ވާހަކަ

ބުނެދޭށޭރުހެމޭ

(7 އޮކްޓޯބަރ 2018 އާ ގުޅޭ) -- "އަހަންނަށް ވެސް އެނގުނީ ވަރަށް ފަހުން، ވިވިއަން.... ޝީ އިޒް އަވާ މަދާ، ބަޓް އިޓްސް ރިއަލީ އަންފޯޗުނޭޓް، ޝީ ޑޯންޓް ވޯންޓް ހާ ޓު ނޯ އަބައުޓް އިޓް" އަމިއްލަ ނަސީބާ މެދު ޒިވަން ޝަކުވާކުރާ ކަހަލައެވެ.

ޒިވަންގެ ވާހަކައިން އަރްސަލްގެ ސުވާލުތައް އިތުރުވިއެވެ. ނިމްރާ އަބަދުވެސް ބުނަމުން އައީ އޭނާގެ މަންމަ ވީތަނެއް ނޭނގޭކަމުގައެވެ. އޭނާއަށް އޭނާގެ މަންމައަކީ ކާކުކަމެއް ވެސް ބުނަން ނޭނގޭ ކަމަށެވެ. ފެނުނަސް ވަކިކުރަން ނޭނގޭނޭކަމަށް ވެސް ނިމްރާ ބުނެފައިވާކަން އަރްސަލް ހަނދާންހުއްޓެވެ. ހަމައެއާއެކު ވިވިއަން ފުރުމުގެ ކުރީން ދެއްކި ވާހަކަތައް ވެސް އަރްސަލްގެ ހަނދާނަށް އައެވެ.

"އެހެންވެތަ އޭނާ ހޮޓެލްގައި މަޑުކުރަން ނިންމީ، މި ހުރިހާ ދުވަހު ކީއްވެ އޭނާ ނިމް ގާތަށް ނައީ؟ ކީއްވެ ނިމްގެ ހާލު ބަލާނުލީ؟ މިހާރުތަ އޭނާއަށް ނިމް ފެންނަންވީ" އަރްސަލްގެ ސުވާލުތަކުން ޒިވަން ފިނިނޭވާއެއް ދޫކޮށްލިއެވެ.

"އަހަރެން ވެސް ހިތަށް އެރީ ތިހެން، އެކަމަކު އަހަންނަށް އެނގުނު ހިނދުން ފެށިގެން އަހަރެންގެ ކޮއްކޮގެ ގޮތުގައި ނިމް ބަލައިގަނެފިން، ފާއިތުވި ދުވަހެއް އަނބުރާ ނުގެނެވޭނެ، އަހަރެންގެ ބައްޕައަށް ވެސް އެނގޭ ހުރިހާކަމެއް، އެއީ އެ މީހުންގެ ޒުވާން އުމުރުގައި ހިނގައިފައި އޮތްކަމެއް، ނިމް ދޫކޮށްލާފައި މަންމަ ދިޔައީ ސަބަބަކާނުލައެއްނޫން، އެކަމަކު އަހަންނަށް އެ ސަބަބު ބަލައިގަންނަން ފަސޭހަނޫނީ، އަހަރެން ހިތަށް އަރައި އެންމެ ފުރަތަމަ އަހަރެމެން ދެ މީހުން ބައްދަލުވި ހިނދުގައި ވެސް އެއީ އަހަރެންގެ ކޮއްކޮކަން އެނގުނުނަމައޭ، ޔަގީނުން ވެސް އަހަރެން އޭނާ ބާކީވިޔަކަ ނުދޭނަން، މިޢުވާނު ފަދަ އިންސާނެއްގެ އަތްދަށުވުމުގެ ކުރީން ސަލާމަތް ވެސް ކުރެވުނީސް... ރިގްރެޓް ވިޔަސް ކުރެވޭނެކަމެއްނެތް، އެ ދުވަސްތައް ބަދަލެއް ނުކުރެވޭނެ... އަހަރެން ބޭނުމެއްނޫން ނިމް ރޮއެ ހިތާމަކުރާތަން ދުށުމަކަށް، ޝީ ހޭވް ސަފާޑް އިނަފް، މަންމަ ވެސް ބުނަނީ މިހާރު ވަގުތު ފާއިތުވެއްޖެކަމުގައި... ނިމްއަށް އޭނާގެ މަންމައެއް ހުރިކަން އެނގުމަށްވުރެ ނޭނގުނިއްޔާކަން މިހާރު ރަނގަޅުވާނީ" ޒިވަން ހަޤީޤަތުގައި ވެސް ނިމްރާއާ މެދު ކަންބޮޑުވާކަން އަރްސަލްއާއި ރާދިން ދެނެގަތެވެ. ޒިވަން ހުރިހާ ހަޤީޤަތެއް ކިޔައިދޭން ބޭނުންވީ އަރްސަލްއާއެކު އެކަހެރިވެލެވުމުންނެވެ. ވިވިއަންއަކީ އޭނާގެ މަންމައަށްވާއިރު އެ މަންމަގެ ހިތި މާޒީ އެތައްބައެއްގެ ކުރިމަތީ ހާމަކުރާކަށް އޭނާ ބޭނުމެއްނޫނެވެ.

"އަހަރެން ވަކި ބޭނުންވާނެތަ ނިމް ރޮއެ ހިތާމަކުރަން، އަހަރެން ހުރިހާކަމެއް މިކުރަނީ ނިމްއަށް ޓަކައި" އަރްސަލް މަޑުމަޑުން ބުނެލިއެވެ.

