ރިޕޯޓް

މަޖިލީހުގެ މެޖޯރިޓީ އެމްޑީއޭ އަތްމަތީގައި!

ޖުލައި 13، 2017 އަކީ ޕާޓީ އިން ވަކިވާ މަޖިލީސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް، "ފްލޯ ކްރޮސިންގެ" އުސޫލެއް ސުޕްރީމް ކޯޓުން ތައާރަފްކުރި ދުވަހެވެ. އެއީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލައެއްގައި ޕީޕީއެމްގެ 12 މެންބަރުން ސޮއި ކުރުމާ ގުޅިގެން އެ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ގެއްލިފައި އޮތް އޮތުމަށް "ޝަރުއީ ފަރުވާއެއް" ހޯދާ އެ 12 މެންބަރުންގެ ގޮނޑި ގެއްލުވާލި ދުވަހެވެ. ތިން ވަނަ ބާރު ގަޑުބަޑުކޮށް، މަޖިލީހުގައި "ތަޅު" އެޅުވުމާއި މެންބަރުން މަޖިލީހުގެ ގޭޓު މަތިން ބޭރުކޮށްލުމުގެ ކުޅިގަނޑު ފެށުނު ހިސާބަކީމި އެވެ.

އޭގެ އެއް އަހަރާއި ތިން މަސް ފަހުން ސުޕްރީމް ކޯޓުން ވަނީ އޮޅުން ބޮޅުން އަރާފައިވާ 12 މެންބަރުންގެ މައްސަލަގައި ޖެހިފައި ހުރި ގޮއްތައް ފިލުވާ، އެ މަައްސަލާގައި ފަހު ގޮތް ކަނޑައެޅުމުގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން އެ ކޯޓުން އިއްޔެ ވަނީ ގޮނޑި ގެއްލުން ކަމަށް ބުނެ ހައްގުތައް ހިފަހައްޓާފައިވާ، ހަތަރު މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވަރަށް ސާފުކޮށް ކަނޑައަޅައި ނިންމައިފަ އެވެ. އެ ހުކުމުގައިވާ ގޮތުން މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި 12 މެންބަރުން ސޮއިކޮށްފައިވަނީ ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން 13 ޖުލައިގައި ނެރުނު ހުކުމްގެ މާ ކުރިން ކަމަށާއި އެހެންކަމުން ގޮނޑި ގެއްލޭ ހުކުމެއް އެ މެންބަރުންނަށް ނުހިނގާނެ އެވެ.

ހަތަރު މެންބަރުންގެ ގޮނޑި ސަލާމަތްވުމާއެކު އަނެއްކާ ވެސް އުފައްދާ ސުވާލަކީ މަޖިލީހުގެ ބާރު އޮތީ ކޮން ފަޅިއެއްގެ އަތުގައި ހެއްޔެވެ؟ އިތުބާރު ނެތްކަމުގެ މައްސަލާގައި މަސީހު ވަކި ކުރުމަށް މީގެ އަހަރެއް ކުރިން އިދިކޮޅު ޕާޓީތަކުން ކުރަން ފެށި މަސައްކަތް މިއަދު އަލުން ކުރެވޭހާ ވަރަށް މެންބަރުން ހަމަވެއްޖެ ހެއްޔެވެ؟

މަޖިލީސް މިހާރު އެތުރިފައިވާ ގޮތަށް ބަލާއިރު ޕީޕީއެމްގައި ފަޅީގައި ތިބީ 34 މެންބަރުންނެވެ. އެއީ ރިޔާސަތުގައި އިންނަވާނެތީ މަސީހާގެ ނަމާއި މިހާރު ވެސް ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި މަޖިލީހުގެ ދަފްތަރުގައިވާ ފާރިސް މައުމޫން ނުހިމަނަ އެވެ. އިދިކޮޅުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ އަދާލަތު ޕާޓީ އަދި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން އަދި ސަލާމަތްވި ހަތަރު ގޮނޑި ހިމަނައިގެން އިދިކޮޅަށް ވެސް ލިބެނީ 34 މެންބަރުންނެވެ.

