ރިޕޯޓް

އަބުރުގެ ގާނޫނު އެއްކޮށް އުވާލަންވީތަ؟

"މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ހަމަތައް ބަޔާންކުރުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 33 ވަނަ މާއްދާގެ ދަށުން ލިބިދޭ، މީހުންގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު ކަށަވަރުކޮށްދިނުމުގެ ގާނޫނެވެ." މިއީ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ތައާރަފެވެ.

އޮގަސްޓް 11، 2016 ގައި ތަސްދީގުކޮށް އަމަލު ކުރަން ފެށި އެ ގާނޫނަކީ ނޫސްވެރިންނަށް ކުރިމަތިވި ބޮޑު ފިއްތުމެކެވެ. އެ ގާނޫނު ވުޖޫދަށް އަޔަ ނުދިނުމަށް ޕްރެޝަރު ކުރުމަށް އެ ބިލާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖުވެސް ކުރި އެވެ. އަދި އެ އިހުތިޖާޖު ތަކުގެ ތެރެއިން ގިނަ އަދަދެއްގެ ނޫސްވެރިން ހައްޔަރުކޮށް، ބައެއް ނޫސްވެރިންނަށް އަނިޔާވެ ފަރުވާވެސް ދޭން ޖެހުނެވެ.

އެގާނޫނު އޭރު ފަރުމާ ވެގެން އައި ގޮތުން އޭރު ސަރުކާރުގެ ބޭނުމަކަށް ވެފައި އޮތީ، ސަރުކާރުން ހިންގާ އަމަލުތަކުގެ ވާހަކަ ދެއްކުން ހުއްޓުވުމެވެ. މީޑިއާއިން އެ ކަންކަން ރިޕޯޓް ކުރިޔަ ނުދީ ސަރުކާރުގެ ބިރު ދެއްކުމުގެ ތެރޭގައި ރަނގަޅަށް ބަދެލުމެވެ. ބޮޑެތި ޖޫރިމަނާތައް އެ ގާނޫނުގެ ތެރެއަށް ވައްދައި ނޫސްވެރިންގެ އަނގަތައް ބަންދުކޮށްލި އެވެ. ނަމަވެސް އެ ގާނޫނުގެ އުވާލައި ނޫސްވެރިންނަށް އޮތް ބިރު ނައްތާލުމަކީ އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރިޔާސީ ވައުދެކެވެ. ސުވާލަކީ އެ ގާނޫނު އެކީ އުވާލުމަކީ ހައްލެއް ހެއްޔެވެ؟ ނޫނީ އެ ގާނޫނު އުވާލަން ޖެހޭ ހެއްޔެވެ؟

ވަކިވަކި ނޫސްވެރިިންގެ މައްޗަށް ދައުވާ ކުރެވޭ ގޮތަށް ގާނޫނު އޮތުމާއި ނުބައްދަލު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމާއި، އެ ޖޫރިމަނާ ނުދައްކާ އިސްތިއުނާފު ކުރުމުގެ ހައްގު ނޯންނަ މައްސަލަ އަކީ އެ ގާނޫނާ އެކު މީޑިއާތަކުގެ ޝަކުވާ އެވެ. އެއީ ހަގީގަތުގައި މިނިވަން މީޑިއާއެއް ހިންގުމުގައި ހުރި ބޮޑެތި ކަންބޮޑުވުންތަކެވެ. ހީކުރެވުނު ގޮތާ އެއްގޮތަށް، އެ ގާނޫނުގެ ދަށުން ސަރުކާރާ ދެކޮޅު ޕޮލިސީއެއްގައި އޮންނަ، ރާއްޖެޓީވީ އާއި ސަންގުޓީވީ އަދި ވީޓީވީވެސް ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ދަތިކޮށްފަ އެވެ.

ހުރިހާ ވެސް މައްސަލައަަކަށް މާ ފުޅާކޮށް އެ ބިލްގައި އަބުރާ ބެހުން މާނަކޮށްފައި އޮތުމެވެ. ލިޔެފައި އޮންނަ ލިޔުމަކުން ކުރެހުމަކުން މީހެއްގެ އަބުރާ ބެހުނު ކަމަށް ކިރިޔާ ހީވިއަސް އެ ގާނޫނުގެ ދަށުން އެއީ އަބުރާ ބެހުމުގެ ކުށެކެވެ.