"އަރްސަލް، ކަންތައްވީގޮތާއިމެދު ވިސްނާއިރު އަހަންނަށް ޤަބޫލުކުރެވެނީ ކޮންމެވެސް އެހެންކަމެއް އެބައުޅެޔޭ، މިޢުވާނުގެ މަކަރުވެރިކަމާއި ނުބައިކަން ނިމްއަށް ނޭނގިއެއް ނޯންނާނެ، އޭނާގެ ގާތުގައި ކީފާއާ އިންނަ ވާހަކަ ދެއްކުމުން ނިމް އެކަމާ ސުވާލެއްނުކޮށް އަރްސަލް ބުނި ބަސް ތެދުކުރީ... އަހަރެން ހިތަށް އަރަނީ ފުރަތަމަ އިންސްޓިންކްޓްއަކަށް ވާން ޖެހޭނީ އަރްސަލްއާ ސުވާލުކުރުމޭ، އަރްސަލް ބުނި އެއްޗެއްގެ ތެދުދޮގު އޮޅުންފިލުވައި އެހެން ބުނަންޖެހުނު ސަބަބު ހޯދުން ކަންނޭނގެ، ބަޓް ޝީ ރިއެކްޓް ޑިފަރެންޓްލީ... އޭސް އިފް ޝީ ނިއު އަބައުޓް އިޓް" ތުނިކޮށް ހުރި ތުންބުޅީގައި އަތްހާކާލުމާއެކު ޒިވަން އިތުރަށް ވިސްނާލިއެވެ. ސޯފާގައި ބުރަކަށި ޖައްސާލައި އެއްފައި މައްޗަށް އަނެއްފައި އަރުވާލައި އޭނާ ހަމަޖެހިލިއެވެ.

"ތިހެންބުނީމަ... އަހަރެން އެތާ ހުރިކަމެއް ނިމްއަކަށް ނޭނގޭނެ، ރާދުއަކަށް ވެސް ނޭނގޭނެ މިޢުވާނުކަމެއް އައިސް ހުރީ، އަހަންނެއް ނުބުނަން އޭނާ ގާތުގައި... ނިމްގެ އިތުބާރު ގެއްލިދާނެ ކަމެއް ނުކުރަން އަހަރެން އަބަދުވެސް ވިސްނަން" އަރްސަލްއަށް ވެސް ވިސްނާލެވުނެވެ.

"ސްޓޮޕް ހައިޑިންގް ތިންގްސް ފްރޮމް ހާ އަރްސަލް، ކަންކަން ފޮރުވަންވެއްޖެނަމަ ދެމެދުގައި އޮތް ލޯބި ނެތި ހިނގައިދާނެ، އިތުބާރާއިނުލާ ލޯތްބަށް ފުރުޞަތެއް ނުދެވޭނެ، އެންމެ ފުރަތަމަ ކަމަކީ ކީފާއާއި މިޢުވާނު އެ މީހުން އުޅެން ބޭނުންވާ ގޮތަކަށް އުޅެން ދޫކޮށްލުން، އަހަރެން ނުބުނާނަން މިޢުވާނުއާ ކިފާ އެ ގުޅުނީ ރަނގަޅު ނިޔަތެއްގައޭ، ހަމައެގޮތަށް މިޢުވާނު ވެސް ކީފާއާ ގުޅޭނީ އޭނާގެ އަމިއްލަ އެދުމެއް އޮވެގެން، އެހެންނޫންނަމަ މިއަދު މިވީ ކަހަލަ ކަމެއް ނުހިނގީސް... އަހަރެން ވެސް ކީފާއާ މެދު ވިސްނަން އެކަމަކު އޭގެ މާނައަކީ އަހަރެން އޭނާ ބުނާއިރަށް ބުނާހާކަމެއް ކުރާނެއެކޭނޫން، އަހަރެމެންނަށްވުރެ ބޮޑަށް ކީފާގެ ގޮތް އެހެންމީހަކަށް ނޭނގޭނެ، ޔޫ ޑޯންޓް ލައިކް ހާ އެޓް އޯލް، ތީ އަހަންނަށް އެނގޭ އަރްސަލް އުޅޭނެ ގޮތެއްނޫން" ކީފާއާއި މިޢުވާނާމެދު ރާދިންގެ ހިތުގައި ވަނީ ޝައްކު އުފެދިފައެވެ. އެ ދެ މީހުންނަކީ ވެސް އަރްސަލްއާއި ނިމްރާއަށް ހެޔޮ އެދޭނޭ ބައެއްނޫންކަން ރާދިން ޤަބޫލުކުރެއެވެ.

"މިވަގުތު އަހަރެން ބޭނުންވަނީ ނިމް އަވަހަށް ރަނގަޅުވާން، އޭރުން ހުރިހާކަމެއް ކިޔައިދެވޭނީ" އަރްސަލް ބުނެލިއެވެ.

"އަހަރެން ވަރަށް ބަނޑުހައިވެއްޖެ... ނިމް އެއްޗެއް ކައިގެންތަ އެ އޮތީ؟" ކޮންމެ މީހަކު އެމީހެއްގެ އަމިއްލަ ޚިޔާލުގެ ތެރެއަށް ގެއްލިފައި ތިއްބާ ޝިހާނާ ވާހަކަދެއްކިއެވެ.