އިދިކޮޅު މެންބަރުންގެ ހިސާބު މި ޖެހީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ފާރިސް ނުހިމަނަ އެވެ. އެއީ ހުކުމެއް ތަންފީޒު ކުރަމުންދިޔަ މެންބަރުންތަކެއް ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާތީ މަޖިލީހަށް ވަދެވޭނެ ކަމާމެދު ގާނޫނީ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާތީ އެވެ. "އަވަސް"އާ ވާހަކަދެއްކެވި ބައެއް ވަކީލުން ވިދާޅުވީ ކަފާލާތުގެ ދަށުުން އެ ދެ މެންބަރުން ދޫކޮށްލިޔަސް ހުކުމް ބާތިލް ނުކުރާހާ ހިނދަކު އެ މެންބަރުން ވާނީ ހުކުމެއްގެ ދަށުގައި ހުރި މެންބަރުންނެވެ. އެހެންކަމުން މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އެ ދެ މެންބަރުންނަކަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިއެއް ނުވެވޭނެ އެވެ.

ނަމަވެސް ބައެއް ވަކީލުންނާއި އިދިކޮޅު ޕާލިމެންޓަރީ ގްރޫޕްގެ ބައެއް އިސްވެރިން ގަބޫލު ކުރާ ގޮތުގައި ކަފާލާތުގެ ދަށުން މެންބަރުން ދޫކޮށްލުމުން އެ މެންބަރުންނަށް މަޖިލީހަށް ވަދެވޭނެ އެވެ. އެއީ ހުކުމް ތަންފީޒު ކުރަމުން ނުދާހާ ހިނދަކު އެ ފާރިސް އާއި ގާސިމްއަށް ވަދެވޭނެ ކަމަށް އެ މެންބަރުން ވިދާޅުވެ އެވެ.

ކޮންމެއަކަސް ހިޔާލު ތަފާތުވެފައި އޮތުމުން މިވަގުތަށް ފާރިސް އާއި ގާސިމް މި ލިސްޓުގައި ނުހިމަނާނަމެވެ. އޭގެ އިތުރުން ރިޔާސީ އިންތިހާބަށް ފަހު ރާގު ބަދަލުވެފައިވާ ޕީޕީއެމްގެ ބައެއް މެންބަރުން ވެސް އިދިކޮޅު ލިސްޓުގައި ނުހިމަނާ ނަމެވެ. އެއީ އެންޓި ޑިފެކްޝަން ބިލް އޮތްހާ ހިނދަކު ޕީޕީއެމްގެ ތެރެއިން މެންބަރަކު ޕާޓީގެ ވިޕްލައިންއާ ހިލާފުވުމުގެ ފުރުސަތު ކުޑަ އެވެ. އެހެންކަމުން އިދިކޮޅަށް ވެސް އަދި ސަރުކާރަށް ވެސް ލިބެނީ 34 މެންބަރުންނެވެ.

ދެން އޮތީ މިހާތަނަށް ވެސް ސަރުކާރާ ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި އޮތް އެމްޑީއޭ އެވެ. އެ ޕާޓީ ވެސް މަޖިލީހުގެ ފަސް ސީޓު ނަގާފައިވެ އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި އެމްޑީއޭ މުޅިން ސައިލެންޓުވެފައި އޮތް އޮތުމާއި ސަރުކާރާ ހިޔާލު ތަފާތުވެފައިވާ ކަމަށް އަޑު ފެތުރިފައި އޮތުމުން ސީދާ އެ މެންބަރުން ތިބީ ކޮން ސްޓޭންޑެއްގައި ކަމެއް އަދި ތިލައެއް ނުވެ އެވެ. އެހެންކަމުން މަޖިލީހުގެ މެޖޯރިޓީ މިވަގުތު ބުރަ ވަނީ އެމްޑީއޭގެ މެންބަރުން ތިބޭ ފަޅިއަކަށެވެ. އެމްޑީއޭގެ ފަސް މެންބަރުން ބުރަވާ ކޮޅަކަށް މަޖިލީހުގެ މެޖޯރިޓީ ބުރަވެގެން ދާނެ އެވެ. އެހެން ވީމާ މިޖިލީހުގެ މެޖޯރިޓީގެ ބާރު މި އޮތީ އެމްޑީއޭގެ އަތް މަތީގަ އެވެ.