"އަބުރާބެހުމުގެ ބަހަކީ، މީހަކަށް ނިސްބަތްކޮށް ދައްކާ ވާހަކައެއް ނުވަތަ، ބުނާ ބަހެއް، ލިޔާ ލިޔުމެއް، ކުރަހާ ކުރެހުމެއް ނުވަތަ ތަސްވީރެއް، ކުރާ އިޝާރާތެއް ނުވަތަ ދައްކާ ހަރަކާތެއް ނުވަތަ އިއްވާ އަޑެއްގެ ސަބަބުން މީހެއްގެ ނަމަށް ނުވަތަ ގަދަރަށް ނުވަތަ އިއްޒަތަށް ނުވަތަ ކަރާމާތަށް އުނިކަން ލިބޭނެފަދަ އެއްޗެއް ވިސްނިގެން، ދޭހަކުރެވިގެން، އިހުސާސްކުރެވިގެން ނުވަތަ ސިފަކުރެވިގެންދާ ކޮންމެ ބަހެއް، ލިޔުމެއް، ކުރެހުމެއް ނުވަތަ ތަސްވީރެއް ، އިޝާރާތެއް، ހަރަކާތެއް ނުވަތަ އަޑެއް" އަބުރާ ބެހުމުގެ ކުށް އެ ގާނޫނުގެ ތަފްސީލްކޮށް ދެނީ މިހާ ފުޅާކޮށެވެ.

މީހަކާމެދު ނުވަތަ މީޑިއާއަކާއިމެދު ހަސަދައެއް އޮތް ކޮންމެ މީހަކަށް ނުވަތަ ބަަޔަކަށް އެ މީހެއް ނުވަތަ މީޑިއާއެއްގެ ދުވަސް ދުއްވާލަން މިގާނޫނަށްވުރެ ފަސޭހަގޮތެއް ނޯންނާނެ އެވެ. ހާއްސަކޮށް، ސިޔާސީ މީހުންނަށް ކޮންޓްރޯލް ނުވާ މީޑިއާތައް މައިތިރި ކުރަން މި ގާނޫނަކީ ވަރުގަދަ ހަތިޔާރެކެވެ. އެއަށް ވުރެވެސް ބާރުގަދަ ހަތިޔާރަކަށް މި ގާނޫނު ވަނީ މީޑިއާތައް ރެގިއުލޭޓް ކުރާ މުއައްސަސާތައް ވެސް ސަރުކާރުގެ ފުރިހަމަ ނުފޫޒާއި ބާރުގައި ކޮންޓްރޯލް ކުރާތީ އެވެ. އެ ބިލްގައި ކަންކަން ނިންމުމުގެ ބޮޑު ބާރެއް ބްރޮޑްކޮމްއަށް ދީފައިވާ އިރު އެ މުއައްސަސާގެ ނިންމުންތަކާ އެކު މި ގާނޫނުގެ ނާޖާއިޒު ފައިދާ ސަރުކާރަށް ވަރަށް ރަނގަޅަށް ނެގިދާނެ އެވެ. މިއީ ބާރުގައި ތިބޭ ބަޔަކަށް ނާޖާއިޒު ފައިދާ ނެގޭ ގޮތަށް އެ ބާގަނޑުތަކާ އެކު ވަޖޫދު ކުރުވާފައި އޮތް ގާނޫނެކެވެ. އެ ގާނޫނުން ގެންނަން ބޭނުންވީ ބިރާއި ހިފެހެއްޓުމެވެ. މިދިޔަ ދުވަސްތަކުގެ ތެރޭގައި ފެނުނީ އަބުރުގެ ގާނޫނުގެ ތެރެއިން މީޑިއާތައް ފުޑާލުމަށް ހިންގި ސިލްސިލާއެކެވެ.