"އޯ ނޯ... އެ ހުރިހާއިރު ވީއިރު ވެސް އަހަރެން ހަނދާނެއްނެތް ނިމް ގާތު އަހާލާކަށް" ބޯ ކަހާލަމުން ޒިވަން ބުންޏެވެ. އަރްސަލް ހިނިތުންވެލީއެވެ. އޭނާ ވެސް އެއްޗެއް ކާން ބޭނުންކަމުގައި ބުނެލިއެވެ. އަދި ރާދިންއަށް ބަލާލުމަށްފަހު ކާއެއްޗެއް ހަދައިދޭން އެދުނެވެ. އެއާއެކު ޒިވަން ޖަހާލީ ހިނިގަނޑެކެވެ.

ވެރިވެފައި އޮތް ނުތަނަސްވަން އެންމެންގެ މޫނުމަތިން ފިލައިފިއެވެ. އެންމެން ވެސް ބޭނުންވީ ނިމްރާ އަވަހަށް ރަނގަޅުވާށެވެ. ޝިހާނާއާއި ރާދިން ކާއެއްޗެއް ތައްޔާރުކުރަން އުޅުނެވެ. ރާދިންއަށް ބިލާލު ގުޅީ އެވަގުތުއެވެ. ރޭގަނޑުގެ ކެއުމުގެ ވަގުތު ޖެހިގެން އައިއިރު ވެސް އެއްވެސް ކުއްޖެއް ގެއިން ނުފެންނާތީ އެކަމުގެ ޝަކުވާ ބިލާލުކުރިއެވެ. ކަމެއްޖެހިގެން އުޅޭތީވެ ތަންކޮޅެއް ފަހުން ގެއަށް ދާނަންކަމުގައި ރާދިން ބުންޏެވެ.

"ކޮބާ އަރްސަލް" ބިލާލު އެއްސެވެ.

"އަޅުގަނޑާއެކު އެބަހުރި" ރާދިން ބުންޏެވެ.

"އެންމެ ރަނގަޅު އެކަމަކު ލަސްނުކޮށް ގެއަށް އަންނައްޗޭ" ރާދިންއާއެކު އަރްސަލް ވެސް ހުރިކަން އެނގުމުން ބިލާލު ފޯނުކޯލު ކަނޑާލީއެވެ.

ބިލާލު ގުޅިކަން އަރްސަލް ގާތު ރާދިން ބުނުމާއެކު އޭނާ އެރޭ ގެއަށް ނުދާނެކަމަށް ވަގުތުން ބުނެލިއެވެ. ނިމްރާގެ ގާތުގައި ޝިހާނާ މަޑުކުރާނެކަމުގައި ރާދިން ބުނުމުން ވެސް އަރްސަލް ގެއަށްދާކަށް އެއްބަހެއްނުވިއެވެ. ރާދިންއަށް އަރްސަލް ބޭނުންވާގޮތް ބަދަލުނުކުރެވޭނޭކަން އެނގުމުން އިތުރަށް އެ ވާހަކަދެއްކުން ހުއްޓާލީއެވެ.

ނިދިފައި އޮތް ނިމްރާއަށް ހޭލެވުނީ އޭނާއަށް މީހަކު ގޮވާހެން ހީވެގެންނެވެ. ހޭވެރިކަން ވީ ހިނދު ފުރަތަމަ ވެސް ކަންފަތުގައި ޖެހުނީ ޝިހާނާގެ އަޑެވެ. ލޯ ހުޅުވާލިއިރު އޭނާގެ މަގަތުގައި ޝިހާނާ އިންތަން ފެނުނެވެ.

"އާނާ... ކޮންއިރަކު އައީ؟" ނިމްރާ އަހާލީ އޭނާއަށް ޝީހާނާ އައިސް އުޅޭކަން އެނގުނީ އަދިކިރިޔާ ފަދައިންއެވެ. އަދި އޭނާ ތެދުވެ އިށީނެވެ. ބޮލުގައި ހުރި ރިހުމަށް ބަދަލެއްނާންނާތީ ނިތްކުރީގައި ނިމްރާ ފިރުމާލިއެވެ.

"ހުމުގެ ސަބަބުން ބޮލުގައި ރިއްސަނީ، ހިނގާ އެއްޗެއް ކާލަން... އެންމެން ވެސް އެބައުޅޭ ތިރީގައި" އެނދުގެ އަރިމަތީ ކަބަޑުގެ މަތީ ބެހެއްޓި ތަށި ޝިހާނާ ނެގިއެވެ.

"އަރްސަލް... އޭނާ... ވަންތަ މިކޮޓަރިއަށް... ޒިވަން ކޮބާ؟" ނިމްރާގެ މޫނަށް ވެރިވެގެން ދިޔަ ހާސްކަމުގެ އަސަރު ޝިހާނާއަށް ވެސް ފެނުނެވެ.

"އަހަރެން ނޫން މީހަކު މިކޮޓަރިއަކަށް ނުވަދޭ، އެކަމަކު ނިމް ތިހާލުގައި އޮއްވާ އަރްސަލް ހިނގައިދާނެހެން ހީވޭތަ؟" ޝިހާނާ ބުނި އެއްޗަކުން ނިމްރާ ވަގުތުން ހިމޭންވެ އިސްޖަހާލިއެވެ.

"ވައި އިޒް ހީ ޑުއިންގް ދިސް ޓު މީ" ފެންކަޅިވަމުންދިޔަ ހިނދު ނިމްރާ ބުނެލިއެވެ. ނަމަވެސް އޭނާ ބުނި އެއްޗެއް ޝިހާނާއަކަށް ސާފެއްނުވިއެވެ. އޭނާ ނިމްރާގެ ކޮނޑުގައި ފިރުމާލަމުން ގޮވާލިއެވެ.

