12 މެންބަރުންގެ މައްސަލަ

ސިނާން އާއި އަބްޅޯގެ ގޮނޑީގެ އަޑުއެހުން ބުރާސްފަތި ދުވަހު

އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލުވާލާފައިވާ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދުގެ ގޮނޑީގެ މައްސަލާގެ ޝަރީއަތް އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް
ހަމަޖެހިއްޖެ އެވެ.

އެ ދެ މެންބަރުންގެ ވަކީލަކު މިއަދު ވިދާޅުވި ގޮތުގައި އަންނަ ބުރާސްފަތި ދުވަހަށް މައްސަލާގެ އަޑުއެހުން ތާވަލުކޮށް ވަކީލުންނަށް މިއަދު ވަނީ ޗިޓް ފޮނުވާފަ އެވެ.

ބެލެވޭ ގޮތުގައި އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލުވާލާފައިވާ އެހެން މެންބަރުންގެ މައްސަލަތައް ވެސް ވަރަށް އަވަހަށް ތާވަލުކުރާނެ އެވެ. ގޮނޑިއާމެދު ގޮތެއް ނުނިމޭ އަށް މެންބަރަކު މިހާރު ވެސް އެބަ ތިއްބެވި އެވެ.

އެއީ މެންބަރު ސިނާނާއި އަބްދުﷲގެ އިތުރުން އިލްހާމް އަހުމަދާއި ސައުދުﷲ ހިލްމީ އާއި މުހައްމަދު އަބްދުﷲ، މުހަންމާ އާއި އަލީ ޝާހް އާއި ހުސެއިން ޝަހުދީ އަދި މުހައްމަދު މުސްތަފާ އެވެ.

އިއްޔެ ސުޕްރީމް ކޯޓުން ވަނީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު އަދި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ވައްޑެގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފަ އެވެ.

އެ ހުރިހާ މެންބަރުންގެ ގޮނޑި ވެސް ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅީ ސުޕްރީމް ކޯޓުން ނެރުނު ފްލޯ ކްރޮސިންއާ ގުޅޭ ހުކުމަށް ރިޔާއަތްކޮށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ގަރާރުގައި ސޮއި ކުރެއްވި މެންބަރުންނެވެ.

އެ މެންބަރުން އެ ގަރާރުގައި ކުރެއްވި ސޮއި އަނބުރާ ނަގަން ޕީޕީއެމްއިން އަންގާ، ސޮއި ނުނެގުމުން ޕާޓީއިން ވަނީ ސުލޫކީ ފިޔަވަޅު އަޅާ އެ ޕާޓީއިން މެންބަރުން ވަކިކޮށްފައިވާ ކަމަށް އިލެކްޝަން ކޮމިޝަނަށް އަންގާފަ އެވެ. އެ ފިޔަވަޅު އެ މެންބަރުންނަށް ޕީޕީއެމްއިން އެޅީ ހުރިހާ މެންބަރުން ވެސް ޕީޕީއެމްއިން ވަކިވާން ހުށަހަޅާފައިވަނިކޮށެވެ. އެގޮތަށް ހުށަހެޅީ ފްލޯ ކްރޮސިންގެ ހުކުމުގެ ކުރިންނެވެ.

އެ ހުކުމްގައިވާ ގޮތުން މެންބަރެއްގެ ގޮނޑި ގެއްލޭނީ އެ ހުކުމް ނެރުނު ދުވަހުގެ ފަހުން އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނުވަތަ ބަދަލުވެއްޖެނަމަ އެވެ.

އިއްޔެ ހަތަރު މެންބަރުންގެ މައްސަލާގައި އިއްވާފައިވާ ހުކުމްގައި ބުނެފައިވަނީ ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ނެރެފައިވާ އެއްވެސް އުސޫލެއް އެ ހުކުމް ނެރުމުގެ ކުރިން ހިނގާފައިވާ ކަމަކާ ގުޅިގެން ތަތުބީރު ނުވާނެ ކަމަށެވެ. އެހެންވެ، އަމީތާއި ސައުދާއި ލަތީފް އަދި ވައްޑެއަށް އެޅި ސުލޫކީ ފިޔަވަޅަކީ ސައްހަ ސުލޫކީ ފިޔަވަޅެއް ކަމަށް ބެލި ނަމަވެސް، އެ ހުކުމަށް ރިޔާއަތްކޮށް މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށެވެ.

ސަބަބެއް ކަމަށް ހުކުމްގައި ބުނެފައި އޮތީ، ސުލޫކީ ފިޔަވަޅު އެޅި އަމަލު ކަމަށްވާ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރުމަކީ ހުކުމްގެ ކުރިން ހިނގާފައިވާ އަމަލެއް ކަމަށްވާތީ ކަމަށެވެ. އެ މެންބަރުންނާމެދު އެޅި ފިޔަވަޅުގެ އިޖުރާއަތްތައް ފެށިފައިވަނީ ހުކުމްގެ ކުރިން ކަމަށްވާތީ އެ ހުކުމަށް ރިޔާއަތްކޮށް މެންބަރުންގެ ގޮނޑި ގެއްލޭނެ ހަމައެއް ނެތް ކަމަށް ބުނެފައިވެ އެވެ.