ރިޕޯޓް

ހޮޓެލް އޭޝިއާ މި މަހު: ހާއްސަ ވަނީ ކީއްވެ؟

ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ މަގުބޫލު އެއް ފެއާ މި މަހު އޮންނާނެ އެވެ. ކުރިން މި ފެއާ ބާއްވަން އޮތީ މިދިޔަ މަހު އެވެ. "ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް 2018" މިހާރު ބާއްވަން ނިންމި އާ ތާރީހަކީ މިމަހުގެ 10-12 އަށް، ދަރުބާރުގޭގަ އެވެ. ސުވާލަކީ އާ ތާރިހުގައި ފެއާ ބާއްވާއިރު، ފެއާ ހާއްސަވާ ސަބަބަކީ ކޮބައި ހެއްޔެވެ؟

ހަމަ ގައިމު ވެސް މި ފެއާ މިމަހު އޮންނައިރު ހާއްސަވާ އެއް ސަބަބަކީ އިންތިހާބަށް ފަހު "ހޫނުކަން" މަޑުވަމުން ދިއުމެވެ. އަނެއް ސަބަބަކީ ކުރިން ފެއާ ބާއްވަން ނިންމި ތާރީހުގައި ފެއާ ބޭއްވިނަމަ ދަރުބާރުގެ ހިމެނޭ ސަރަހައްދުން ދަތުރު ކުރުމަށް ދަތިތަކާ ދިމާވުމެވެ. ސަބަބަކީ އޭރު އަދި "ސިނަމާލެ ބްރިޖް" ހުޅުވައި މާކަގިނަ ދުވަހެއް ވެސް ނުވެ އެވެ. ނަމަވެސް މިމަހު މިފެއާ ބޭއްވުމަކީ ހުޅުމާލޭގެ ގެސްޓްހައުސްތަކުގައި ތިބެފައި ފެއާއަށް އަންނަ ބައިވެރިންނަށްވެސް ލިބިގެންދާނެ ލުޔަކަށް ނޫނީ ނުވާނެ އެވެ.

ހޮޓެލް އޭޝިއާ އިންތިޒާމުކުރާ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) އިން ބުނެފައިވާ ގޮތުގައި ފެއާގެ ތާރީހު ބަދަލު ކުރުމުންވެސް ހުރިހާ އެގްޒިބިޓަރުންހެން ބައިވެރިވެފައިވާ ކަމަށެވެ.

"މި ފުރުސަތުގައި އިންތިޒާމުކުރާ ފަރާތުގެ [މެކްސް] ގެ ހައިސިއްޔަތުން ސްޕޮންސަރުންނާއި އެގްޒިބިޓަރުން ދިން ސަޕޯޓަށް ޝުކުރު އަދާކުރަން. ފެއާގެ އާ ތާރީހު [މިމަހުގެ 10-12 ] އަށް ބަދަލު ކުރުމުން ބައިވެރިންގެ 95 ޕަސެންޓް ވަނީ ފެއާގައި ބައިވެރިވެފައި،" މެކްސްއިން ބުނެފައިވެ އެވެ.

ބާއްވަމުން އަންނަތާ 14 ވަނަ ހޮޓެލް އޭޝިއާ ފެއާގައި ފެއާގައި ވެސް 46 ގައުމަކުން 250 ކުންފުނި ބައިވެރިވެފައިވާ ކަމަށެވެ. އަދި މި ކުންފުނިތަކުން 2،000 އަށްވުރެ ގިނަ ބްރޭންޑް ޑިސްޕްލޭ ކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. މި އަހަރުގެ ހޮޓެލް އޭޝިއާ ފެއާގައި ރާއްޖޭގައި ހުރި އެންމެ ފެންވަރު މަތީ ރިސޯޓުތަކަށް ހާއްސަ ގިނަ ޕްރޮޑަކްޓްތަކެއް ދައްކާލާނެ އެވެ. ނަމަވެސް ހޮޓެލް އޭޝިއާ އެންމެ ފުރަތަމަ ފެށިއިރު ބާއްވާފައިވަނީ 60 ސްޓޯލާއި 10 ފަރާތާއެކުގަ އެވެ. ނަމަވެސް މިހާރު ފެއާ ވަނީ 180 ސްޓޯލަށް އިތުރުވެފަ އެވެ. އަދި ފެއާގައި އޮސްޓްރޭލިއާ އާއި ކެނެޑާ އަދި ޗައިނާގެ އިތުރުން ދުބާއީ އާއި ޔޫއޭއީ އަދި ހޮންކޮންގް އާއި އިންޑޮނޭޝިއާ އާއި އިޓަލީ އަދި މެލޭޝިއާ އަދި ސިންގަޕޫރާއި ސްޕެއިން އަދި ސްރީލަންކާ އާއި ތައިލެންޑް އަދި އިނގިރޭސި ވިލާތާއި އެމެރކާގެ ކުންފުނިތަކުން ބައިވެރިވެ އެވެ.