"ނިމް، އެއްޗެއް ކައިގެން ހުންނަންވާނީ، ހަށިގަނޑުގައި ވަރުނެތިއްޔާ ހުން ވެސް މަޑެއްނުވާނެ، ގައިގައި ރިހުން ވެސް އިތުރުވާނީ، އަވަހަށް ހިނގާ ކާން، ބަލާ... މީ ރާދު ތައްޔާރުކުރި ސޫޕް، ނިމްއަށް ޚާއްޞަކޮށް"

"ކާހިތެއްނެތް" ޝިހާނާ ވާހަކަދައްކަދައްކާ އިންދާ ނިމްރާ ބުނެލިއެވެ.

"ތިހެން ހަދައިގެންނުވާނެ، ކާހިތްނެތަސް ކާންވާނެ... ނިމް މިހާރު ހުންނާނީ ބަނޑުހައިވެފައިކަން ޔަގީން، ނިމް ނުކައި އޮންނަންޏާ އަރްސަލް ފަހެއްނުޖެހޭނެ އައިސް ކާންދޭކަށް" ޝިހާނާއަށް ބުނެވުނު އެއްޗަކުން ނިމްރާ ހިތުގައި ޖެހިދާނޭކަމެއް އޭނާ ނުދެނަހުއްޓެވެ.

"އެންމެން ވެސް އޭނާ ބުނާ ގޮތް ހަދަންޖެހެނީ... އަމިއްލަ މިނިވަންކަން ނެތީތަ؟ އަހަރެންގެ ދިރިއުޅުން ވެސް އޭނާ ބޭނުންވިގޮތަށް ކުރިއަށް މިދަނީ... އޭނާގެ ހުރިހާ ބޭނުންތަކެއް ފުއްދަން މަޖުބޫރުތަ؟ އަމިއްލަ އިޚްތިޔާރެއްނެތްތަ؟ މީ ކޮންކަހަލަ ބަދަލުހިފުމެއް" އަމިއްލަ ޟަމީރާ ވާހަކަދައްކަމުން ޝިހާނާ ގެނައި ތަށި ނިމްރާ ނެގިއެވެ. އަދި ސަމްސަލަކަށްފަހު ސަމްލެއް އަނގަޔަށް ލަމުންދިޔައެވެ. ޝިހާނާ އިނީ ނިމްރާ ރޮމުން ކާތީ ހައިރާންވެފައެވެ. އަރްސަލްއާއި ނިމްރާއާ ދެމެދު ހިނގައިގަން އުޅެނީ މާނައެއްނެތް ހަމަނުޖެހުމެއްކަން ބުނަން ޝިހާނާ ބޭނުންވިއެވެ. އެހެންނަމަވެސް ނިމްރާ ގާތު ބުނެވޭ އެއްޗަކުން އޭނާގެ ހާލު ގޯސްވެދާނޭ ހީވެ ޝިހާނާ ޚިޔާރުކުރީ ހިމޭންކަމެވެ. އަރްސަލްގެ ނަން ކިޔާ ކޮންމެ ފަހަރަކު ނިމްރާއަށް އަންނަ ބަދަލުތައް އޭނާއަށް ވެސް ފެނެއެވެ.

ތަށި ހުސްނުކުރެވޭނެކަން އެނގި ޝިހާނާއަށް ނިމްރާ ތަށި ދިއްކޮށްލިއެވެ. ޖޫސްތަށި ޝިހާނާ ދިއްކޮށްލުމުން އޭގައި ނިމްރާ ނުހިފިއެވެ. ދެފަރާތަށް ބޯހޫރާލީއެވެ. ތަށިތައް ލައިގެން ގެނައި ތަބަށް ހިފައިގެން ޝިހާނާއަށް ކޮޓަރިން ނުނިކުމެވެނީސް ނިމްރާ އެނދުން ފުންމާލައިގެން ފާޚާނާއާ ދިމާއަށް ދިޔަތަން ފެނި ކަންބޮޑުވިއެވެ. ތަންކޮޅެއް ބާރަށް ނިމްރާއަށް ގޮވާލިއެވެ. އެނދުމަތީ ތަބަށް ބަހައްޓާފައި ޝިހާނާ އައިސް ފާޚާނާއާ އަރާ ހަމަވީއިރަށް ނިމްރާ ހޮޑުލާއަޑު އިވުނެވެ. އަވަސް އަވަހަށް ލައިގެން ހުރި ޖީންސުގެ ފައިކުރި އޮޅާލައި އިސްތަށިގަނޑުން ހުޅިއެއް ޖަހައިލިއެވެ. އަދި ނިމްރާގެ ގާތަށް އައިސް އޭނާއަށް އެހީތެރިވާން ފެށިއެވެ. ނިމްރާ ހަމަޖެހުމުން އޭނާ ގެނެސް އެނދުގައި ބޭއްވިއެވެ.

ޝިހާނާ އައިސް ނިމްރާ ހޮޑުލި ވާހަކަ ބުނުމުން އަރްސަލް ހާސްވިއެވެ. ހޮސްޕިޓަލަށް ގެންދަން ޒިވަން ޚިޔާލުފާޅުކުރުމުން ޝިހާނާ އެދުނީ އިހަށް މަޑުކުރުމަށެވެ. ނިމްރާގެ ހާލު ގޯސްވާކަމަށް ފެންނަންޏާ ވަގުތުން ހޮސްޕިޓަލަށް ގެންދާނީ ކަމުގައި އޭނާ ބުންޏެވެ. އަރްސަލް ވަކި އެއްޗެއް ނުބުނެ ފުން ވިސްނުމަކަށް ގެއްލިފައި އިނީއެވެ.

