ފްލެޓް މައްސަލަ

މިފަހަރު ވެސް ފްލެޓްތައް "ބަހާލީ"! ބޭއިންސާފުގެ ކޮޅެއް ނެތް!

ހައުސިން މިނިސްޓްރީން އިއްޔެ އިއުލާންކުރި "ހިޔާ" ފްލެޓް ލިބޭ މީހުންގެ ލިސްޓަށް އެތައް ހާސް ދިވެހިންނެއް އިންތިޒާރުކުރި އެވެ. ހިޔާ މަޝްރޫއަކީ ބޯހިޔާވަހި ކަމަށް އާދޭސް ކޮށްކޮށް ތިބި އެތައް އާއިލާއެއްގެ ޝަކުވާތަކަށް ނިމުމެއް ގެންނާނެ މަޝްރޫއެއް ކަމަށް ހީކުރެވުނެވެ. މަޝްރޫއަށް ފޯމް ލުމުގެ ފުރުސަތު ބަންދުވިތާ، އެންމެ ހަތަރު މަސްދުވަހުގެ ތެރޭގައި 7000 ފްލެޓްގެ ހައްގުވެރިން ކަނޑައަޅައި އިއްޔެ ހައުސިން މިނިސްޓްރީ އިން އިއުލާންކުރީ ފްލެޓަށް ހުށަހެޅި ޖުމްލަ 22614 މީހުންގެ ފޯމްތައް ބަލައި ފުރާނައިގެން އެވެ. ނަމަވެސް އިއްޔެ ހައުސިން މިނިސްޓްރީން ފްލެޓް ދިން މީހުންގެ ލިސްޓު އާންމުކުރުމާއެކު އެތައް ހާސް ބައެއްގެ ޝަކުވާތަށް އޮހިގަތެވެ.

ފްލެޓް ލިބުނު މީހުންގެ ލިސްޓު އިއްޔެ ނެރުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ފްލެޓް ދިނުމުގައި އެފަރާތުގެ ހާލަތައް ވިސްނާފައިވާނެ ކަަމަށާއި ފްލެޓްތައް ދީފައިވަނީ ވަރަށް ބަލައި ވަރަށް ގިނަ ގޮތްގޮތަށް ބަލައިގެން އަޅާ ކިޔައިގެން ކަމަށެވެ. އެހެންކަމުން ފްލެޓް މިފަހަރު ދީފައިވާ ގޮތާ މެދު ފާޑުކިޔާނެ ޖާގައެއް ނުލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް މިނިސްޓަރުގެ މި ވާހަކަފުޅު ގަބޫލު ނުކުރެވުނީ ހިޔާ ފްލެޓްތަކަށް މިފަހަރު ފޯމްލި އެތަކެއް ސަތޭކަ މީހުންނަށެވެ. ފޯމް ތަކަށް މާކްސް ދޭނީ ފޯމްތަކާއެކު ހުށަހަޅާ ޑޮކިއުމަންޓްތަކަށް ބެލުމަށްފަހު، ގޭގެއަށްގޮސް ދިރިއުޅުމުގެ ހާލަތު އިވެލުއޭޓްކޮށްގެން ކަމަށް މިނިސްޓަރު މީގެ ކުރިން ވިދާޅުވި ނަމަވެސް މިނިސްޓްރީން ގޭގެއަކަށް ނުދެ އެވެ. އެހެންކަމަށް ވާނަމަ މާސްކް ދިނުމުގައި މިނިސްޓްރީން އަމަލުކުރި ގޮތުގެ ތެދު ތަފްސީލް ހާމަކޮށްދޭން ޖެހެ އެވެ.

"ދިރިއުޅުމުގެ ހާލަތެއް ނުބަލާ. އަހަރެންގެ ރަހުމަތްތެރިއަކަށް ވެސް ފްލެޓް ލިބުނު. އެއީ މީގެ ހަ މަސް ކުރިން ދޫކުރި ތިން ކޮޓަރީގެ ފްލެޓްތަކުން ދެމަފިރިންގެ ތެރެއިން އަނބިމީހާއަށް 3 ކޮޓަރީގެ ފްލެޓް ލިބިފަ ވަނިކޮއް އަނެއްކާ މިފަހަރު މިދޫކުރި ފްލެޓް ތަކުގެ ތެރެއިން ހަމަ އެދެމަފިންގެ ތެރެއިން ފިރިމީހާޔައް މިފަހަރު ވަނީ ފްލެޓް ލިބިފައި. މީ ކަހާވަރަކަށް ބެލީމަ ވެގެން އުޅޭ ގޮތެއްބާ،" ފްލެޓް ނުލިބުމުން މާޔޫސްވެފައިހުރި މީހަކު އޭނާގެ ޓުވިޓާގައި ލިޔެފައިވެ އެވެ.

22000 ފޯމް އިވެލުއޭޓް ކުރަން ދެ ދުވަސް!؟

ހިޔާ މަޝްރޫއުގެ ފްލެޓަށް އެދި ފޯމް ލާން ހައުސިން މިނިސްޓްރީއިން މިދިޔަ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުއްދަތު ހުޅުވާލުމުން 22614 މީހުން އެ މިނިސްޓްރީއަށް ފޯމް ހުށަހެޅި އެވެ. އެހެން ނަމަވެސް ހިޔާ މަޝްރޫއު ކުރިއަށްގެންދާ ގޮތާމެދު އޭސީސީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ މަޝްރޫއު ވަގުތީ ގޮތުން ކުރިއަށް ނުގެންދަން އޭސީސީ އިން ހައުސިން މިނިސްޓްރީ އަށް އަންގައި އެ މައްސަލަ ބެލުމަށްފަހު، މަޝްރޫއު ކުރިއަށް ގެންދިއުމުގެ ހުއްދަ އޭސީސީ އިން ހައުސިން އަށް ދޫކުރީ މި ހަފްތާގެ އާދީއްތަ ދުވަހު އެވެ. އެހެން ކަމަށް ވާނަމަ އިއްޔެ އާ ހަމައަށް އެތައް ހާސް ފޯމެއް އިވެލުއޭޓްކޮށް ފްލެޓް ލިބޭ މީހުން ކަނޑައަޅަން ހައުސިން މިނިސްޓްރީއަށް ލިބޭނީ ދެ ދުވަހެވެ.

