ރާއްޖޭ ސަތޭކައެއްހާ ރިސޯޓު އޮތްއިރު، މީގެ ގިނަ ރިސޯޓުތަކުގެ ހެޑް ޝެފުންނަކީ ބިދޭސީންނެވެ. އަދި ގިނަ ރިސޯޓުތަކުގެ މުޅި ބަދިގޭގެ ކޮންޓްރޯލް އޮންނަނީ އެމީހުންގެ އަތުގަ އެވެ. މީގެ އެއް ސަބަބަކީ ދިވެހިން މި ދާއިރާގައި މަދުވުމެވެ. ހޮޓެލް ސްކޫލެއް ހަދައި، އެތަނުން ކުދިން ކިޔެވިނަމަވެސް ކެއްކުމުގެ ދާއިރާގެ ހުނަރު ރާއްޖޭގައި ފެންނަނީ މަދުންނެވެ. ނަމަވެސް ދިވެހި ޝެފުންނަށް ހާއްސަކޮށް، އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖެއް ބާއްވަން ފެށި ހިސާބުން ދިވެހިންގެ މި ހުނަރު މިވަނީ ފެންނަން ފަށާފަ އެވެ. މި މުބާރާތުގެ މުގުލަކީ ދިވެހި ކުންފުންޏެއް ކަމަށްވާ ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އެވެ. އެ ކުންފުނިން ކަލިނަރީ ޗެލެންޖު ސްޕޮންސާ ކުރުމުގެ އިތުރުން ދިވެހި ޝެފުން ބޭރަށް ފޮނުވަން ފެށިފަ އެވެ. ނަތީޖާއަކަށްވީ ހުނަރުވެރިންގެ މި ހުނަރު އާއްމުވާން ފެށުމެވެ. މި ދާއިރާއަކީ ވެސް ދިވެހިން ތިބި ދާއިރާއެއްކަން ގިނަ ބަޔަކު ގަބޫލު ކުރުމެވެ.
"އަޅުގަނޑުމެން މި ބާއްވާ ކަލިނަރީ ޗެލެންޖުން އެއްވަނައަށް މި ދެނީ މި ގައުމުން ބޭރަށް ގޮސް މުބާރާތްތަކުގައި ވާދަކޮށްލުމުގެ ފުރުސަތު. ދުނިޔޭގެ ލެވަލްގެ ޝެފުންނާ ވާދަ ކުރުމުގެ ފުރުސަތު. މިގޮތަށް ބައިވެރިވާ ފަރާތްތަކުން ރަން ވަނަތައް ވެސް ހޯދާފައިވޭ،" ބީބީއެމްގެ ހެޑް އޮފް މާކެޓިން އަލީ އަފްރާހު ހަސަން ވިދާޅުވި އެވެ.
އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ ތެރެއިން ލިބުނު ފައި ފުރުސަތުތަކާއެކު ދިވެހި އެތަށް ނަމެއް މިވަނީ މަގުބޫލުކަން ހޯދާފަ އެވެ. އަދި މިހާރު މި ހުނަރުވެރި ދިވެހިން ވެގެން ގޮސްފައިވަނީ ސެލެބްރިޓީންގެ ގޮތުގަ އެވެ. ކެއްކުމުގެ ހުނަރު ދައްކުވައިދޭ ރޯލް މޮޑެލުންގެ ގޮތުގަ އެވެ.
ގޮންޖެހުން ބޮޑު، އެކަމަކު ނަތީޖާ ފޮނި
ކަލިނަރީ ޗެލެންޖު ޖަޖުކުރަނި ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވޯލްޑް ޝެފްސް- ޑަބްލިއުއޭސީއެސް) އިންނެވެ. މި މުބާރާތުގައި މިދިޔަ އަހަރު 500 މީހުން ބައިވެރިވެފައިވެ އެވެ. ނަމަވެސް މި އަހަރު މި އަދަދު 620 އަށް އިތުރުވެފަ އެވެ. މީގެތެރޭގައި 300 އެއްހާ ދިވެހިން ވެސް ހިމެނެ އެވެ. މުބާރާތުގައި ބައިވެރިވާ މީހުންގެ އަދަދު އަހަރުން އަހަރަށް މަތިވިނަމަވެސް މިފަދަ މުބާރާތެއް އިންތިޒާމު ކުރުމަކީ ރާއްޖެ ފަދަ ގައުމެއްގައި ކޮންޖެހުން ބޮޑު ކަމެއް ކަމަށް ބީބީއެމްއިން ވެސް ދެކެ އެވެ.