ރޭގަނޑު ބާރަޖަހައި ދިޔަފަހުން ޒިވަން ޕެންޓްހައުސް އިން ނުކުތީ ގެއަށް ދާށެވެ. ނިމްރާގެ ހާލު ގޯސްވަންޏާ އޭނާއަށް ގުޅަން އަރްސަލްގެ ގާތުގައި އެދުނެވެ. އަދި ނިމްރާ ހަމަޖެހެންދެން އޭނާ ނުރުހޭކަމެއް ނުކުރަން ޒިވަން އެދުނެވެ. އޭނާ ދިޔަތާ ގިނައިރެއްނުވެ ރާދިން ގާތު ގެއަށް ދިއުމަށް އަރްސަލް އެދުނެވެ.

"ގެސްޓް ރޫމުގައި އަހަރެމެން ދެ މީހުންނަށް ނުނިދޭނެތަ؟ ގެއަށް ދިޔަޔަސް ނިމްއާ މެދު ފިކުރުކުރެވޭނީ... އާނާ ވެސް އެ ހުރީ މިކޮޅުގައި، އައި ޑޯންޓް ވޯންޓް ޔޫ ޓު ބީ ރެކްލެސް އަގައިން" ސޯފާގެ ދިގަށް އޮށޯވެލައިގެން އޮތް ރާދިން ބުންޏެވެ.

ޝިހާނާ އޮތީ ނިމްރާގެ ގާތުގައި އެ ކޮޓަރީގައެވެ. ސޯފާގައި އޮއްވައި ނިދިފަ ހޭލެވުނު ރާދިން ވެސް ގޮސް ވަނީ ގެސްޓްރޫމަށެވެ. އޭރު ވެސް އަރްސަލް އޮތީ ސޯފާގައެވެ. ނިތްކުރީގައި އެއްއަތް ބާއްވާލައިގެން ފިކުރު ކުރުމުގައެވެ. އިރުކޮޅަކު އެހެން އޮވެފައި އޭނާ ތެދުވިއެވެ. ސިއްރު ފިޔަވަޅުތަކުގައި އައިސް ނިމްރާގެ ކޮޓަރި ހުޅުވާލިއެވެ. ފަނޑު އަލިކަމުގެ ތެރެއިން އެނދުގައި އޮތް ނިމްރާއާއި ޝިހާނާ ވަކިކުރަން އެނގެއެވެ. މަޑުމަޑުން އައިސް ނިމްރާ އޮތް ފަރާތުގައި އަރްސަލް މަޑުކޮށްލިއެވެ. ގުދުވެލައި ނިމްރާގެ މޫނުގައި އަތްލަން އޭނާ އުޅުނެވެ. ނަމަވެސް ނިމްރާ ހޭލަފާނެތީ އަމިއްލައަށް މަނާވެގަތީއެވެ. ގާތުން އެ މޫނު ފެނުމުން އަރްސަލްގެ ހިތަށް ތަދުވިއެވެ. ކަރުނައިގެ ތެތްކަން އަދިވެސް ނިމްރާގެ އެސްފިޔަތަކުގައި ވިދާތީ އޭނާ ދުށްޓެވެ.

"އައި އޭމް ސޮރީ ސްކާލެޓް، އައި ޑިޑިންޓް މީން ޓު ހާޓް ޔޫ" ނިމްރާއަށް ނަޒަރު ހުއްޓާލައިގެން ހުރި އަރްސަލް ސިއްރުން ބުނެލިއެވެ. އަދި އެނބުރި އެ ކޮޓަރިން އޭނާ ނުކުމެ ދޮރުފަތް ދަމާލައި ލައްޕާލިއެވެ.

އަރްސަލްއަށް އެއްގޮތަކަށް ވެސް ނިދޭ ގޮތެއްނުވިއެވެ. ޝިހާނާ ވެސް އިރުއިރުކޮޅުން ހޭލައި ނިމްރާގެ ހުން ހުރި ވަރެއް ބަލައެވެ. މިހާ ގާތުން އޭނާ މީހަކަށް އަދި ދުވަހަކު ވެސް އެހީތެރިއެއްނުވެއެވެ. ޑަކްޓަރަށްވީތީ ބަލިމީހުން ބެލުމަކީ އޭނާގެ އާންމު ދިރިއުޅުމުގެ އެއްބައެވެ. ނިމްރާއާ މެދު އަބަދުވެސް ޚާއްޞަކަމެއް ޝިހާނާއަށް ބެހެއްޓެއެވެ. މިއަދު ނިމްރާ މީހެއްގެ އެހީތެރިކަމަށް ބޭނުންވި ހިނދު ޝިހާނާއަށް އެ ފުރުސަތު ލިބުމަކީ އޭނާ އުފަލުން ހުރެ ބަލައިގަތްކަމެކެވެ.