އެހެން ވިސްނުމަކުން ވިސްނާނަމަ، އޭސީސީއިން "ހިޔާ" ގެ މަސައްކަތްތައް މަޑުޖައްސާލަން އެންގި މުއްދަތުގައި ހައުސިން އިން ފޯމް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔަ ނަމަވެސް އެ ހުރިހާ ފޯމެއް އިވެލުއޭޓް ކުރަން މިނިސްޓްރީއަށް ލިބޭނީ ޖުމްލަ އަށް ދުވަހެވެ. މިއީ އެތައް ހާސް ފޯމެއްލީ ބޯހިޔާވަހިކަމާ ގުޅޭ ސްކީމެއްގެ ފޯމްތައް އިވެލުއޭޓްކޮށް އޭގެ އެންމެ ހައްގުވެރިން ކަށަވަރު ކުރަން ވަރަށް ކުރު މުއްދަތެކެވެ.

"އެންމެ އަށް ދުވަހުގެ ތެރޭގައި ހައުސިން މިނިސްޓްރީން ހިޔާ ފްލެޓްތައް އިވެލުއޭޓްކޮށް ނިންމާލުމުން އަހަރެން ހައިރާންވޭ،" ފްލެޓް ދިން ގޮތާމެދު ސުވާލު އުފައްދައި މީހަކު ޓުވީޓުކޮށްފައިވެ އެވެ.

މާކްސް ދިން ގޮތުގެ ތަފްސީލާއި ވަނަވަރު ހާމަކުރޭ!

ސަރުކާރުން ފްލެޓް ދިން ކޮންމެ ފަހަރެއްގައި ނަޒާހަތްތެރިކަމާ މެދު އެތަކެއް ސުވާލުތަކެއް އަބަދުވެސް އާދެ އެވެ. އެތައް ބަޔަކު އަދިވެސް ގަބޫލުކުރާ ގޮތުގައި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުން ދޫކުރި 704 ފްލެޓް ވެސް ހައުސިން މިނިސްޓްރީން މާކްސް ދިން ގޮތަކަށް ދީ "ބަހާލީ" އެވެ. އެ ފްލެޓްތައް މީހުންނަށް ދިން އިރު ވަރަށް މަތިން މާކްސް ލިބުނު ބައެއް މީހުންނަށް ފްލެޓް ނުވެސް ލިބެ އެވެ.

ފްލޓް ދިން ގޮތާ މެދު މި ފަހަރު އާންމުންގެ ޝަކުވާތައް މާގިނަ އެވެ. އަނެއްކާވެސް ހައުސިން މިނިސްޓްރީ އިން އެތަކެއް ރައްޔިތުންގެ ހައްގު ގެއްލޭ ގޮތަށް ފްލެޓް ދީފައިވާ ކަމަށް ތުހުމަތުތައް ކުރާއިރު ރައްޔިތުން އެދެނީ ފޯމްތައް އިވެލުއޭޓް ކުރި ގޮތުގެ ތަފްސީލު ހާމަކުރުމަށެވެ. މިއީ މިނިސްޓްރީގެ ނަޒާހަތްތެރިކަން ރައްޔިތުންނަށް ސާބިތުވާނެ ކަމެއް ނަމަ އެކަން ހައުސިން މިނިސްޓްރީ އިން ކުރަންވެސް ޖެހެ އެވެ.

ހައުސިން މިނިސްޓްރީ އިން މިފަހަރު ފްލެޓްތައް ލިބުނު މީހުންގެ ލިސްޓު އާއްމުކުރީ ޕޮއިންޓުގެ އަދަދާ ވެސް އެކު އެވެ. ނަމަވެސް ޕޮއިންޓް ލިބުނު ގޮތާއި ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

"އިވެލުއޭޓް ކުރި ގޮތް ބުނަންޖެހޭ. މިވަރުގެ ގިނަ ބައެއްގެ މަސްލަހަތު މިކަމުގައި އޮތީތީވެސް އެކަން މިނިސްޓަރު ކުރައްވަންޖެހޭ. އިވެލުއޭޝަންގައި އުޅުނު ޓީމްގެ މައުލޫމާތުވެސް ހާމަކުރަން ގޮވާލަން،" އެހެން މީހަކު ޓްވީޓުކޮށްފައިވެ އެވެ.

ރައްޔިތުންނާ މިހާ ބޮޑު ގުޅުމެއް އޮތް މަޝްރޫއެއްގެ ކަންތައްތައް އަވަސް އަރުވާލައިގެން ނިންމުން އެތައް ބައެއްގެ ޝަކުވާޔާ ސުވާލު މިދަނީ އޮހެމުން އެވެ. އެކަމަކު، ކިތަންމެ ވަރަށް ޝަކުވާ ކުރިޔަސް އޭގެން ވާނެ ކަމެއް ނިކުންނާނެ ނަތީޖާއެއް އޮތް ކަމަކަށް ނުފެނެ އެވެ.