ވިކްޓަރީ

ވިކްޓަރީއާ ހަވާލުވީ އުޖޫރައަކަށް ނޫން، ހިތުގައި އޮތް ލޯބިން

ސީޒަންގެ ބާކީ އޮތް ބަޔަށް ވިކްޓަރީއާ ހަވާލުވީ، އެއްވެސް އުޖޫރައަކަށް ނޫން ކަމަށާއި، އޭނާގެ ހިތުގައި އެ ކުލަބާ މެދު އޮތް ލޯބީގެ ސަބަބުން ކަމަށް އިންޓަރިމް ކޯޗު މުހައްމަދު ނަޒީހު ބުނެފި އެވެ.

މާލީ ހާލަތާއެކު ބޮޑު އަޑިގަނޑަކަށް ވެއްޓުނު ވިކްޓަރީ ގޮވައިގެން ނިކުމެ، އިއްޔަ ނިއު އާ ދެކޮޅަށް އޭނާ ވަނީ ޕޮއިންޓެއް ހޯދާފަ އެވެ. މިދިޔަ ދެ މަސް ދުވަހު ޕްރެކްޓިސް ނުކޮށް އޮތް ވީކްޓަރީން އަލުން ޕްރެކްޓިސް ފެށީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެއީ ދެ މަސް ދުވަސްތެރޭ އެ ޓީމުން ކުރި ހަމައެކަނި ޕްރެކްޓިހެވެ.

ޔުނައިޓަޑް ވިކްޓަރީގެ ކޮންޓްރެކްޓްގައި ހުރި ނަޒީހު، ވިކްޓަރީއާ ހަވާލުވީ މިވަގުތު ޔުނައިޓަޑް ވިކްޓަރީއަށް ސީޒަން ނިމިފައި ވުމުންނެވެ. ނަޒީހު ބުނީ އޭނާ ހުސްކޮށް ހުރެއްޖެނަމަ ވިކްޓަރީން އެދިއްޖެ ކޮންމެ ކަމެއްވެސް ކޮށްދޭނެ ކަމަށެވެ. ވިކްޓަރީއަށް އެނބުރި އާދެވުން އޭނާ ސިފަ ކުރީ "އެނބުރި ގެއަށް" އާދެވުން ކަމުގަ އެވެ.

"ނޫހެއްގައި ލިޔުނު ކުޑަ އުޖޫރައެއްގައޭ (އަޅުގަނޑު ވިކްޓަރީއާ ހަވާލުވީ، އުޖޫރައެއް ނަގައިގެނެއް ނޫން މިހުރީކީ، ހިލޭ ސާބަހަށް، ވިކްޓަރީ ބުނެފިއްޔާ ހުހަށް ހުންނަ ހުރީހާ ދުވަސްކޮޅެއްގައި ކޮންމެކަމެއްވެސް ކޮށްދޭނަން،" ވިކްޓަރީއަށް ކުރިން ކުޅުނު މިޑްފީލްޑަރު ވާހަކަ ދެއްކި އެވެ. "މިހުރީ ހިލޭ ސާބަހަށް އައިސް، އެމީހުން މިތާ ބުރުއަޅާށޭ ވިކްޓަރީ މޮޅުވާނެޔާ ބުންޏަސް އަޅުގަނޑު ބުރުއަޅައިގެންވެސް ވިކްޓަރީ މޮޅުކޮށްދެވޭތޯ ބަލާނަން."

ނަޒީހު ވަނީ ވިކްޓަރީގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އޭނާ ބުނީ މުސާރަ ނުދޭތާ ހަތަރު މަސް ހޭދަވިއިރުވެސް އެކުޅުންތެރިން ވިކްޓަރީއަށް ޓަކައި ނިކުމެ މަސައްކަތް ކޮށްދިނުމަކީ އެ ކުޅުންތެރިންގެ ބޮޑު ގުރުބާނީއެއް ކަމަށެވެ.

"ޓިމުން މުސާރަ ނުދިން ކަމުގައި ވިޔަސް މިގޭތެރޭގައި 16 ކުޅުންތެރިން އިއްޔަ [އާދިއްތަ ދުވަހު] ޕްރެކްޓިހަށް ބަރާބަރު ގަޑިއަށް ހާޒިރުވެ ތިބި، ބައެއް އެހެން ޓީމުތަކުގައި އަޅުގަނޑަށް ފެންނަނީ އަށް މީހުން ޕްރެކްޓިހުގައި ގަޑިއަން ތިބޭތަން، މުސާރަ ނުދޭއިރުވެސް މިކުޅުންތެރިން ރަނގަޅު ކޮންޑިޝަންގައި ތިބީ،" ވިކްޓަރީގެ ކުޅުންތެރިންނަށް ތައުރީފު ކުރަމުން ނަޒީހު ބުންޏެވެ.

"އެހެންވީމަ މި ކުޅުންތެރިންގެ އެބަހުރި އެ ޖޯށާއި ހިތްވަރު، ހުރިހާ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން، އެއީ ވިކްޓަރީއަށް އެވަރުގެ ހިދުމަތެއް ކުރަން އެ ރޫހުގައި މިތާންގައި ތިބީތީ."

އޭނާ ބުނީ، ބޭރު ތެރެއިން ފެންނަ މިންވަރަށް ވުރެ ވިކްޓަރީގެ ހާލަތު ރަނގަޅު ކަމަށެވެ. ނަމަވެސް މިދިޔަ ހަފުތާގައި ޓީސީ އާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެ ޓީމު ހާޒިރުވެފައެއް ނުވެ އެވެ. ކުޅުންތެރިން ކުޅެން ތިބިނަމަވެސް، ޓީމު މެޗަށް ޓީމު ހާޒިރު ނުވީ މެނޭޖުމެންޓްގެ އެއްބާރުލުން ނުލިބުމުންނެވެ.

ނަޒީހު ވަނީ، މީގެ ކުރިންވެސް ވިކްޓަރީއަށް ކޯޗު ކޮށްދީފަ އެވެ. ދެހާސް ސޯޅަ ވަނަ އަހަރު ސީޒަންގައި އޭނާ ވަނީ ވިކްޓަރީއަށް ކޯޗު ކޮށްދީފަ އެވެ. ދެހާސް ބާރަ ވަނަ އަހަރު ވިކްޓަރީގެ އޭރުގެ ކޯޗު އަދި ނަޒީހުގެ ބޭބެ އަލީ ސުޒޭން ހަތަރު މަހަށް ސަސްޕެންޑް ކުރުމުން ނަޒީހު ވަނީ ވަގުތީ ގޮތުން ވިކްޓަރީއަށް ކޯޗު ކޮށްދީފަ އެވެ.