* * * * *

ދެ ދުވަސްވަންދެން ނުތެދުވެވިފައި އޮތް ނިމްރާއަށް ތިންވަނަ ދުވަހު ލުއިކަން އިޙްސާސް ކުރެވުނެވެ. ރޭވިއިރު އޭނާއަށް ތެދުވެ އުޅެން އެއްވެސް އުނދަގުލެއްނޫނެވެ. ބޮލުގައާއި ގައިގާ ރިހުމުގެ އެއްވެސް އަސަރެއްނެތެވެ. މީހާ ހަމައަކަށް އެޅިއްޖެކަން އެނގުމުން ހުރިހާކަމަކާ މެދު އޭނާ ވިސްނާލިއެވެ. އޭނާ ބަލިވެ އޮތްއިރު އަރްސަލް ގާތުގައި އުޅޭކަމުގެ އިޙްސާސް ކުރެވުނެވެ. ނަމަވެސް އޭނާގެ ކުރިމައްޗަކަށް އަރްސަލްއެއް ނާދެއެވެ. ޒިވަން ދެއްކި ވާހަކަތަކާމެދު ނިމްރާ ފިކުރު ހިންގިއެވެ. ނިމްރާއަށް އަބަދުވެސް އަރްސަލް ފާހަގަވެފައި އޮތީ ގޮތްދޫނުކުރާ ރުންކުރު މިޒާޖެއްގެ މީހެއްގެ ގޮތުގައެވެ. އެހެންމީހަކަށް އޭނާގެ އެ ސިފަ ނުދެއްކިޔަސް ނިމްރާއާ ޖެހުމުން އޭނާ މުޅިން ބަދަލުވެއެވެ. އަރްސަލް ބޭނުންވާގޮތަށް އޭނާ ބޭނުންވާކަމެއް ކުރާނޭކަން ޚުދު ނިމްރާއަށް ވެސް އެނގެއެވެ. އެ ސިފައަށް ނިމްރާގެ ހިތްލެނބުނީ ކޮންއިރަކުކަމެއް ބުނަން އޭނާއަކަށް ފަސޭހައެއްނުވިއެވެ. އަރްސަލްގެ ހަރުކަށިކަމާއި ގޮތްދޫނުކުރުމަކީ ވެސް ލޯބިކަމުގައި ނިމްރާއަށް އިޙްސާސް ކުރެވުނެވެ. އޭނާގެ ހުރިހާ އެދުމަކަށް އަމިއްލަ ޟަމީރާ ދެކޮޅަށް ވިޔަސް މިހާތަނަށް ނިމްރާ އައީ އިޖާބަދެމުންނެވެ. އަރްސަލް ބުނުމުން ދެކޮޅު ހެދުމަކީ އޭނާއަށް ވާނޭކަމެއްނޫނެވެ. އިންތިހާއަށް ލޯބިވުމަކީ އެއީބާއޭ ނިމްރާގެ އަމިއްލަ ނަފްސާ އޭނާ ސުވާލުކުރިއެވެ. އަރްސަލްދެކެ ވެވުނު ލޯބީގެ ސަބަބުން އޭނާއާ ވަކިވާން ނިމްރާ ނޭދުނަސް އެ ދެމެދުގައި އޮތް ގުޅުމަށް ނިމުމެއް ގެންނަން ޖެހިއްޖެކަން އޭނާ ޤަބޫލުކުރިއެވެ. އަރްސަލްގެ ފައިސަލާ އޭނާ އެންމެނަށް އިއްވުމުގެ ކުރީން އޭނާގެ ދިރިއުޅުމުން ދުރަށްދާން ނިމްރާ ނިންމީއެވެ. އޭނާގެ ހިތުގައި އޮތް އެއްޗެއް ޒިވަން އެދުނުހެން އަރްސަލްގެ ގާތުގައި ބުނުމަށްފަހުއެވެ. އޭރުން އޭނާ އަރްސަލްއަށް ފިލަން ދުވީކަމަކަށް ނުވާނެކަމުގައި ނިމްރާއަށް ވިސްނުނެވެ.

ޝިހާނާ އައިސް ކޮޓަރިއަށް ވަން ވަގުތު ރީތިވާ މޭޒުދޮށުގައި އިން ނިމްރާ ފެނުމުން ހިނިތުންވެލިއެވެ. ހުންގަނޑު އެކީ ފިލައިފިކަމުގައި ޝިހާނާ ބުނެލިއެވެ. އަދި އެންމެންނާއެކު ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމަށް ޝިހާނާ ދަޢުވަތު ދިނެވެ.

"އާނާ... ތެންކިއު ފޯ އެވްރިތިންގް އިނގޭ" ނިމްރާ ގޮނޑީގައި އިނދެ ޝިހާނާއާ ދިމާއަށް އެނބުރިލިއެވެ.

"އޯލްވޭޒް ވެލްކަމް، ފެމެލީގައި ޑަކްޓަރެއް ހުރުމުން ވާ ފައިދާ މިހާރު އެނގެއެއްނު" ހިނިއައިސްފައި ޝިހާނާ ބުނެލިއެވެ.

"ފެމެލީ... ފެމެލީއެއް އޮތުމަކީ ބައެއްމީހުންނަށް ލިބޭ ނިޢުމަތެއް، ވެލް... އާނާ... އަހަރެން ވާހަކައެއް ބުނަން، މަޑުކޮށްލެވިދާނެތަ؟" ނިމްރާގެ ލޮލުގައި ކުރީން ފެންނަ ދިރުމެއް ޝިހާނާއަކަށް ނުފެނުނެވެ. އޭގެ ބަދަލުގައި އޭނާ ފެންނަނީ އެތައް އަހަރެއް ވަންދެން ބޮޑު ހިތާމައެއް ކުރަމުން އަންނަ މީހަކު ފަދައިންނެވެ. ޝިހާނާ އައިސް އެނދުގައި އިށީނެވެ.