އެ ހުރިހާ ކަމެއް އެހެން ހުރި ނަމަވެސް، އެހެން ބަހުސެއް ވެސް ކުރިމަތީގައި އެބަ އޮތެވެ. އަބުރަކީ ރައްކާތެރިކުރަންޖެހޭނެ އެއްޗެކެވެ. ސާބިތު ނުހިފޭ ވާހަކަ ދައްކައި މީހުންގެ އަބުރަށް އަރައިގަތުމަކީ ސަގާފަތަކަށް ވެގެން ނުވާނެ އެވެ. އެކަމަކު، މުޖުތަމައުގެ އިޖުތިމާއީ މިންގަނޑު ވެއްޓިފައި އޮތީ އެހާ ވެސް ދަށު ދަރަޖައަކަށެވެ. ހާލަތު މިހެން އޮތް އިރު އެ ގާނޫނު އެކީ އެކަށް އުވާލުމަކީ ހައްލެއް ހެއްޔެވެ؟ ނޫނީ އެ ގާނޫނުގެ ބައިތަކެއް އިސްލާހު ކުރާނީ ހެއްޔެވެ؟ މިއީ އަހަރުމެންގެ ކުރިމަތީގައި އޮތް ބަހުސެކެވެ.

"އެ ގާނޫނުގައި އެބަހުރި ރަނގަޅު ކަންކަންވެސް، މިސާލަކަށް މީހަކާ މެދު ކުރެވޭ ތުހުމަތެއް. އެމީހެއްކައިރީގައި އެމީހާގެ ބަހެއް ހޯދާފައި ނޫނީ ނުލިޔެވޭނެ. އެއީ ހަމަ ވަރަށް ރަނގަޅުކަމެއް. އެމީހަކަށްވެސް އޭގެން ދިފާއުވާން ފުރުސަތު ލިބޭ ގޮތަށް އެ އޮންނަނީ. ތޯތޯ ވާހަކަތައް ގެނެސްގެން އަބުރު ދުއްވާލުމަށް އޮތް ފުރުސަތު އޭގެ ތެރެއިން ހަނި ކުރަނީ. މިފަދަ ކަންކަން މިއީ ރަނގަޅު ކަންކަން" ބްރޯޑްކޮމްގެ ކުރީގެ މެންބަރަކު ވިދާޅުވި އެވެ. "އެކަމަކު ސުވާލަކީ އެ ގާނޫނު އައީ ރަނގަޅު ނިޔަތުގައި ތޯ؟ އެހެން ނޫން ދެއްތޯ ވީކީ. އެހެން ވީމާ އޭގައި މި އޮންނަނީ މާ ބޮޑަށް އަބުރާ ބެހުން މާނަކޮށްފައި ވެސް. އަނެއްކާ ނުބައްދަލު ފައިންތަކެއް އެ ހުރީ. އެ ހުރިހާ ކަމެއް ކޮށައި މަށައިގެން ނޫނީ އެ ގާނޫނަކީ ރަނގަޅު އެއްޗަކަށް ނުވާނެ،"

އޭނާ ފާހަގަ ކުރެއްވި ގޮތުގައި މުޅި ގާނޫނު އުވާލުމުގެ ބަދަލުގައި މީޑިއާތަކުގެ ހިޔާލު ހޯދައިގެން އެ ގާނޫނަށް ޒަމާނީ އިސްލާހުތަކެއް ގެނައުން މުހިންމެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ޑިފަމޭޝަން ގާނޫނު ނޫނީ އަބުރު ހިމާޔަތް ކުރުމުގެ ގާނޫނު އޮންނަކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެކަމަކު އެ ގާނޫނަކީ، ޖިނާއީ ދައުވާ އުފުލުމާއި، ބޮޑެތި އަދަދުތަކުން މީޑިއާތައް ޖޫރިމަނާ ކުރެވޭ ގޮތަށް އޮންނަ ގާނޫނަކަށް ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެހެން ހައްލަކީ މުޅި ގާނޫނު އުވާލުމެއް ނޫން ކަންނޭނގެ. އޭގެ ބަދަލުގައި ހުރިހާ މީޑިއާތަކަށް ވެސް އެއްބަސްވެވޭ މެދު މިނެއްގައި އަމަލު ކުރެވޭނެ އެއްޗަކަށް ގާނޫނު ހެދުން،" އޭނާގެ ހިޔާލު ފާޅުކުރެއްވި އެވެ.