މި އަހަރުގެ ފެއާ ބާއްވަނީ ވެސް ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އިން އެންޑޯޒް ކޮށްގެންނެވެ.

މެކްސް އިން ބުނީ މި އަހަރުގެ ފެއާގައިވެސް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކުންފުނިތަކުން ފެއާގައި ބައިވެރިވެ، ޓޫރިޒަމް ސިނާއަތަށް ހާއްސަކޮށް ނެރެފައިވާ އެންމެ ފަހުގެ އުފެއްދުންތަކާއި ފަރުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ދައްކާލާނެ ކަމަށެވެ. އަދި ފެއާގެ ތެރޭގައި ކެއުން ބުއިމަށް ހާއްސަކޮށް ތަކެތި އުފައްދާ ކުންފުނިތަކުގެ އުފެއްދުންތަކާއި އިމާރާތްތައް ފަރުމާކުރުމާއި ކުނި ނައްތާލަން ބޭނުންކުރާ ފަހުގެ ޓެކްނޮލޮޖީސްތައް ދައްކާލަން ބަހައްޓާނެ ކަމަށެވެ. އަދި އައުޓް ޑޯ ފަރުނީޗަރާއި ސޮފްޓްވެއާ ސިސްޓަމްތަކާއި ސެކިއުރިޓީ އާލާތްތައްވެސް ދައްލާނެ ކަމަށެވެ.

ހޮޓެލް އޭޝިއާ ފެއާގެ މި އަހަރުގެ މެއިން ސްޕޮންސާއަކީ ވެސް ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އެވެ. އެ ކުންފުންޏަކީ ރާއްޖޭގެ ލޯކަލް ބާޒާރާއި ރާއްޖޭގެ އެންމެ މަތީ ފެންތީގެ ރިސޯޓުތަކަށް ބޭނުންވާނެ ތަފާތު އުފެއްދުންތައް ފޯރުކޮށްދޭ ކުންފުންޏެވެ. ދުނިޔޭގެ އެންމެ ގިނަ ޕްރޮޑަކްޓްތައް އުފައްދާ ކުންފުނި ޔުނިލިވާގެ ގިނަ އުފެއްދުންތަކެއް ރާއްޖޭގައި ވިއްކާ ކުންފުނިން މި ފެއާގެ މެއިން ސްޕޮންސާގެ ގޮތުގައި ބައިވެރިވާތާ ވަނީ ގިނަ އަހަރުތަކެއް ވެފަ އެވެ.

ހޮޓެލް އޭޝިއާ ފެއާގެ ތެރޭގައި އޮންނަ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖަކީ މިގޮތަށް ބާއްވާތާ އެންމެ ދުވަސްވީ އެއް ހަރަކާތެވެ. ރާއްޖޭގެ ގިނަ ރިސޯޓުތަކާއި ދުނިޔޭގެ އެތަށް މިތަނުން ކައްކާއިން ބައިވެރިވެގެން ބާއްވާ މި ފެއާގެ ތެރޭގައި އޮންނަ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވޯލްޑް ޝެފްސް- ޑަބްލިއުއޭސީއެސް) އިންނެވެ. އެންމެ ފަހުން ބޭއްވި މި މުބާރާތުގައި 550 މީހުން ބައިވެރިވެފައިވެ އެވެ.