"ވަޓް... ބަޓް ވައި... ނިމް، ތީ ކީއްވެ ނިންމި ނިންމުމެއް" ނިމްރާގެ ވާހަކަތައް އިވުމާއެކު ޝިހާނާއަށް ފުންމައިގެން ތެދުވެވުނީ ޤަބޫލުނުކުރެވިގެންނެވެ. އޭނާ ނިމްރާގެ ނިންމުން ބަލައިގަންނަން ތައްޔާރުނޫންކަން ޝިހާނާގެ ހަރަކާތްތަކުންނާއި އެ ދެއްކި ވާހަކައިން ނިމްރާއަށް އެނގުނެވެ.

"އިޓްސް ފޯ ދި ބެސްޓް، އާނާ... ލޫން މަރުވީ އަހަރެންގެ އަތުން، އަރްސަލްއަށް އަހަރެންދެކެ ލޯތްބެއްނުވެވޭނެ، އޭނާއަށް ލޫންގެ މަތިން، އެ މީހުންގެ އުފަންނުވާ ދަރިފުޅުގެ މަތިން ހަނދާނެއްނުނެތޭނެ، އަރްސަލް އަހަރެން ގެނައީ އަހަރެންގެ ކިބައިން ބަދަލު ހިފަންވެގެން، އަހަރެން ވަރަށް ކެތްކޮށްފިން... އެކަމަކު އަރްސަލް އެދޭ ބަދަލު އަހަންނަކަށް ނުދެވޭނެ، އާނާ، ޒަމާންތަކަކަށްފަހު އަހަރެންގެ ފުރަތަމަ ރަޙުމަތްތެރިއަކަށްވީ މީހަކީ ތީ، ރާދުއަކީ ވަރަށް ރަނގަޅު މީހެއް، ހަލަފްއަކީ އަހަރެންނާ އެއްކޮށްޅަށް ފުރަތަމަ އަރްސަލްއާ ޖަދަލުކުރި ރަޙުމަތްތެރިޔާ، އައި ލަވް ޔޫ ގައީޒް، އަރްސަލްގެ ސަބަބުން ތި އެންމެނާ ބައްދަލުވީ، އެކަމާ އުފާވޭ... އެކަމަކު މި ނޫންގޮތެއްނެތް، އަހަންނާއި އަރްސަލްއަކީ އާނާއާއި ރާދު ފަދަ ކަޕްލްއެއްނޫން، މި ހުރިހާ ވާހަކައެއް ނުދައްކާ ދާން ބޭނުންވީ، އެކަމަކު އޭރުން ވަދާއުކިޔާނޭ ފުރުޞަތެއްނުލިބޭނެ، ޝުކުރު އަދާކުރާނޭ ފުރުޞަތު ވެސް ގެއްލިގެން ދާނެ... އެއްވެސް އެއްޗެކޭ ނުބުނެ ދިއުމަށްވުރެ ހުރިހާކަމެއް ކިޔައިދީފައި ދާން ބޭނުންވީ، އާނާ، އަހަންނާ އިތުރު ސުވާލުތަކެއް ނުކޮށް އަހަރެންގެ މި ނިންމުމާ ރުހެދީ" ނިމްރާ ތެދުވެގެން އައިސް ޝިހާނާގެ ކުރިމަތީ ހުއްޓުނެވެ.

"ނިމް... އިޓްސް އަ މިސްއަންޑަސްޓޭންޑިންގް... އަރްސަލް ބޭނުމެއްނޫން ނިމްއާ ވަކިވާކަށް" ނިމްރާގެ ދެއަތުގައި ހިފާލުމާއެކު ޝިހާނާ ބުންޏެވެ.

"އެނގޭ... އަރްސަލް އަހަރެން ދިޔަކަނުދޭނެ. އޭނާ އަހަރެން ހުއްޓުވާނެ، އަހަރެން އަރްސަލް ގާތުގައި ވެސް ބުނެފައި ދާނީ، ސޯ ޕްލީޒް... އަހަރެން އަރްސަލްއާ ވާހަކަދައްކަންދެން އެއްވެސް އެއްޗެއް އާނާ ނުބުނާނަންކަމަށް ވަޢުދުވޭ، އަހަރެންގެ ދުލުން ނުބުނާހާ ހިނދަކު މިކަމަށް ނިމުމެއް ހިޔެއްނުވޭ އަންނާނޭހެން" ނިމްރާ ބުންޏެވެ.

"ދެން ކީއްވެ ދާން ތިއުޅެނީ، އަހަރެމެން އެންމެން ވެސް ނިމްއަށް ޓަކައި މި ތިބީ، ޔޯ އާ ނޮޓް އެލޯން އެނީމޯ، ހީ ރިއަލީ ލަވްސް ޔޫ" ޝިހާނާ އާދޭހުގެ ރާގެއްގައި ބުންޏެވެ.

"ގުޑްބައި އާނާ، އަދި އިރާދަކުރެއްވިއްޔާ ދިމާވާނެ، ތެންކިއު ފޯ އެވްރިތިންގް" ޝިހާނާގެ ގައިގާ ނިމްރާ ބައްދާލިއެވެ. ޝިހާނާއަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. ބިރުގެންފައި ހުރި މީހަކު ފަދައިން ނިމްރާއަށް ބަލަން ހުރެވުނީއެވެ. އޭނާގެ ކުރިމަތީގައި ނިމްރާގެ ސިފަޖެހިގެން މީހަކު ހުރި ފަދައެވެ. އެއީ ނިމްރާއެކޭ ޝިހާނާގެ ހިތް އެއްބަހެއްނުވިއެވެ. ނިމްރާއާއި އަރްސަލްއަކީ ވަކިވާނޭ ދެ މީހުންނެއްނޫނެވެ. އެ ދެ މީހުންގެ ގޮތްދޫނުކުރުމާއި ދެބަސްވުންތަކަކީ އެ ދެ މީހުންގެ ދެމެދުގައި އޮތް ލޯބި ފާޅުކޮށްދޭ ރަމްޒެކެވެ.