ސަން މީޑިއާ އެކްޓިން ސީއީއޯ ހިރިގާ އަހުމަދު ޒާހިރު ވިދާޅުވާ ގޮތުގައި، އަބުރާ ބެހުމުގެ ކަންކަން ހުއްޓުވޭނެ މެކޭނިޒަމްއެއް އޮންނަން ޖެހެ އެވެ. އެކަމަކު މިހާރު އޮތް ގާނޫނުގެ ތެރެއިން އެ މެކޭނިޒަމް ނުގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހިރިގާ ޒާހިރު ވިދާޅުވި ގޮތުގައި، އަބުރުގެ މައްސަލަތަކާ ގުޅިގެން ގާނޫނެއް އޮންނާކަށް ނުޖެހެ އެވެ. އެކަމަކު އޭގެ ބަދަލުގައި އެ ކަންކަން ބެލޭނެ އުސޫލުތަކެއް އަންނަން ޖެހެނީ ބްރޮޑްކޮމް އާއި މީޑިއާ ކައުންސިލްގެ ތެރެއިން އެވެ.

"މިހާރު އޮތް ގާނޫނުގެ ތެރެއިން އެކަމެއް ނުކުރެވޭނެ. އެ ގާނޫނު ޖެހޭނީ އުވާލަން. އޭގެ ބަދަލުގައި ބްރޮޑްކޮމް އާއި މީޑިއާ ކައުންސިލްގެ ތެރެއިން އެ ރެގިއުލޭޓަރީ ބޮޑީތަކުގެ އުސޫލުތަކެއްގެ ތެރެއިން އެކަންކަން ބެލޭނެ މެކޭނިޒަމްއެއް މީގައި އޮންނަން ޖެހޭނީ. އެ މެކޭނިޒަމް މި މުހިންމުވަނީ. މިހާރު މި އޮތް ގާނޫނަކުން އެކަމެއް ނުކުރެވޭނެ ،" ހިރިގާ ޒާހިރު ވިދާޅުވި އެވެ.

ރާއްޖޭގެ މާޒީއަށް ބަލާއިރު ވެސް މެއިންސްޓްރީމް ބޮޑެތި މީޑިއާތަކުންވެސް މީހުންގެ އަބުރަށް ހުތުރުވާފަދަ ބަލައިލަން ނުކެރޭ، އަޑުއަހާލަން ހެޔޮނުވާ ޒާތުގެ ކޮންޓެންޓް ވެސް ޝާއިރުކޮށްފައި އެބަހުއްޓެވެ. އެއީ މުޖުތަމައުގެ އާންމު މިންގަނޑުން އެއްވެސް މީހަކު ގަބޫލު ކުރާނެ ކަންކަމެއް ނޫނެވެ. އަބުރުގެ ގާނޫނަކީ އެއްކޮށް ބާތިލް ކުރިޔަސް އެ ގާނޫނުގައި ހުރި ބައެއް އުސޫލުތައް ކޮންމެވެސް އެހެން ސިފައެއްގައި ހުންނަން ޖެހޭ ކަމަށް އެންމެން ވެސް އިއްތިފާގުވެ އެވެ.

އެ ގާނޫނުން ގެނެސްފައި ހުރި ރަނގަޅު އުސޫލުތައް އެއްކޮށް ބާތިލް ކުރުމުގެ ބަދަލުގައި، ގާނޫނަށް އިސްލާހު ހުށަހަޅައި، މީޑިއާތަކުގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ މުހިންމުކަން ބޮޑުވަނީ އެ ވިސްނުމުގައި ކަމަށް ބުނެވިދާނެ އެވެ. ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ ހައްގުގައި ވެސް އިންތަަކަކާއި، މިންތަކެއް ހުންނަން އެބަ ޖެހެއެވެ. އެއީ ހިފެހެއްޓުމެއް އިމެއް ނެތި އޮންނަން ޖެހޭ އެއްޗެއް ވެސް ނޫނެވެ.