ގާސިމް އިބްރާހިމް

ދަރިން ބަލާ ގާސިމް ސްކޫލް ދޮށަށް

ސިޔާސީ މީހުންނަކީ އަބަދުވެސް ވަރަށް އަވަދިނެތި އުޅޭ ބައެކެވެ. ކޮންމެވެސް ބަޔަކާ ބައްދަލުކޮށް ސިޔާސީ ބޮޑު ކަންތައްގަނޑެއްގެ ތެރޭގައި މުޅި ދުވަސް ހޭދަކުރަންޖެހެ އެވެ. އާއިލާއަށް ވަގުތު ނުދެވުމަކީ ސިޔާސީ މީހުންގެ ވެސް އެންމެ ބޮޑު ޝަކުވާ އެވެ. މި ހުރިހާ ކަމަކުން ބޯދަމައިގަނެ އާއިލާއަށް ކޮންމެވެސް ވަރަކަށް ވަގުތު ހުސްކުރާ މަދު ސިޔާސީ ލީޑަރުން ވެސް އުޅެ އެވެ. އެކަމަކު މިއީ ސިޔާސީ މީހަކަށް ކުރަން އެހާ ފަސޭހަކަމެއް ނޫނެވެ.

ޖަލަށް ލާން ކުރި ހުކުމަށް ފަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން ޖަރުމަނުގައި ދިރިއުޅުއްވުމަށް ފަހު މިދިޔަ ހަފްތާ ރާއްޖެ ވަޑައިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މި ފެންނަނީ އާއިލާއަށް ވަގުތު ހުސްކުރައްވާ ތަނެވެ. އާއިލީ ޒިންމާ އަދާކުރެއްވުމަށް މަސައްކަތް ކުރައްވާތަނެވެ.

މިނިވަން ވުމާއެކު ރާއްޖެ ވަޑައިގެން އެއާޕޯޓަށް ވަޑައިގެން އެންމެ އިސްކަމެއް ދެއްވީ، ހަނގު އަނބިކަނބަލުން އައިޝަތު ނަހުލާއާއި، ދަރިންނާ އެކު ވަގުތު ކޮޅެއް ހޭދަ ކުރެއްވުމަށެވެ. މީގެ ކުރިން އެ އާއިލާއަށް ނުދެވި ގެއްލި ދިޔަ ވަގުތުތައް ފޫބެއްދުމަށް އާއިލީ ޒިންމާއަށް ގާސިމް އިސްކަން ދެއްވި އެވެ.

ގާސިމްގެ ދުވާލުގެ ޝެޑިއުލްގެ ތެރެއިން، ދަރިން ސްކޫލް ނިމޭ ވަގުތު އެކުދިން ބަލައި ސްކޫލް ދޮށަށް މިހާރު ވަޑައިގަންނަވަނީ ގާސިމެވެ. ސޯޝަލް މީޑިއާގައި ޖުމްހޫރީޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހު ޕޯސްޓްކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ކުދިން ބަލައި ގާސިމާއި، އަނބިކަނބަލުން ނަހުލާ އެކުގައި ވަޑައިގަތުމުން، އެ ކުދިން ތިބީ އުފަލުން ފޮޅިފަ އެވެ.

ގާސިމް ސުކޫލް ދޮށަށް ވަޑައިގަތް ވީޑިއޯ

ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ، މިއީ ގާސިމް ދަރިން ބަލާ ސުކޫލް ދޮށަށް ވަޑައިގަތް ފުރަތަމަ ފަހަރު ނޫން ކަމަށާއި، މީގެ ކުރިންވެސް ވަޑައިގަންނަވާ ކަމަށެވެ. އަދި ކުރިއަށް މި އޮތް ދުވަސްތަކުގައި ސިޔާސީ ކަންކަމުން ވަގުތު ހުސްކުރައްވައިގެން، ދަރިން ބަލައި ސްކޫލް ދޮށަށް ގާސިމް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.