"އަދި އެއްކަންތަ، އަހަރެން ބޭނުމެއްނޫން ތިރިއަށްދާކަށް، ކާއެއްޗެހި ކޮޓަރިއަށް ގެނެސްދީފާނަންތަ؟" ނިމްރާ ހިނިތުންވެލިއެވެ. ނަމަވެސް ޝިހާނާގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. އޭނާ އަވަސް އަވަހަށް އެ ކޮޓަރިން ނުކުތީއެވެ.
ޝިހާނާ ނުކުތުމުން ނިމްރާ ފޯނު ހިފައިގެން އައިސް ޗާޖަށް ޖެހިއެވެ. ޒިވަންއާއެކު ކާރުގައި އިނދެފައި ނިއްވާލި ފޯނު ހުޅުވީ އަދިކިރިޔާއެވެ. އޭނާ އީވާގެ ނަންބަރަށް ޑައިލް ކުރިއެވެ.

"އީވާ... އައި ނީޑް ޔޯ ހެލްޕް، މިވަގުތު އެހީއަކަށް އެދެން ތި ނޫން ފްރެންޑެއްނެތް" އީވާ ފޯނުކޯލު ނެގުމުން ނިމްރާ ބުނެލިއެވެ. ނިމްރާގެ ވަށައިގެން ތިބި މީހުންގެ ތެރެއިން އަރްސަލްގެ ބާރާއި ނުފޫޒު ނުފޯރާނޭ މީހަކަށް ހަމައެކަނި ހުރީ އީވާއެވެ. އޭނާގެ އެހީއަކަށް ނިމްރާ އެދުނީ އެހެންވެއެވެ. އަރްސަލްގެ ނުފޫޒު ނުފޯރާހާ ދުރަށް ދާން ނިމްރާ ބޭނުންވަނީއެވެ. އިވާ މެދުވެރިކޮށް ގާޑަންވިއު ހޮޓެލްއިން ކޮޓަރިއަށް ނިމްރާ ހަމަޖެއްސިއެވެ. އެތަނަކީ އީވާގެ ބައްޕަގެ އެންމެ ގާތްއެކުވެރިޔާގެ ހޮޓެލެކެވެ. އެތަނުގައި ހުރުމަށް ނިންމީ އަރްސަލްއަށް އެތަނަށް އަންނަން ނުކެރޭނޭ ނިމްރާއަށް ހީވާތީއެވެ. ހެނދުނު ބަދަލުވާން ބޭނުންވާކަން އީވާގެ ގާތުގައި ނިމްރާ ބުނެލިއެވެ. ވީގޮތެއް އޮޅުން ފިލުވަން އީވާ ސުވާލުކުރިއެވެ. މާދަމާގެ ވަގުތެއްގައި އީވާއާ ބައްދަލުކުރާނަން ކަމުގައި ނިމްރާ ބުންޏެވެ. އެވަރުން އީވާ ހިތްހަމައެއްނުޖެހުނެވެ. ހެނދުނު ގާޑަންވިއު ހޮޓެލްއަށް ނިމްރާ ގޮވައިގެންދާން އޭނާ އަންނާނަން ކަމުގައި ބުންޏެވެ. އީވާ އެދުނުވަރުން ނިމްރާ އެކަމާ އެއްބަސްވީ އަރްސަލްގެ ކުރިމަތީގައި ނިމްރާއާ އެއްކޮޅަށް އަރާނޭ ރަޙުމަތްތެރިއަކު ހުންނާނޭކަން އެނގޭނެތީއެވެ. އީވާގެ ކުރިމަތީގައި ނިމްރާއަށް ކަމެއްކުރަން އަރްސަލް ފަސްޖެހޭނެތީއެވެ.

"ސްޓޮޕް ހާ ޕްލީޒް... ޝީޒް ގޯން އިންސޭން..." ބިރެއްފެނިފައި ހުރިހެން ޝިހާނާ ބުނެލިއެވެ. އެއާއެކު ކާމޭޒު ދޮށުގައި ތިބި ތިން ޒުވާނުންގެ ސަމާލުކަން ވަގުތުން ޝިހާނާއަށް ހުއްޓުނެވެ. އަރްސަލް ގޮނޑިން ތެދުވުމުން ރާދިންއާއި ޒިވަން ވެސް ތެދުވިއެވެ.

ނިމްރާގެ ކޮޓަރިއަށް އަރްސަލްއަށް ވަދެވުމާއެކު ހުއްޓުނެ އެރިއެވެ. ރަގުމަތީ ހުޅުވާފައި އޮތް ފޮށި އޭނާއަށް ފެނުނީއެވެ. އެހެން ހުއްޓާ ހެދުންތައް ހިފައިގެން ނިމްރާ އައިތަން ފެނުނެވެ. އޭނާ ވެސް ހުއްޓުނީ އަރްސަލް ފެނިގެންނެވެ. އެވަގުތު އަރްސަލްގެ ފަހަތުގައި ތިބި ރާދިންއާއި ޒިވަން ކުރިއަށް ޖެހިލައިފިއެވެ.

"ނިމް... ކީއްތިކުރަނީ، ކީއްވެ ފޮށްޓަށް އެއްޗި އަޅަނީ" ހައިރާންކަން ވެރިވެފައި ހުރި ރާދިން ސުވާލުކުރިއެވެ. (ނުނިމޭ)