަކު އަހަރެން ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން އެހާ ގިނަ ފިލްމެއް އަދިވެސް ނުބަލާ. އެ ކުދިން އެ ފިލްމުތައް ނުބަލާ އެއް ސަބަބަކީ އަހަރެންގެ ކެރިއަރުގައި މާ ގިނަ ފިލްމުތަކެއް ކުޅެފައި ނެތުން. ދެ ވަނަ ސަބަބަކީ އެކުދިން ބުނަނީ އަހަރެން މާ ގިނައިންނޭ ފިލްމުތަކުގައި ރޮނީ. އެހެންވީމަ އެ މަންޒަރުތައް ބެލީމަ އެކުދިންނަށް ވެސް ރޮވެނިއްޔޭ. އެހެންވީމައޭ ބަލާހިތް ނުވަނީ،" ކާޖޮލް ބުންޏެވެ.

ދަރިން ލިބުމަށް ފަހު ހަޔާތަށް އައި ބަދަލުތައް ކިޔައިދެމުން ކާޖޮލް ބުނީ ފުރަތަމަ ދަރިފުޅު ލިބުމާއެކު ވެސް މަންމައެއްގެ ހައިސިއްޔަތުން ފެއިލް ނުވުމަށް އޭނާ އަޒުމު ކަނޑައެޅި ކަމަށެވެ.

"އަހަންނަށް އެނގުނު މިއީ ހަމަ ގައިމުވެސް އަހަރެން ފޭލް ނުވާނެ ޓެސްޓެކޭ. ސަބަބަކީ މިއީ އަހަރެން އަބަދުވެސް އެންމެ ބޭނުންވީ ގޮތް ކަމަށް ވާތީ،" ކާޖޮލް ބުންޏެވެ.

ނައިސާ އާއި ޔުގްގެ ސަބަބުން އޭނާގެ ހަޔާތަށް އައި އެންމެ ބޮޑު ބަދަލެއް ކަމަށް ކާޖޮލް ދެކެނީ އޭނާ އަކީ ކުރިޔަށް ވުރެ ހަރުދަނާ ރަނގަޅު އިންސާނަކަށް ވުމެވެ. ދަރިން ލިބުމުން އެކްޓަރެއްގެ ގޮތުންނާއި އަމިއްލަ ދިރިއުޅުމަށް ބަލާއިރުވެސް އެދެވޭ ހެޔޮ ބަދަލުތަކެއް އޭނާއަށް އައި ކަމަށް ކާޖޮލް ގަބޫލު ކުރެ އެވެ.

"ދަރިން ބޭނުންވީ އަހަންނަކީ ކުރިޔަށް ވުރެ ރަނގަޅު މީހަކަށް ވާން. އަދި ކުރިޔަށް ވުރެ މަޖާ މީހަކަށް ވާން،" ހަޔާތަށް އައި އެންމެ ބޮޑު ބަދަލަކަށްވީ މިކަންކަމުގެ ސަބަބުން އައި ބަދަލު،" ކާޖޮލް ބުންޏެވެ.

ބޮލީވުޑުން މަދުން ނޫނީ ނުފެންނަ ވަރުގެ ކުޅަދާނަ ބަތަލާއަކަށް ވުރެ އިތުރުން ކާޖޮލްއަކީ ދަރިން ދެކެ އިންތިހާއަށް ލޯބިވާ އަދި އެ ދަރިންނަށް ދޭ ލޯތްބާއި އޯގާތެރިކަމުގައި ވެސް ނަމޫނާ އެކެވެ.