ކުރިން ވާހަކަ ދެއްކެވި، އަފްރާހު ވިދާޅުވީ މުބާރާތް އިންތިޒާމު ކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިވީނަމަވެސް، ޝެފުން އެއް ތަނަކަށް ގެނެވޭނެ ޕްލެޓްފޯމެއް ގާއިމް ކުރުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އަހަރުން އަހަރަށް ކަލިނަރީ ޗެލެންޖުގައި ބައިވެރިވާ މީހުން އިތުރުވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއް އަމާޒެއް ހުރިހާ ފަރާތްތައް އެއް ތަނަކަށް ގެނައުމަކީވެސް. ރާއްޖެ އުފެދިފައި އޮތް ގޮތުން މިކަމުގައި ގޮންޖެހުންތައް މަދެއް ނޫން. މިކަން ނެޓްވޯކިން ފޯރަމްއެއްގެ ގޮތުގައި މި ބޭއްވެނީ. ބައެއް ފަހަރު ބައެއް ޝެފުންނަށް ޗުއްޓީ ނުލިބުން ފަދަ މައްސަލަތައް ވެސް ދިމާވެ. އެކަމަކު އެހެން ދިމާވާ ފަހަރުތަކުގައި ވެސް އެ ބޭފުޅުންނަށް އެހީތެރިކަން ދެން. ރިސޯޓުތަކުން މިކަމަށް އެއްބާރުލުން ވެސް ދޭ،" އަފްރާހު ވިދާޅުވި އެވެ.
މި ދާއިރާގެ މުސްތަގުބަލް ވަރަށް އުޖާލާ
ދުނިޔޭގެ އެންމެ ބޮޑެތި ބްރޭންޑުތައް ހިދުމަތްދޭ އެއް ގައުމަކީ ހަމަގައިމު ވެސް ސިންގަޕޫރަށް ވާނެ އެވެ. ނަމަވެސް ސިންގަޕޫރު އުފެދިގެން އައިއިރު އެ ގައުމުގެ މަތީ ބްރޭންޑުތަކުގައި މަސައްކަތް ކުރާ ޝެފުންގެ ބޮޑު ބަޔަކީ ބޭރު މީހުންނެވެ. ނަމަވެސް އެ ގައުމުގައި ކެއްކުމުގެ ބޮޑެތި މުބާރާތްތައް ބާވައި، މީހުން ތަމްރީން ކުރުމުގެ ނަތީޖާއަކަށްވީ މިހާރު ސިންގަޕޫރުގެ ގިނަ ބަޔަކު ކެއްކުމުގެ ވަޒީފާގައި އެކި ގައުމުތަކުގައި މަސައްކަތް ކުރުމެވެ.
ހޮޓެލް އޭޝިއާ އިންތިޒާމުކުރާ، މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) ގެ ޖެނެރަލް މެނޭޖަރު ހުސެއިން ރައޫފު ވިދާޅުވީ
"ރާއްޖޭގެ ލޯކަލް ޝެފުން އިންޓަނޭޝަނަލް ޝެފުންނާ އެއް ދަރަޖައަކަށް ގެނައުމުގެ ހިޔާލަކީ [ބީބީއެމްގެ ޖީއެމް މުހައްމަދު މަޒްލޫމް] ގެ ވިސްނުންފުޅު. މި މަސައްކަތުން މިހާރު ދިވެހި ގިނަ ބަޔަކަށް އެ ފުރުސަތު ދަނީ ލިބެމުން. މި މުބާރާތް [ކަލިނަރީ] ބާއްވާ ޑައިރެކްޓަރު އެލަން ޕާމާމެންގެ ފަދަ ބޭފުޅުންގެ ވިސްނުން ފުޅަކީ ދިވެހިން މަސައްކަތް ކުރާ ދާއިރާ އަކަށް މި ދާއިރާ ހެދުން،" ރައޫފު ވިދާޅުވި އެވެ.
މި މަގުސަދުގައި ކުރަމުން ގެންދާ މަސައްކަތުގައި މިހާރު ވެސް މިވަނީ ހަގީގީ ކުލަޖެހެމުންނެވެ. މީގެ ހެއްކަކީ މި އަހަރުގެ މުބާރާތުގައިވެސް 300 ދިވެހިން ބައިވެރިވުމެވެ. އެއް ސަބަބަކީ ހޮޓެލް އޭޝިއާގައި އޮންނަ އިންޓަނޭޝަނަލް ކަލިނަޖީ ޗެލެންޖެވެ. ކަލިނަރީ ޗެލެންޖުން ދިވެހި ޝެފުންނަށް އާ ހިތްވަރެއް ލިބޭ މުބާރާތަކަށެވެ.