ވިޔަފާރި

ރާއްޖޭގެ އިމްޕޯޓް 10 ޕަސެންޓް ދަށްވެއްޖެ

Jun 11, 2015

މިދިޔަ އަހަރުގެ މެއި މަހާ އަޅާ ބަލާއިރު މި އަހަރުގެ މެއިމަހު ރާއްޖޭގެ އިމްޕޯޓް 10 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ކަސްޓަމުން ބުނެފި އެވެ.

ކަސްޓަމަރުން ނެރެފައިވާ މިދިޔަ މަހުގެ އިމްޕޯޓް/ އެކްސްޕޯޓް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މެއި މަހު ރާއްޖެއަށް 2.63 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، މި އަހަރުގެ މެއި މަހު އެތެރެކޮށްފައިވަނީ 2.36 ބިލިއަން ރުފިޔާ އެވެ.

ކަސްޓަމުން ބުނި ގޮތުގައި ރާއްޖޭގެ އިމްޕޯޓް ދަށަށް ދިއުމުގެ އެއް ސަބަބަކީ ތެލުގެ އަގަށް އައިސްފައިވާ ބަދަލެވެ.

"މި މުއްދަތުގައި އިމްޕޯޓް ކުރެވުނު މިންވަރު ދަށްވެފައިވާއިރު، މިދިޔައަހަރު މި ދުވަސްވަރާ އަޅާބަލާއިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މިއަހަރު ވަރަށް ބޮޑަށް ދަށަށްގޮސްފައިވުމާއި، މިދިޔަ އަހަރުގެ މެއި މަހާ އަޅާ ބަލާއިރު މިއަހަރުގެ މެއި މަހު ދިވެހިރާއްޖެއަށް ތެލުގެ ބާވަތްތައް އެތެރެކުރި މިންވަރު، ޢަދަދުގެ ގޮތުންވެސް މަދުކަން ފާހަގަކުރެވެ އެވެ. އެހެންނަމަވެސް، ތެލުގެ ބާވަތްތައް ފިޔަވައި ދިވެހިރާއްޖެއަށް އާންމުކޮށް އިމްޕޯޓް ކުރެވޭ މައިގަނޑު ބާވަތްތައް އިމްޕޯޓްކުރި މިންވަރު މިމުއްދަތުގައި އިތުރުވެފައިވާކަން ފާހަގަކުރެވެ އެވެ،" ކަސްޓަމުން ބުނެފައިވެ އެވެ.

ކަސްޓަމުގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރާ އަޅާ ބަލާއިރު ރާއްޖޭގެ އެކްސްޕޯޓުވެސް ވަނީ 12 ޕަސެންޓް ދަށްވެފަ އެވެ. މިދިޔަ އަހަރުގެ މެއި މަހު 241.3 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، މިއަހަރުގެ މެއި މަހު ދިވެހިރާއްޖެ އިން އެކްސްޕޯޓްކޮށްފައިވަނީ 213.3 މިލިއަން ރުފިޔާގެ މުދަލެވެ.

ކަސްޓަމުން ބުނީ ރާއްޖޭގެ އެކްސްޕޯޓް ދަށްވުމުގެ މައިގަނޑު އެއް ސަބަބަކީ ކަޅު ބިލަމަހާއި ފަރޯޒަން ޓޫނާ ރާއްޖޭން ބޭރުކުރި މިންވަރު 50 ޕަސެންޓް ދަށްވުމެވެ.